ވިޔަފާރިތަކާއި ރިސޯޓު ތަކުންނާއި އެހެހެނިހެން ގޮތް ގޮތުން ސަރުކާރަށް ލިބެންޖެހޭ 15 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމުގެ މަސައްކަތް ރައްޔިތުން މަޖިލީހުން ކުރަން ނިންމައިފިއެވެ. ވިޔަފާރި ތަކުން ސަރުކާރަށް ނުލިބިހުރި، މި ފައިސާ ހޯދަން ނިންމާފައި ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންނެވެ.
ސަަރުކާރަަށް ލިބެން ހުރި ފައިސާގެ އަދަދު ތަކާއެކު، އެފައިސާ ހޯދުމުގެ މަސައްކަތް މަޖިލީހުން ކުރައްވާނެ ކަމަށް ވިދާޅުވެ، މާލިއްޔަތު ކޮމިޓީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު މިއަދު އެކްސް ގައިވަނީ ޕޯސްޓެއްވެސް ކުރައްވައިފައެވެ.
ނާޒިމްގެ ރަސްމީ އެކްސް އެކައުންޓުގައި އޭނާ ވިދާޅުވެފައި ވަނީ، އަންނަ އަންގާރަ ދުވަހު ބާއްވާ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ޓެކްސް ކޮމިޝަނަރު ހާޒިރުކޮށް، އެކަމާމެދު ސުވާލު ކުރައްވާނެ ކަމަށެވެ. އެކި ފަރާތް ތަކުން ދައުލަތަށް ނުދައްކައި ހުރި ފައިސާ ހޯދަންޖެހޭ ކަމަށާއި، އެ ނޫން ގޮތެއް ނެތް ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ އެ ފައިސާ ނުލިބި ވަނީ ކީއްވެގެންކަން ސާފުވާން ޖެހޭ ކަމަށެވެ. އަދި އެކަމުގެ އެންމެ ފުނަށް ފީނަން ޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އާއްމު ކުރެއްވި ތަފާސް ހިސާބު ތަކުން ދައްކާ ގޮތުން ޓެކްސް އާއި ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި އެކި ފަރާތް ތަކުން ސަރުކާރަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 7.8 ބިލިއަން ރުފިޔާއަށް އަރައެެވެ. ޓެކްސް ނޫން ގޮތް ގޮތުން ލިބެންޖެހޭ ފައިސާގެ އަދަދު 7.7 ބިލިއަން ރުފިޔާއަށް އަރައެވެ. އެހެން ކަމުން ޖުމްލަ އަކީ 15.4 ބިލިއަން ރުފިޔާ އެވެ.
ދައުލަތަށް ލިބެންޖެހި، ނުލިބިވާ ކަމަށް ނާޒިމް ހާމަ ކުރެއްވި ފައިސާ:
ސީދާ ޓެކްސް ތަކާއި ކުލީގެ ގޮތުގައި 9.6 ބިލިއަން
ބިމު ކުއްޔާއި ސީއެސްއާރުގެ ގޮތުގައި 6.9 ބިލިއަން
ފައިސާ ނުދެއްކުމުން ޖޫރިމަނާ 5.9 ބިލިއަން
ޖީއެސްޓީން 3.3 ބިލިއަން
ޓީޖީއެސްޓީން 1.7 ބިލިއަން
ކޯޕަރޭޓް އިންކަމް ޓެކްސް 1.1 ބިލިއަން
ވިޔަފާރި ފައިދާގެ ޓެކްސް 416.9 މިލިއަން
އެއާރޕޯޓް ޓެކުހާއި ފީ 414.2 މިލިއަން
ގްރީން ޓެކްސް 289.4 މިލިއަން
ޕްލާސްޓިކް ކޮތަޅު ފީ 110.4 މިލިއަން
ވިތް ހޯލްޑިން ޓެކްސް 236.1 މިލިއަން
އެހެނިހެން ފީ ތަކުން 670.7 މިލިއަން ރުފިޔާ
ދަނޑުވެރި ކަމަށް ދޫކޮށްފައިވާ ރަށް ތަކުން 80.5 މިލިއަން
މިނިވަން ދުވަހުގެ ޚާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުން، ދައުލަތަށް ލިބެންޖެހޭ 513 މިލިއަން ޑޮލަރު ކުރީގެ ސަރުކާރު ތަކުގެ އިހުމާލުން ނުލިބި އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ރޭ ވަނީ ވިދާޅުވެފައެވެ.
އެ ފައިސާ ހޯދަން މި ސަރުކާރުން މަސައްކަތް ފެށުމާއެކު އެކި ފަރާތް ތަކުން އެ ފައިސާ ދައްކަން ފަށާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.