އައްޑޫސިޓީގެ ގުޅިފައިވާ ރަށްރަށުން ކަރަންޓު ކެނޑޭ މައްސަަލަ ވަގުތުން ހައްލުކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހެޅުއްވީ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލެވެ.
މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން ނާޒިލް ވިދާޅުވީ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަކަށް ކަމަށްވާ، ހިތަދޫ އާއި މަރަދޫ އާއި މަރަދޫފޭދޫ އާއި ފޭދޫގައި 30،000 އަށްވުރެން ބޮޑު އާބާދީއެއް ދިރިއުޅޭއިރު ކޮންމެ ދުވަހަކު އެތައް ގަޑިއިރަކަށް، އެތައް ފަހަރަކު ކަރަންޓު ކަނޑައިގެން ދިއުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ އަސާސީ މަސައްކަތްތައްވެސް ނުކުރެވޭ ކަމަށެވެ.
އެ ސިޓީއަށް ކަރަންޓް ދިނުމުގައި ސަރުކާރު އިހުމާލުވުމުގެ ސަބަބުން ރައްޔިތުންގެ އަސާސީ ދިރިއުޅުމުގެ ހާލަތަށް ބޮޑެތި ދަތި ތަކެއް ކުރިމަތި ވެފައިވާއިރު އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތް އެންމެ އަަސާސީ މިންވަރަށް ފޯރުކޮށް ދިނުމަށްވެސް ސަރުކާރު ނުކުޅެދިފައިވާ ކަމަށް ނާޒިލް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ، އެކަމުގެ ސަބަބުން އައްޑޫ ސިޓިގެ ސްކޫލު ތަކާއި އޮފީސް ތަކާއި ފިހާރަ ތަކުން ދޭންޖެހޭ ޚިދުމަތް އާއްމުންނަށް ނުދެވޭއިރު، ރައްޔިތުންގެ އަގުބޮޑު ކަަންޓު ސާމާނުތައް ހަލާކު ވަމުންދާ ކަމަށެވެ.
ނާޒިލް ވިދާޅުވީ، މ. މުލިން ކަރަންޓް ކެނޑިގެން އެޗްއާރުސީއެމުންވެސް ފާހަގަ ކޮށްފައިވާ ފަދައިން ކަރަންޓުގެ ޚިދުމަތް ފަދަ، އަަސާސީ ހައްގެއް ދިގު މުއްދަތަކަށް ރައްޔިތުންނަށް ނުލިބި މެދުކެނޑުމަކީ އެކަމުގެ ސަބަބުން އެހެނިހެން އަސާސީ ހައްގުތަކަށްވެސް އެކަމުގެ އަސަރު ކުރާނެ ކަމެއް ކަމަށް ވީހިނދު އެކަމަކީ، މަޖިލީހުގެ ކަންބޮޑުވުންވެސް އެކަމުގައި އޮތް ކަމެއް ކަމަށެވެ.
ނާޒިލް ވިދާޅުވީ، ޔުޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީގެ ޤާނޫނާ އެއްގޮތަށް އެ ޚިދުމަތް ދިނުމަށް ސަރުކާރު އިހުމާލު ވެފައިވާއިރު، ކޮންމެ ދުވަހަކު އެތައް ފަހަރަކު ކަރަންޓް ކަނޑައިލަމުން ދަނީ ހަކަތައިގެ ޤާނޫނު ލާޒިމް ކޮށްފައިވާ ފަދައިން ކަރަންޓު ކަނޑާލުމުގެ ކުރިން ދޭންޖެހޭ ނޯޓިސްވެސް ރައްޔިތުންނަށް ނުދީ ކަމަށެވެ.
އެކަންތައް ތަކަށްބަލާއިރު، އުމްރާނީ ތަރައްގީ އާއި އިންސާނީ ތަރައްގީއަށް ބޭނުންވާ އެއްވެސް މަސައްކަތެއް ސަރުކާރުން ކުރަމުން ނުދާކަމާއި، އެފަދަ ސިޔާސަތެއްވެސް ތަންފީޒު ކުރަމުން ނުދާއިރު އައްޑޫ ސިޓީން ކަރަންޓް ކެނޑޭ މައްސަލަ ހައްލު ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އަޅަންޖެހޭ ފިޔަަވަޅުތައް އެޅުމަކީ ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރުގެ ޤާނޫނީ ޒިންމާއަށް ވީރިއު، އެ ޒިންމާ ވަގުތުން ވަގުތައް އަދާ ކުރުމަށް މިނިސްޓަރު ތޯރިގަށް ކުއްލި މައްސަލައިގައި ނާޒިލް ވަނީ ގޮވާލައްވައިފައެވެ.