އިނގިރޭސިވިލާތުގެ ޑިޕްލޮމެޓެއްގެ ސައިކަލު ވަގަށްނެގި މީހަކަށް ޖަލު ހުކުމް އަތުވެއްޖެ

އިނގިރޭސިވިލާތުގެ ޑިޕްލޮމެޓެއްގެ ސައިކަލު ވަގަށްނެގި މީހަކަށް ޖަލު ހުކުމް އަތުވެއްޖެ

ރާއްޖޭގައި ހުންނަވާ އިނގިރޭސިވިލާތުގެ އޮނަރަރީ ކޮންސުލް ޑރ ޕޯލް އާރްތާ ވަން ޑްރީޝްގެ ސައިކަލު ވަގަށް ނެގުމުގެ ކުށުގައި މީހަކު 9 މަހާއި 18 ދުވަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލާގައި ދައުލަތުން ވައްކަމުގެ ދެ ދައުވާއެއް އުފުލީ ރ.ކަނދޮޅުދޫ، ދޮންވެލި، އަހުމަދު އިރުޝާންގެ މައްޗަށެވެ. އެއް ދައުވާއަކީ ސައިކަލު ވަގަށް ނެގުމުން ކުރި ދައުވާ އެކެވެ. އަނެއް ދައުވާ ކުރީ ސައިކަލުގެ މަޑިދަށުގައި އޮތް އައިނެއް ވަގަށް ނެގުމުން ކަމަށް ދައުވާގެ ލިޔެކިޔުން ތަކުން އެނގެއެވެ.

އޭނާ ވަނީ އެ ދައުވާއަށް އިއުތިރާފުވެ ދައުލާތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ. އެ އިއުތިރާފުގެ އެއްބަސްވުމުގައި ވަނީ ސައިކަލު ވަގަށް ނެގި މައްސަލައިގައި އޭނާގެ މައްޗަށް 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކުރުމަށެވެ. އަދި އައިނު ވަގަށް ނެގި މައްސަލައިގައި 1 މަހާއި 6 ދުވަހަށް ޖަލަށް ލުމަށް އެއްބަސްވުމުގައިވެއެވެ.

އެހެންވެ ކުރިމިނަލް ކޯޓުން ހުކުމް ކުރީ އިއުތިރާފުގެ އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ މުއްދަތައް އޭނާ ޖަލަށް ލުމަށެވެ. ނަމަވެސް އިރުޝާން ތަހުގީގު މަރުހަލާގައި 15 ދުވަހާއި 19 ގަޑިއިރު ބަންދުގައި ހޭދަކޮށްފައިވާތީ، ސައިކަލް ވަގަށް ނެގުމުގެ ދައުވާގެ ހުކުމަށް އޭނާ ތަންފީޒު ކުރަން ޖެހޭނީ ނުވަ މަހާއި ދެ ދުވަހުގެ ހުކުމެއް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *