ސޯލިހުގެ އެމެރިކާ ދަތުރުފުޅުގެ މައްސަލަ ބާތިލު ކުރަން ބަންޑާރަ ނައިބު އެދިފައިވާތީ، ހުކުމެއް ނީއްވި

ސޯލިހުގެ އެމެރިކާ ދަތުރުފުޅުގެ މައްސަލަ ބާތިލު ކުރަން ބަންޑާރަ ނައިބު އެދިފައިވާތީ، ހުކުމެއް ނީއްވި

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ފައިސާގެ ރަސީދުތައް ހާމަކުރުމާއި ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފޯމު ބާތިލް ކުރަން ބަންޑާރަ ނައިބުގެ ފަރާތުން ހުށަހަޅުއްވާފައި ވާތީ، އެ މައްސަލައިގެ ހުކުމް އިއްވަށް ސުޕްރީމް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ހުކުމް ނީއްވައި ނިންމާލައިފިއެވެ.

މިއަދު އޮތީ އެ މައްސަލައިގެ ހުކުމް އިއްވުމެވެ. ނަމަވެސް އަޑު އެހުން ފެއްޓެވުމަށްފަހު މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުގެ ތެރެއިން، ރިޔާސަތުގައި އިންނެވި، ފަނޑިޔާރު އާއިޝާ ޝުޖޫން ވިދާޅުވީ، މިމަހުގެ 24 ވަނަ ދުވަހު ފޮނުއްވި ސިޓީ އަކުން އެ މައްސަލައިގެ އިސްތިއުނާފް ފޯމު ބާތިލް ކުރެއްވުމަށް ބަންޑާރަ ނާއިބު އެދިވަޑައިގެންފައިވާ ކަމަށެވެ.

ދެން ފަންދިޔާރު ފުރުސަތު ދެއްވީ ބަންޑާރަ ނާއިބުގެ ފަރާތުން އެ އަޑު އެހުމުގައި ބައިވެރިވެ ވަޑައިގަންނަވާ، ބަންޑާރަ ނާއިބު އޮފީހުގެ ސްޓޭޓް ކައުންސިލް އަހްމަދު ނަޝާތު އަށެވެ.

އޭނާ ވިދާޅުވީ، އެ މައްސަލައިގެ އިސްތިއުނާފުގައި، ހައިކޯޓުން ކޮށްފައިވާ ހުކުމާއި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތާއި މައްސަލައާއި ގުޅުން ހުރި ޤާނޫނީ ނުކުތާތައް އަލުން މުރާޖައާ ކުރުމަށްފަހު މި މައްސަލައަކީ އަބުރައި ގެންދިއުމަށް ފެންނަ މައްސަލައެއް ކަމަށް ބަންޑާރަ ނާއިބު ނިންމަވާފައިވާ ކަމަށެވެ. އެހެން ކަމުން އެގޮތަށް ނިންމަވައި ދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

އެކަމާ ގުޅިގެން ފަނޑިޔާރު އާއިޝާ ޝުޖޫން ދެން ފުރުސަތު އެރުވީ އެ މައްސަލަ ރައްދުވާ ފަރާތް ކަމަށްވާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށެވެ. އެ އޮފީހުގެ ވަކީލު ވިދާޅުވީ، ބަންޑާރަ ނާއިބު އެދިލައްވާފައިވާ ގޮތަށް އެ މައްސަލަ އަނބުރާ ގެންދިއުމާމެދު އިއުތިރާޒު ނުކުރައްވާ ކަމަށެވެ.

އެހެން ކަމުން އިދާރީ ގޮތުން އެ މައްސަލަ ބާތިލް ކުުރުމުގެ ކަންތައް ކުރިއަށް ގެންދަވާނެ ކަމަށާއި، އިތުރު އަޑު އެހުމެއް ނުބާއްވައި، އެކަމާބެހޭ ގޮތުން ޝަރިއަތުން ނިންމާގޮތެއް ދެފަރާތަށް އަންގަވާނެ ކަަމަށް ވިދާޅުވެ، ފަނޑިޔާރު ޝޖޫނު އެ މައްސަލައިގެ މިއަދުގެ އަޑު އެހުން ނިންމަވައިލެއްވިއެވެ.

މި މައްސަަލައަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2021 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ބައިވެރިންގެ ޖުމުލަ އަދަދާއި، ނަމާއި އެ ދަތުރުގައި ބައިވެރިވި ހައިސިއްޔަތާއި، ދަތުރަށް ޖުމުލަ ޚަރަދުވި މިންވަރާއި ވަކިވަކި ކަންކަމަށް ޚަރަދުވި މިންވަރު ތަފުސީލުކޮށް އެނގޭނެހެން ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނުގެ ދަށުން "ދިޔަރެސް" ނޫހުގެ އެއް ހިއްސާދާރު އަދި މިހާރުގެ މަޖިލިސް މެންބަރު އަހުމަދު އަޒާން އޭރު ހުށަހެޅި މައްސަލައެކެވެ.

އެ ދަތުރުފުޅުގެ ޚަރަދާއި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ނަންފުޅުތައް ހިމެނޭ ލިސްޓެއް އެ މައުލޫމާތު ހޯދުމަށް ހުށަހެޅުއްވި ފަރާތައް ރައީސް އޮފީހުން ފޯރުކޮށްދިން ނަމަވެސް، ޚަރަދު ތަކުގެ ރަސީދުތައް ލިބިފައި ނުވާތީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނުގެ ދަށުން މުރާޖައާ ކޮމިޓީއަށް 31 އޮކްޓޯބަރު 2021 ގައި އަޒާންގެ ފަރާތުން އެ މައްސަލަ ހުށަހެޅިއެވެ.

ނަމަވެސް ރައީސް އޮފީހުގެ މުރާޖައާ ކޮމިޓީން 15 ޑިސެމްބަރު 2021 ގައި ނިންމި ނިންމުމުގައި ވަނީ ސަރުކާރުން ކުރި ޚަރަދު ތަކާގުޅޭ ރަސީދު ތަކަކީ އޭގައި ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ހިމެނޭ ލިޔުން ތަކެއް ކަމުގައިވާތީ އާއި ސަލާމަތީ ސަބަބު ތަކަށްޓަކައި ސިއްރު ކުރުމަށް ރައީސް އޮފީހުން ނިންމާފައިވާ ލިޔުން ތަކެއް ކަމުގައިވާތީ އެ ރަސީދުތައް ދެވެން ނެތް ކަމަށެވެ.

މުރާޖައާ ކޮމިޓީގެ އެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން މައުލޫމާތު ހޯދުމަށް އެދުނު ފަރާތުން އެ ނިންމުން އިލްތިމާސް ކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް 15 ޖަނަވަރީ 2022 ގައި ހުށަހެޅިއެވެ. އެ މައްސަލަ ބެލުމަށްފަހު އެ އޮފީހުން 27 ފެބްރުއަރީ 2022 ގައި އެ މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާ ގޮތަށް ސަލާމަތީ ސަބަބު ތަކަށްޓަކައި އުނި ކުރަންޖެހޭ މައުލޫމާތު ހުރި ނަމަ އެ މައުލޫމާތެއް އުނިކުރުމަށްފަހު އެދިފައިވާ މައުލޫމާތު މައްސަލަ ހުށަހެޅި ފަރާތަށް، ރަސްމީ ފަސް ދުވަހުގެ ތެރޭގައި ދިނުމަށް ކަނޑައެޅިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. ނަމަވެސް ހައި ކޯޓުން ހުކުމް ކޮށްފައި ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަަމަށް ކަނޑައަޅައި، އެ ނިންމުމަށް މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ތާއީދުކުރާ ކަމަށެވެ.

ސުޕްރީމް ކޯޓުގައި މިހާރު މި ކުރިއަށްދަނީ އެ މައްސަލައިގެ އިސްތިއުނާފެވެ. މި މައްސަލަ މިމަހު 22 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅުއްވަމުންވެސް ބަންޑާރަ ނާއިބު އޮފީހުން ބުނެފައި ވަނީ، ރައީސް ސޯލިހު އދ. ގައި ތަގުރީރު ކުރެއްވުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ޚަރަދު ތަކުގެ ރަސީދުތައް ހާމަކުރަން ނުޖެހޭނެ ކަމަށެވެ.

ނަމަވެސް ކުއްލިއަަކަށް މި މައްސަލަ ބާތިލް ކުރަން ބަންޑާރަ ނައިބު ހުށަހަޅާފައި މިވަނީ، މިހާތަނަށް މި މައްސަލައިގައި ގެންގުޅުއްވި ސްޓޭންޑް ބަދަލު ކުރައްވައި އެ މައްސަލައިގައި ބުނާ ރަސީދުތައް ހާމަ ކުރައްވަން ނިންމެވުމަށް ފަހުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *