އިދިކޮޅުގައި ތިއްބަސް، ސަރުކާރުގައި ތިއްބަސް ބޭރު ގައުމަކާ ދިމާކުރާކަށް ނުވާނެ: ޝާހިދު

އިދިކޮޅުގައި ތިއްބަސް، ސަރުކާރުގައި ތިއްބަސް ބޭރު ގައުމަކާ ދިމާކުރާކަށް ނުވާނެ: ޝާހިދު

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތަސް، އަދި ސަރުކާރު ހިންގާ ޕާޓީގެ ގޮތުގައި އޮތަސް، ބޭރުގެ އެއްވެސް ގައުމަކާ ދިމާކޮށް، ޒުވާބު ކޮށްގެން ނުވާނެ ކަމަށް އެމްޑީޕީގެ ރައީސް، އަދި ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ދެފަހަރު ކުރެއްވުމުގެ އިތުރުން، އދ.ގެ އާންމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ޚާރިޖީ ދާއިރާގައި މިވަގުތު ރާއްޖޭގައި ހުންނެވި އެންމެ ތަޖުރިބާކާރު ފަރާތް ކަމަށްވާ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި "ރާއްޖެޓީވީ" އިން ގެނެސް ދެމުން އަންނަ ޚާއްސަ ޕްރޮގްރާމްގައި މިއަދު ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ބޭރުގެ އެއްވެސް ގައުމަކާ ދިމާކުރުމަކީ ރާއްޖޭގެ ވެރިކަމަށް އަންނަން ބޭނުންވާ ބޭފުޅަކު ނުވަތަ ބަޔަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އެފަދަ ކަމެއް ކޮށްފިނަމަ، އޭގެ ނޭދެވޭ އަސަރު ކުރާނީ މުޅި ދިވެހި ގައުމަށާއި ހުރިހާ ރައްޔިތުންނަށް ކަމުގައި ވިދާޅުވިއެވެ.

"ޚާރިޖީ ގުޅުންތައް ގެންގުޅެން ޖެހޭނީ ވަރަށް ޒިންމާދާރު ގޮތަކަށް. އިދިކޮޅުގަ ތިއްބަސް، ސަރުކާރުގަ ތިއްބަސް. އަޅުގަނޑުމެން މިއަދު މިތިބީ އިދިކޮޅުގަ. އަޅުގަނޑުމެންނެއް މިއަދުގެ ސަރުކާރުން ބަޔެއް ގައުމުތަކާއެކު ބާއްވަވާ ގުޅުންތަކާ ބެހޭގޮތުން އެއްޗެހި ކިޔާކަށް ނުނިކުމޭ. ނުވެސް ނިކުންނާނަން. އަޅުގަނޑުމެންގެ މަސައްކަތެއް ނޫން އެގައުމުތަކާ ދިމާކުރުން. އަޅުގަނޑުމެން އިދިކޮޅު ޕާޓީގެ ގޮތުން ބަސް ރައްދު ކުރާނީ އޭރަކު އޮތް ސަރުކާރުން ކަންކުރައްވާ ގޮތާދޭތެރޭގައި. އަޅުގަނޑުމެންނަށް ވެރިކަން ލިބުނީމާ އަޅުގަނޑުމެން ގޮސް އަނެއްކާވެސް ވާހަކަ ދައްކަން ޖެހޭނީ ހަމަ އެ ގައުމުތަކާ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހާ ހަމައަށް އިނގިރޭސިންގެ ރައްކާތެރިކަން ލިބިގެންވާ ގައުމެއްގެ ގޮތުގައި އޮތުމަށްފަހު، އެ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު، ދިވެހި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމާއި ގުޅިގެން، އަމިއްލަ ޚާރިޖީ މިނިވަންކަމެއް ގާއިމް ކުރުމަށް އޭރު ލިބިގެންދިިޔަ ފުރުޞަތާއި ހަމައިން ވާހަކަފުޅު ދައްކަވާފައެވެ.

" ޖުލައި 26 ގައި ލިބުނު މިނިވަންކަމުގެ ތެރޭގައި މިއޮތީ އަޅުގަނޑުމެން އަމިއްލަ ޚާރިޖީ ސިޔާސަތު ހިންގުމުގެ މިނިވަންކަމާއި، ދިފާއީ ކަންތައްތައް އަޅުގަނޑުމެން އަމިއްލައަށް ޒިންމާ ނަގަންޖެހުމާއި، އަޅުގަނޑުމެންނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި މުޅި ދުނިޔެ ގަބޫލު ކުރުމުގެ ނިޒާމް" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ 1965 ވަނަ އަހަރު ރާއްޖެއަށް މިނިވަންކަން ލިބުމާއެކު އޭރު ރާއްޖޭގެ ލީޑަރުން ނިންމެވީ އދ.ގެ މަޖިލީހުގެ މެމްބަރަކަށް ދިވެހިރާއްޖެ ހެދުން ކަމަށެވެ.

"އޭރުވެސް އަޅުގަނޑުމެންނަށް ފެންނަން އެބައޮތް އޭރުގެ ލީޑަރުންގެ ވިސްނުންފުޅަކީ ވީހާވެސް އަވަހަކަށް ދުނިޔެއާ ލާމެހި ގުޅިގެން ދިޔުންކަން. އޭގެ ބޭނުމަކަށް މިވަނީ އަޅުގަނޑުމެން ކަހަލަ ކުޑަކުޑަ ގައުމަކަށް އެންމެ ބޮޑު ރައްކާތެރިކަމެއް ލިބިގެން ދާނީ ދުނިޔޭގެ ހުރިހާ ގައުމަކާއެކު ގުޅުން ބަދަހިކޮށް، ބައިނަލްއަޤްވާމީ ޤާނޫނުގެ ރައްކާތެރިކަން ލިބިގެންކަން،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް މިއަދު އާދެވިފައިވާ ހިސާބަށް އާދެވިފައި މިތިބީ އެކި ސަރުކާރު ތަކުންނާއި، ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ. ވަކި ސަރުކާރެއްގެ، ވަކި ޒަޢީމަކު ގިނިކަންޏާ ކުރެއްވި މަސައްކަތުގެ ސަބަބުން ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ޒިންމާއަކަށް މިއަދު ވެފައިމިއޮތީ މުޅި ދުނިޔެއާ ގުޅިގެން، މުޅި ދުނިޔެއާ ރަޙްމަތްތެރިކަން ބާއްވައިގެން، ބޭރު ގައުމުތަކާ ޖެހިނުގަނެ، ރީތިކޮށް، އަޅުގަނޑުމެންނަށް ލިބިފައި އޮތް ފަޚުރުވެރި ކަމުގައި ހަމައިސްކޮޅަށް ތެދުވެލައިގެން ދިވެހިން ކުރިއަށް ދިޔުން" ޝާހިދު ވިދާޅުވިއެވެ.

ރާއްޖޭގައި ބޭރުގެ ގައުމަކާ ދެކޮޅަށް ފަހުގެ ތާރީޚެއްގައި އެންމެބޮޑު ހަރަކާތެއް ހިންގި "އިންޑިޔާ އައުޓް" ހަރަކާތާބެހޭ ގޮތުން ޝާހިދު ވިދާޅުވީ އެކަމާމެދު އަބަދުވެސް އެމަނިކުފާނު ވިދާޅުވަމުން އައީ އެއީ އެއްވެސް ހަގީގަތެއް ނެތް "ފޭކު ނިއުސް" އެއްކަން މިއަދު ދިވެހި ރައްޔިތުންނަށް ސާފު ވެއްޖެ ކަމަށެވެ. އަދި އެއީ ސިޔާސީ ވަގުތީ މަންފާއެއް ހޯދުމަށް ބަޔަކު ހިންގި ކަމަކަށް ވީނަމަވެސް، އެކަމުގެ ގެއްލުން ދިވެހިރާއްޖެއަށް ބައިނަލްއަގްވާމީ މައިދާނުން ލިބެމުން ދާކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.

"ތަކުރާރުކޮށް އެ ވާހަކަތައް ދައްކަމުން ދައްކަމުން ގޮސް ރައްޔިތުންނަށް އޮޅޭ ހިސާބަށް އެ ވާހަކަތައް ގެންދެވި. އޭގެ ސަބަބުން އަޅުގަނޑުމެންނާ އިންޑިޔާއާ އޮތް ގުޅުމަށް އެކަންޏެއްނޫން ބުރޫ އަރާނީ. އަޅުގަނޑުމެންނާ އެހެން ގައުމުތަކާ އޮންނަ ގުޅުމަށްވެސް އަސަރު ކުރާނެ. ގައުމު ތަކުގެ ވެރިންނާއެކު ނުވަތަ ގައުމުތަކުގެ އެކިއެކި އޮފިޝަލުންނާއެކު އިށީދެ ވާހަކަ ދައްކަންޖެހޭ ހިނދު، އެބޭފުޅުން ހިތްޕުޅުގައި އޮންނާނެ އަބަދުވެސް ކުރީގަ އިދިކޮޅުގަ ތިއްބެވިއިރު، އެބޭފުޅުން އަމަލު ކުރެއްވި ހުތުރު ގޮތް" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ބޭރުގެ އެއްވެސް ގައުމަކާ ޖެހިގަތުމަކީ ދިވެހި ރައްޔިތުންނަށް ފައިދާއެއް އޮތް ގޮތެއް ނޫން ކަމަށެވެ.

"އަޅުގަނޑު އޭރުވެސް ދަންނަވަމުން ގެންދިޔައިން ސަރުކާރަކަށް ވަޑައިގަތުމުގެ ވިސްނުންފުޅުގައި އުޅުއްވާ ބޭފުޅުން ކުރައްވާ ކަހަލަ ކަމެއް ނޫނޭ ތީކީ. ސަރުކާރަށް ވަޑައިގެންފިއްޔާ ހަމަ އިންޑިޔާއާއެކުވެސް ގުޅުން ބާއްވަން ޖެހޭނެ. އަޅުގަނޑުމެންނަށް އެ މަންޒަރުތައް ފެންނަމުން މިދަނީ. އަޅުގަނޑުމެންގެ ސަރުކާރުގައި އޮތްވަރަށް އިންޑިޔާއާއެކު (މި ސަރުކާރުވެސް) ގުޅުން އެބައޮތް. އެއްވެސް ކަމެއްގަ ގުޅުމެއް ނުކެނޑޭ. ހަމަ ހުރިހާ ކަމެއްވެސް ކުރިއެކޭ އެއްގޮތަށް އެހެރަ ގެންގުޅެނީ. ހަމަ އެއްވެސް ކަމަކަށް ބަދަލެއް ނާދޭ. ނުވެސް އަންނާނެ،" ޝާހިދު ވިދާޅުވިއެވެ.

ނަމަވެސް މިހާރުގެ ސަރުކާރުގެ އިސްވެރިން އިދިކޮޅުގައި ތިބިއިރު އިންޑިޔާއާމެދު ކަންކުރި ގޮތުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އެބަކުރޭ. އަނެއްކާ އެއީ އިންސާނީ ތޮބީއީ ކަމެއް އެކަހަލަ ކަންތައް ވަމުން ދިއުން. އެއީ އެކޮޅުގައިވެސް ކަންކަން ނިންމަވަން ތިއްބަވާ ބޭފުޅުންނަށް ރައްދުކޮށް ބަދު ބަސްބުނެ، އިޙްތިރާމް ކުޑަވާ ގޮތަށް އަމަލު ކޮށްގެން ދިިޔައިމަ" ޝާހިދު ވިދާޅުވިއެވެ.

އިންޑިޔާއާމެދު ނަފްރަތު އުފެއްދުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކޮށްފައިވާ ނޭދެވޭ އަސަރު ޝާހިދު ފާހަގަ ކުރެއްވިއެވެ. އެ ނަފްރަތު ސޯޝަލްމީޑީޔާގައި ބޮޑުވެގެން ގޮސް، ރާއްޖެއަށް އިންޑިޔާ ފަތުރުވެރިން ނައުމަށް ގޮވާލިކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.

"ސޯޝަލް މީޑިޔާގަ ހިނގި ކަމަކާއި ގުޅިގެން، ބޮލީވުޑްގެ ތަރިންނަށް ދަންދެން ނުކުމެ ރާއްޖެއާ އިދިކޮޅަށް އެއްޗެހި ބުނާ ހިސާބަށް ދިޔައީ. އޭގެ ނަތީޖާއަކީ މިއަދު އިންޑިޔާއިން އަންނަ ފަތުރުވެރިންގެ އަދަދު މަދުވެގެން ދިޔުން" ޝާހިދު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *