ވަކި ޕާޓީއެއްގެ ބަޔަކަށް ވީތީ އެމީހުން މަސައްކަތް ކުރަނީ ޤައުމުގެ މިނިވަންކަން ނަގާލުމަށް ކަމަށް ބުނެ ލޭބަލް ކުރުން ހުއްޓާލަން ޖެހޭކަމަށާއި، އަދި ގައުމީ ބޮޑެތި ކަންކަމުގައި ހުރިހާ ސިޔާސީ ޕާޓީތަކަށް އެއްބަސްވެވެން ޖެހޭނެ ކަމަށް އެމްޑީޕީގެ ރައީސް، އަދި ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި "ރާއްޖެ ޓީވީ" އިން މިއަދު ހެނދުނު ގެނެސްދިން ޚާއްސަ ކަވަރޭޖްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މިނިވަން ދުވަހު ކުރަންވީ ކަމަކީ ނަފްރަތު އުފެއްދުމާއި މީހުންގެ ހިތުގައި ބިރުވެރިކަން އުފެއްދުން ހުއްޓާލުން ކަމަށެވެ. އަދި މިނިވަން ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީ ތަކަށް އެކަން ކުރުން ހުއްޓާލުމަށްވެސް ޝާހިދު ވަނީ ގޮވާލައްވާފައެވެ.
"ނަފުރަތުގެ ސިޔާސަތުތައް، ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމުގެ ސިޔާސަތުތައް. ރައްޔިތުން ވަކި ގޮތަކަށް ސިޔާސީ ގޮތުން ލޭބަލް ކުރުމުގެ ސިޔާސަތުތައް ހުއްޓާލަންވީ. ޤައުމީ ކަންތައްތައް ތަކުގައި ވަކި ހަމައެއްގައި ހުރިހާ ސިޔާސީ ޕާޓީ ތަކަށް އެއްބަސް ވެވެން ޖެހޭނެ. އަޅުގަނޑުމެން އެންމެންނަކީ ދިވެހިން ކަމަށް އެއްބަސް ވެވެންޖެހޭ،" ޝާހިދު ވިދާޅުވިއެވެ.
އެންމެންގެވެސް މަގްސަދަކީ އިސްލާމް ދީން ޙިމާޔަތްކޮށް، ދިވެހިރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ބޭއްވުންކަން އެއީ އަޅުގަނޑުމެން އެންމެންނަށް އެއްބަސް ވެވެންޖެހޭ ކަންކަން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މިފިކުރުތަކާ ދެކޮޅަށް މަސައްކަތްކުރާ އެއްވެސް ސިޔާސީ ޕާޓީއެއް ރާއްޖޭގައި ނެތް ކަމަށާއި އެވިސްނުންތަކާއި ދެކޮޅަށް ޝައުގުވެރި ވެގެން އުޅޭ ޕާޓީއެއްވެސް ނެތް ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ފިތުނަ އުފެއްދުމަށްޓަކައި އެފަދަ ވާހަކަތައް ދެއްކުމަކީ މިނިވަން ދުވަހު އެކަމާ ދެކޮޅު ހަދަންޖެހޭ ކަންކަން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
މީގެއިތުރުން، މިނިވަން ކަމަކީ ބައިބައި ވެގެން ހިފެހެއްޓޭނެ އެއްޗެއް ނޫން ކަމަށާއި މިނިވަން ކަމަކީ އެންމެން އެކަތިގަނޑަކަށް ވެގެން ހިފެހެއްޓޭނެ އެއްޗެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.