އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް

ގަވަރުނަރު ވަކިކުރަން ރައީސަށް ލަފާދޭން އަނެއްކާވެސް ކޮމިޓީން ފާސްކޮށްފި

ގަވަރުނަރު ވަކިކުރަން ރައީސަށް ލަފާދޭން އަނެއްކާވެސް ކޮމިޓީން ފާސްކޮށްފި

މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް، މަގާމުން ވަކި ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ޑރ. މުއިއްޒަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދާދި ދެންމެ ފާސް ކޮށްފިއެވެ.

ގަވަރުނަރު މަގާމުން ވަކިކުރުމަށް ރައީސް މުއިއްޒަށް ލަފާއެރުވުމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ. އެމްއެމްއޭ ހިނގަމުންދާ ގޮތާ ގުޅޭ ގޮތުން ނާޒިމް މަޖިލީހުގައި ވިދާޅުވީ، ގައުމުގެ އިގުތިސާދު ހީނަރުވެގެން ދިޔައިރު، އެމްއެމްއޭގެ ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ހާސިލް ކުރެވިފައި ނެތް ކަމަށާއި މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިނގަމުން ދާތަންވެސް ނުފެންނަ ކަމަށެވެ. ނާޒިމް ކޮމިޓީއަށް މި މައްސަލަ ހުށަހެޅުމާއެކު ގަވަރުނަރު ވަކިކުރަން ރައީސަށް ލަފާ އެރުވުމަށް ކޮމިޓީން ފާސް ކުރިއެވެ. އަދި އެކަމާބެހޭ ރިޕޯޓް މަޖިލީހުގެ ރައީސަށް ފޮނުވިއެވެ.

ކޮމިޓީގެ އެ ނިންމުމަށް މަޖިލީހުން ގޮތެއް ނިންމުމަށްޓަަކައި މަޖިލިސް ރައީސް، އެ މައްސަލަ މަޖިލިސް ތަޅުމަށް ފޮނުއްވިއެވެ. މަޖިލިސް ތަޅުމުން ފާސްކުރީ، ޖަވާބުދާރީ ވުމަށް ގަވަރުނަރަށް ފުރުސަތު ދެއްވުމަށްޓަަކައި އަލުން އެ މައްސަލަ ކޮމިޓީއަށް ފޮނުވުމަށެވެ. އެކަމާ ގުޅިގެން އެ މައްސަލަ އަލުން މާލިއްޔަތު ކޮމިޓީން ބަލަން ފަށައި، ޖަވާބުދާރީ ވުމުގެ ފުރުސަތު އަލީ ހާޝިމަށް މި ހަފުތާގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ވަނީ ދީފައެވެ. އެކަމަކު އާލާސްކަންފުޅާ އުޅުއްވާތީ، ކޮމިޓީން ތާވަލުކުރި ދެ ބައްދަލުވުމަށްވެސް އޭނާ ވަޑައެއްނުގަންނަވައެވެ. އޭގެ ބަދަލުގައި ގަވަރުނަރު ވަނީ މާލީ ހާލަތު ބަޔާން ކުރައްވައި މަޖިލީހަށް ރިޕޯޓެއް ފޮނުއްވައިފައެވެ.

އެއާއެކު، މިއަދަށް ތާވަލުކުރި ބައްދަލުވުމަށްވެސް އަލީ ހާޝިމަށް ވަޑައިނުގެންނެވޭކަން އަންގަވާފައިވާ ކަމަށް ކޮމިޓީގެ މުގައްރިރު، މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވިއެވެ. އެހެން ކަމުން، އެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ގާސިމް ހުށަހެޅުއްވިއެވެ. ކޮމިޓީ ސިއްރު ކުރަން ފެނޭތޯވެސް ގާސިމް އެއްސެވިއެވެ. މެންބަރުން އެކަމަށް ތާއީދު ނުކުރައްވައި، ނިންމެވީ ހުޅުވާލައިގެން ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދިޔުމަށެވެ.

ގާސިމް ވިދާޅުވީ ތިން ދުވަސް މަތިން ކޮމިޓީ އަށް ވަޑައިގެންނެވުމަށް ފުރުސަތު ދިނުމުންވެސް ގަވަރުނަރު ވަޑައިނުގެންނެވުމަކީ، އިގުތިސާދީ ގޮތުން ގައުމު ވަރަށް ނާޒުކު ހާލަތެއްގައި އޮތް ދުވަސް ވަރެއްގައި ކޮމިޓީގެ މެމްބަރުން ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ. މެމްބަރުންނަށް ހުޅުވައިލި ފުރުސަތުގައި، މައްސަލަ ހުށަހެޅުއްވި މެމްބަރު ނާޒިމް ވިދާޅުވީ، ގާނޫނު އަސާސީ އާއި އެމްއެމްއޭގެ ގާނޫނާ އެއްގޮތަށް ޖަވާބުދާރީ ވުމަށް ގަވަރުނަރަށް އެކަށީގެންވާ ފުރުސަތު ދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެމްއެމްއޭ އާ މެދު ކޮމިޓީއަށް ފާހަގަ ވެފައިވާ ކަންކަމުގެ އިތުރަށް 241 ކޮމިޓީގައި ފުލުހުންނާއި ހޯމް މިނިސްޓްރީގެ މަސައްކަތްތަކަށްވެސް އެމްއެމްއޭގެ ސަބަބުން ދަތިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. މިގޮތުން، ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައްވެސް އެމްއެމްއޭ އިން ހަދާފައިނުވާ ކަން ނާޒިމް ފާހަގަ ކުރެއްވިއެވެ. މީގެއިތުރުން، މި ސަރުކާރު އައި ފަހުން، އެމްއެމްއޭ އިން، އިސްވެ އެއްވެސް ލަފައެއް ދެއްވާފައިނުވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމިޓީގެ ގިނަ މެމްބަރުން ވެސް ވަނީ އަލީ ހާޝިމް ވަޑައިނުގެންނެވުމުން ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ. އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ، ފިޔަވަޅުތައް އަޅަން ލަފާ ދެއްވި ކަމަށް އަލީ ހާޝިމް މަޖިލީހަށް ފޮނުއްވި ރިޕޯޓެއްގައި ވިދާޅުވިޔަސް، އެ ލަފާތަކަށް އަމަލު ނުކުރުމުން ގަވަރުނަރު އަޅާނުލައްވައި ހުންނެވުމަކީ ގަބޫލުކުރެވޭ ސަބަބެއް ނޫން ކަމަށެވެ. އެހެން ކަމުން މިއަދުން މިއަދަށްވެސް ގަވަރުނަރު އެ މަގާމުން ވަކިކޮށް، އެ ކަމަށް ގާބިލު މީހަކު ހަމަޖައްސަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދޭން، ހުށަހަޅުއްވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

އޭގެ ފަހުން، ގާސިމް ވިދާޅުވީ، ކޮމިޓީއަށް ވަޑައިނުގެންނެވޭތީ، މެމްބަރުންގެ އިތުރު ސުވާލެއް އޮތް ނަމަ، ލިޔުމުން ފޮނުވައި ދިނުމަށް ގަވަރުނަރު އަލީ ހާޝިމް އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެން ކަމުން، ގާސިމް ވަނީ މެމްބަރުން ސާފު ކުރަން ބޭނުންވާ މައުލޫމާތުތައް ލިޔުމުން ފޮނުވަން ފެނޭތޯ ވޯޓަށް އައްސަވައިފައެވެ. އެކަމަކު އެކަމަށް އެއްވެސް މެމްބަރަކު ތާއީދެއް ނުކުރެއްވިއެވެ. އެއާއެކު، ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރުމަށް ރައީސް މުއިއްޒަށް ލަފާ އެރުވުމަށް ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *