1 މިލިޔަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާ ނުކުރެވޭނެ، ފައިސާ ޖަމާ ކުރެވޭނީ އޭސީސީގެ އެކައުންޓަށް: ބޭންކް

1 މިލިޔަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާ ނުކުރެވޭނެ، ފައިސާ ޖަމާ ކުރެވޭނީ އޭސީސީގެ އެކައުންޓަށް: ބޭންކް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލައިގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ކުރިއަށް ގެންދިޔަ، ތަހުގީގާއި ގުޅިގެން، ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެކްސްކްރޯ އެކައުންޓަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ 1 މިލިޔަން ޑޮލަރު ދޫކުރެވޭނީ އޭސީސީއަށް ކަމަށް ބޭންކުން ބުނެފިއެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން ދައުލަތުން ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެ މަނިކުފާނުގެ މައްޗަށް ސާބިތު ނުވާތީ، އެ 1 މިލިއަން ޑޮލަރު ހޯއްދެއްވުމަށް ޔާމީން ވަނީ އޭސީސީ އާއި ބީއެމްއެލްއާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރައްވާފައެވެ.

ޔާމީންގެ ފަރާތްޕުޅުން އެ ދައުވާ ސިވިލް ކޯޓަށް ހުށަހެޅުއްވުމުން، އިއްޔެ އޮތް އަޑު އެހުމުގެ ޝަރީއަތުގެ މަޖިލީހުގައި، ދައުވާއަށް ޖަވާބުދާރީ ވަމުން ބީއެމްއެލްގެ ފަރާތުން ވަނީ ބޭންކާ ދެކޮޅަށް ދައުވާ ނުކުރެވޭނެ ކަމަށް ބުނެ އިޖުރާއީ ނުކުތާއެއް ނަގައިފައެވެ. ނަމަވެސް އެ އިޖުރާއީ ނުކުތާ ބަލައި ނުގަނެ ސިވިލް ކޯޓުން ނިންމާފައި ވަނީ ބީއެމްއެލްއާ ދެކޮޅަށް ޔާމީނަށް ދައުވާ ކުރެވޭނެ ކަމަށެވެ. ސިވިލް ކޯޓުގެ އެ ނިންމުން ބީއެމްއެލްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެންމެ ފަހުން އޮތް އަޑު އެހުމުގައި ހައިކޯޓަށް މައްސަލަ ހުށަހަޅުއްވަމުން ބޭންކް އޮފް މޯލްޑިވްސްގެ ޤާނޫނީ ވަކީލު މޫސާ ފާރިޝް އަހުމަދު ވަނީ އިސްތިއުނާފީ ދެ ނުކުތާއެއް ފާހަގަ ކުރައްވައިފައެވެ. އެއް ނުކުތާއަކީ މައްސަލަ ބަލައިގަނެގެންނުވާނެ ހާލަތެއް ވުޖޫދުވެފައި ވަނިކޮށް އެ މައްސަލަ މައުލީ ގޮތުން ބެލުމަށް ސިވިލް ކޯޓުން އިޖުރާއީ ނިންމުމެއް ނިންމާފައި ވަނީ ފަނޑިޔާރުންގެ ގާނޫނާއި މަދަނީ އިޖުރާއަތުގެ ގާނޫނުގެ 110 ވަނަ މާއްދާއާ ހިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

ދެވަނަ ނުކުތާއަކަށް ފާހަގަ ކުރެއްވީ، ސިވިލް ކޯޓުގެ އިޖުރާއީ ނިންމުން ނިންމާފައި ވަނީ ސުޕްރިމް ކޯޓުން ނިމާފައިވާ ގަޒިއްޔާ އަކާއި، ހައިކޯޓުގެ ގަޒިއްޔާ ތަކަކެއްގައި ކަނޑައަޅާފައިވާ އުސޫލުތަކަކާ ހިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެކެވެ.
.
ވަކީލު ވިދާޅުވީ، އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ފައިސާ، ތަހުގީގު ނިމެންދެން ޖަމާކޮށްފައި ބެހެއްޓުމަށްޓަކައި އޭސީސީގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓެއް ހުޅުވުމަށް، 27 ފެބްރުއަރީ 2018 ގައި ފިނޭންސް މިނިސްޓްރީން ބޭންކަށް ފޮނުވި ސީޓިއަކުން އެދުނު ކަމަށެވެ. އޭގެ ފަހުން 26 ފެބްރުއަރީ 2018 ގައި އޭސީސީން ބޭންކަށް ގަރާރެއް ފޮނުވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އެގަރާރުގައިވެސް އޮންނަނީ އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ފައިސާ ޖަމާކޮށްފައި ބެހެއްޓުމަށްޓަކައި އޭސީސީގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓެއް ހުޅުވަން، އެގޮތުގެ މަތިން އޭސީސީގެ ނަމުގައި ވާނީ ކަރަންޓް އެކައުންޓެއް ހުޅުވައިފަ، އޭގެ ފަހުން ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައި އޮތް އެކައުންޓަކަށް 1 މިިޔަން ޑޮލަރު ޖަމާކޮށްފައި ވާތީ މި ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްތޯ ބެލުމަށްޓަކައި އޭސީސީން ހިންގަމުން ދިޔަ ތަހުގީގަކާއި ގުޅިގެން މިފައިސާ އޭސީސީގެ ނަމުގައި ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާ ކުރުމުގެ ގޮތުން ޔާމީން އާއި އޭސީސީއާ ދެމުދު އެއްބަސްވުމެއްގައި ސޮއި ކުރި،" އޭނާ ވިދާޅުވިއެވެ.

އެ އެއްބަސްވުމުގެ ދަށުން އޭސީސީގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް 1 މިލިޔަން ޑޮލަރު ޖަމާކުރީ 10 ޖޫން 2018 ގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމީން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ، އެފައިސާ އަނބުރާ ލިބިގަތުމަށާއި، ގެއްލުމުގެ ބަދަލު ލިބިގަތުމަށް ބޭންކުގެ މައްޗަށް އަމުރު ކޮށްދިނުމަށް އެދިފައިވާ މައްސަލައެއް ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން ބޭންކުން ސިވިލް ކޯޓަށް ހުށާހެޅި އިޖުރާއީ އިއުތިރާޒްގައި، އެ މައްސަލައަކީ ހަމައެކަނި އޭސީސީ އާއި ޔާމީނާ ދެފަރާތުގެ ދެމެދުގައި ސޮއި ކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން، ލިބެންޖެހޭ ފައިސާއެއް ހޯދަން ކޮށްފައިވާ ދައުވާއެއް ކަމަށްވާތީ އެ މުއާމަލާތުގައި ބޭންކުގެ އެއްވެސް ދައުރެއް ނެތް ކަމަށް ބުނެފައިވާ ކަމަށެވެ. އެހެން ކަމުން ބޭންކުގެ މައްޗަށް އެދައުވާ ނުުރެވޭނެތީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 110 ވަނަ މާއްދާގެ ދަށުން ދައުވާ ބާތިލް ކުރަން އެދިފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އެ މައްސަލައިގައި އިސްތިސްނާ ހާލަތެއް އޮތްތޯ ނުވަތަ ނެތްތޯ ދެނެގަނެވޭނީ އެ މައްސަލައިގެ ދައުވާގައި ދިފާއަށް ޖަވާބު ހުށަހަޅާ މަރުހަލާގައި ކަމަށް ސިވިލް ކޯޓުން ބުނެފައިވާ ކަމަށާއި، އޭގެ މާނައަކީ އެ ހާލަތު އޮތްތޯ ބެލޭނީ މައްސަަލަ މައުލޫއީ ގޮތުން ބެލިގެން ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ޑޮލަރު އެކައުންޓަކީ ޖޮއިންޓް އެކައުންޓެއް ނޫން ކަމަށާއި އެއީ ހަމައެކަނި އޭސީސީގެ ނަމުގައި ހުޅުވާފައިވާ ކަރަންޓް އެކައުންޓެއް ކަމަށެވެ އަދި އެ އެކައުންޓަށް ޑޮލަރު ޖަމާ ކުރުމުގެ އެއްބަސްވުމަކީ ބޭންކު އޭގެ ތެރޭގައި ހިމެނޭ އެއްބަސްވުމެއް ނޫން ކަަމަށްވެސް ވިދާޅުވިއެވެ. އެހެން ކަމުން އެފައިސާ އަނބުރާ ހަވާލު ކުރުމުގެ ބާރަކީ ބޭންކަށް އޮންނާނެ ބާރެއް ނޫން ކަމަށާއި، އެ ފައިސާ އޭސީސީގެ އެކައުންޓަށް ޖަމާކުރާ ހިސާބުން އެއަށް އޮންނާނީ އޭސީސީގެ ފުރިހަމަ ބާރު ކަމަށްވެސް ވިދާޅުވިއެވެ. އަދި ދެފަރާތެއްގެ އެއްބަސްވުމެއްގެ ދަށުން އެތަނުން އެއްފަރާތެއްގެ އެކައުންޓަށް ޖަމާކުރާ ފައިސާ ތިން ވަނަ ފަރާތެއްގެ ގޮތުގައި ބޭންކަށް ނަގައި ނުދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެފައިސާ ޔާމީނާ ހަވާލު ކުރުުގެ ބާރު އޭސީސީއަށް އޮންނާނެ ކަމަށާއި، އެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާ ކޮށްދިނުމަށް އޭސީސީން އަންގައިފިނަމަ، އެކަން ކުރެވިދާނެ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އޭނާ ވިދާޅުވީ، އެފަދަ އިރުޝާދެއް ދިނުމަށް އޭސީސީން އިންކާރުކުރާ ކަމަށާއި، އެފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާ ކުރުމަށްވެސް އޭސީސީން އިންކާރުކުރާ ކަމަށެވެ. އަދި އެ ފައިސާ ރައީސް ޔާމީނާ ހަވާލު ކުރުމުގެ ހާލަތު ވުޖޫދުގައި އޮތް ކަމަށް އޭސީސީން ގަބޫލު ނުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެން ކަމުން އެ މައްސަލަ ކުރިއަށް ގެންދިއުމަށް ސިވިލް ކޯޓުން ނިންމާފައިވާ އިޖުރާއީ ނިންމުމަކީ، ގާނޫނީ އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައި ދެއްވައި، އެ މައްސަލައިގައި ބޭންކަކީ ދައުވާ ރައްދުވާ ފަރާތެއްގެ ގޮތުގައި ހިމަނައިގެން ދައުވާ ކުރިއަށް ގެންދެވޭނެ ގާނޫނީ އަދި ޝަރުއީ އެއްވެސް އުސޫލެއް ނެތް ކަމަށް ކަނޑައަޅައި އެ ދައުވާއިން ބޭންކު އޮފް މޯލްޑިވްސް އުނި ކުރުމަށް ހައި ކޯޓުގައި ވަކީލު ވަނީ އެދިފައެވެ.

އެހިސާބުން މި މައްސަލައިގައި އަޑުއެހުމުގެ ވަގުތު ހަމަވެފައި ވާތީ އިތުރު ފަރާތަކަށް ވާހަކަ ދެއްކުމުގެ ފުރުސަތެއް ފަނޑިޔާރު ނުދެއްވިއެވެ. އަޑު އެހުން ނިންމަވާލައްވަމުން ފަނޑިޔާރު ވިދާޅުވީ ދެން މި މައްސަލައިގެ އަޑުއެހުމެއް ތާވަލްކުރާ ދުވަސް އަންގަވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *