މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް، މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމުގެ މައްސަލައަށް ރައްޔިތުންގެ މަޖިލީހުން މިއަދު ގޮތެއް ނިންމާނެއެވެ. މިއަދުގެ ޖަލްސާގެ އެޖެންޑާގައި އެކަން އެބައޮތެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން، ގަވަރުނަރު ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކޮށްފައި އޮތީ އެންމެ ފަހު މަސައްކަތެއްގެ ގޮތުގައެވެ. އެއީ ކޮމިޓީން ހުށަހަޅާ މައްސަލައިގެ ގޮތުގައެވެ. އެގޮތުން އެ މައްސަލައިގައި މާލިއްޔަތު ކޮމިޓީގެ ރިޕޯޓް ތަޅުމަށް ހުށަހެޅުމަށް ވަނީ ނިންމައިފައެވެ.
އިގުތިސާދީ ކާރިސާ އިން ގައުމު ސަލާމަތް ކުރުމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ހައިސިއްޔަތުން އަލީ ހާޝިމް މަސައްކަތް ކޮށްފައިނުވާ ކަމަށް ބުނެ، މާލިއްޔަތު ކޮމިޓީން ވަނީ އަލީ ހާޝިމް ވަކިކުރެއްވުމަށް ރައީސަށް ލަފާދެއްވުމަށް ފާސް ކޮށްފައެވެ.
މީގެކުރިންވެސް އެ ކޮމިޓީން އެގޮތަށް ނިންމައި މަޖިލީހުގެ ރައީސަށް ސިޓީ ފޮނުވިއެވެ. ނަމަވެސް އެ މައްސަލައިގައި ގަވަރުނަރަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމަށް މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް އަލުން ފޮނުވިއެވެ.
ޖަވާބުދާރީ ވުމަށް ގަވަރުނަރަށް މާލިއްޔަތު ކޮމިޓީން ތިން ފުރުސަތު ދިން ނަމަވެސް، ކޮމިޓީގެ ޖަލްސާ ތަކަށް ގަވަރުނަރު ހާޒިރުވެ ވަޑައިނުގަންނަވައެވެ. އެ މައްސަލައިގައި އެންމެ ފަހުން ގަވަރުނަރު ލިޔުމުން ދެއްވާފައިވާ ޖަވާބުގެ އިތުރަށް އިތުރު ކަމެއް މެންބަރުން ސާފު ކުރަން ބޭނުން ވާނަމަ، ލިޔުމުން އެކަމަށް ޖަވާބުދާރީ ވާނެކަން ގަވަރުނަރު ވަނީ އަންގަވައިފައެވެ.
އެކަމުގައި ލިޔުމުން ޖަވާބުދާރީ ވުމަށް ގަވަރުނަރަށް އިތުރު ފުރުސަތެއް ދިނުމާއި ގުޅޭ ގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި ވަނީ ވޯޓަށް އަހާފައެވެ. އެ ވޯޓުގައި މެންބަރުންގެ އަޣްލަބިއްޔަތުން ނިންމީ އިތުރަށް ފުރުސަތެއް ދޭން ނުފެންނަ ކަމަށެވެ.
އެހެންވެ ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރުމަށް ރައީސުލްޖުމުހޫރިއްޔާއަށް ލަފާދޭން ފާސް ކުރުމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހުށަހެޅުއްވިއެވެ. އެ ހުށަހެޅުއްވުމުގެ ކުރިން ގަވަރުނަރު އަދާކުރަންޖެހޭ ޒިންމާތައް އަދާ ނުކުރާ ކަމަށް ބުނެ، އިދާރާތަކުން ދީފައިވާ ޖަވާބު ތައްވެސް ވަނީ ހިއްސާ ކުރައްވައިފައެވެ.
އެގޮތުން އެމްއެމްއޭ އިން ހަދަންޖެހޭ ގަވާއިދުތައް އަދާހަމަނު ކުރުމާއި މާލީ ވުޒާރާއާއި އެމްއެމްއޭއާއި ދެމެދު އެކަށީގެންވާ ވަރަށް މަޝްވަރާ ނުކުރެވި، ކަންކަން މިހާތަނަށް ނިންމިފައި ހުރިކަން ފާހަގަ ކުރެއްވިއެވެ. އެ ހުށަހެޅުން ކޮމެޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ފާސް ކޮށްފައެވެ.
ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރުމަށް ވަގުތު ކަނޑައެޅުމަށް ރޭ ވަނީ އާންމު ކޮމިޓީގެ ޖަލްސާއެއްވެސް ބާއްވައިފައެވެ. އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 10 މެންބަރުންގެ ތެރެއިން 8 މެންބަރުންގެ ވޯޓުން ފާސް ކޮށްފައި ވަނީ މި މައްސަލައިގެ ބަހުސް ވަގުތުގެ ގޮތުގައި އެއް ގަޑިއިރު ކަނޑައެޅުމަށް ފާސް ކޮށްފައެވެ.