އެމެރިކާގެ ރިޔާސީ ރޭސް ވަރަށް ޝައުގުވެރިއެވެ. ޝައުގުވެރި ކަންކަމާއި ޝައުގުވެރި ވާހަކަތަކެވެ. ގިނަ ބަޔެއްގެ ސަމާލުކަން މިވަގުތު ހުއްޓިފައި އޮތީ އެދިމާލަށެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ އެންމެ ފޯރި ގަނޑުގައި އެތައް މަންޒަރެއް ފެންނަމުން އެބަދެއެވެ. އެގޮތުން ރިޕަބްލިކަން ޕާޓީގެ ފަރާތުން އެމެރިކާގެ ރައީސް ކަމަށް ކުރިމަތިލައްވާ، އެ ގައުމުގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ހަށިކޮޅަށް ބަޑީގެ ހަމަލާއެއްވެސް ކެމްޕޭން އެއްވުމެއްގައި ވަނީ އަމާޒު ވެފައެވެ.
އެ ޙާދިސާ ވެގެން ދިޔައީ ޓަރަމްޕްގެ ވާދަވެރިޔާ ޑިމޮކްރެޓުންގެ ފަރާތުން ނުކުންނަން ހުންނެވި އެމެރިކާގެ މިހާރުގެ ރައީސް ބަޑަންއަށް ގޮންޖެހުންތަކެއް އައި ކަމަކަށެވެ. އެ ޙާދިސާ ހިނގިތާ އެއްދުވަސް ފަހުން ބައިޑަންއަށް ކޮވިޑް ޖެހުނު ކަމަށް ވިދާޅުވެ ކެމްޕޭން ހުއްޓާލިއެވެ. އަދި އެކަހެރިވެވަޑައިގެންނެވިއެވެ. އޭރު ޕާޓީގެ ތެރެއިން ނުފޫޒު ހުރި ބޭފުޅުން ދިޔައީ ބައިޑަން އިންތިޚާބުގައި ވާދަނުކޮށް އެހެން ބޭފުޅަކަށް ފުރުޞަތު ދިނުމަށް ގޮވާލަމުންނެވެ.
ޓަރަމްޕަށް ކުރިމަތިވި ބަޑީގެ ހަމަލާ އާއި ބައިޑަންއަށް ކޮވިޑް ޖެހުމާއި، ޕާޓީގެ ތެރެއިން އައި ފިއްތުންތަކާހުރެ ބައިޑަންއަށް ޖެހުނީ އަމާން ދިނުމަށްފަހު ފަހަތަށް ޖެހިވަޑައިގަންނަވާށެވެ. ބައިޑަން މިހާރު ވަނީ އިންތިޚާބުގައި ވާދަ ނުކުރައްވާނެކަން ރަސްމީކޮށް އިއުލާނުވެސް ކުރައްވާފައެވެ. މަޖުބޫރީ ޙާލަތްތަކެއް ކުރިމަތިވެވަޑައިގަތުމާއެކުގައެވެ.
ދެން އޮތް ސުވާލަކީ ބައިޑަން ރޭހުން ވަކިވެވަޑައިގަތުމާއެކު ދެން ޑިމޮކްރެޓުންގެ ފަރާތުން ފެންނާނީ ކޮން ކެންޑިޑޭޓެއްތޯއެވެ. ބައިޑަން ވަނީ އެމަނިކުފާނުގެ ޗޮއިސް ޕާޓީއަށް ދީފައެވެ. އެއީ އެމެރިކާގެ ނައިބު ރައީސް އަދި މިފަހަރުވެސް ރަނިންމޭޓު ކަމުގައި ހުންނެވި ކަމާލާ ހާރިސްގެ ނަމެވެ. ބައިޑަންގެ ތާއީދު ކަމާލާއަށް އޮތްކަން ވަނީ ހާމަ ކުރައްވާފައެވެ. ނަމަވެސް ޕާޓީން އަދި ގޮތެއް ނުނިންމައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެމެރިކާގެ ރައީސް ކަމަށް މިފަހަރު ޑިމޮކްރެޓުން ނެރުމަށް ތިން ނަމެއް މިވަގުތު ޕާޓީގެ އިސްބޭފުޅުންގެ ތެރޭގައި އެބައޮތެވެ. އެއީ މުޅިންވެސް އަންހެން ބޭފުޅުންގެ ނަންތަކެވެ. ފިރިހެން ބޭފުޅެއްގެ ނަންވެސް ފަހަރުގައި އަތުވެދާނެ ކަމަށްވެއެވެ. މިވަގުތު އެންމެ ގަދައަށް ވާހަކަ ދެކެވޭ ތިން ބޭފުޅުންގެ ނަން ކަމުގައި ބަޔެއް ރިޕޯޓު ތަކުގައި ވަނީ އެމެރިކާގެ ކުރީގެ ދެ ރައީސެއްގެ އަނބިކަނބަލުންގެ ނަމާއި ކަމާލާ ހާރިސްގެ ނަމެވެ. ކުރީގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝެލް އޮބާމާ އާއި، ކުރީގެ ރައީސް ބިލް ކްލިންޓަންގެ އަނބިކަނބަލުން ހިލަރީ ކްލިންޓަން އަދި މިހާރުގެ ނައިބު ރައީސް ކަމާލާ ހާރިސްއެވެ.
ސުވާލެއް މިވަގުތަށް ނެތް ކަމަކީ ރިޕަބްލިކަންގެ ފަރާތުން ހުންނެވީ ޓްރަމްޕް ކަމެވެ. ދެން އޮތީ ޓްރަމްޕް ބަލި ކުރުމަށް ޑިމޮކްރެޓުން ނެރޭނެ ކެންޑިޑޭޓް ބަލަން ތިބުމެވެ.