ވަކި އަދަދަކަށް ސޮއި ހަމަކޮށްގެން ނޫނީ ކުއްލި މައްސަލަ ހުށަނޭޅޭ ގޮތް ހަދަން ގޮވާލައިފި

ވަކި އަދަދަކަށް ސޮއި ހަމަކޮށްގެން ނޫނީ ކުއްލި މައްސަލަ ހުށަނޭޅޭ ގޮތް ހަދަން ގޮވާލައިފި

ވަކި އަދަދެއްގެ މެންބަރުންގެ ސޮއި ހަަމަކޮށްގެން ނޫން ގޮތަކަށް، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަނޭޅޭ ގޮތް ހަދަން، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް ގޮވާލައްވައިފިއެވެ.

މެންބަރު މުސްތަފާ މިކަމަށް ގޮވާލެއްވީ، ސަރުކާރުގެ ސްކޯލާޝިޕްތަކާއި ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ރާއްޖޭން ބޭރުގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންނަށް ސަރުކާރުން ޖަމާ ކޮށްދޭންޖެހޭ ފައިސާ ޖަމާކޮށް ނުދޭ ކަމަށް ބުނެ، އެ ފައިސާ ޖަމާކޮށްދޭން ސަރުކާރަށް ގޮވާލައި އެމްޑީޕީން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައާ ގުޅިގެންނެވެ.

މެމްބަރު ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި ޕީއެންސީގެ 59 މެންބަރުން ވޯޓުލައިގެން މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް ނިންމައި، އެ މައްސަލަ މަޖިލިސް ތަޅުމުން ވަނީ ބޭރު ކޮށްލާފައެވެ.

ކުއްލި މައްސަލައާއި ގުޅޭ ގޮތުން މުސްތަފާ ވިދާޅުވީ، އެމްޑީޕީ މެންބަރުން ކުއްލި މައްސަލަ ހުށަހެޅީ މުހިއްމު ކަންތައްތަކެއް މަޖިލީހުގައި ހުއްޓައި ބޭކާރު މަޖިލީހަކަށް ރައްޔިތުންގެ މަޖިލިސް ހެދުމަށް ކަމަށެވެ. އަދި އެއީ މަޖިލީހުގެ ވަގުތުތައް ބޭރުކާރު ކުރުން ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޮންމެ ދުވަހަކު މަޖިލީހުގެ މަސައްކަތް ފަށަން ޖެހެނީ އެކަހަލަ ތާކުން ތާކުނުޖެހޭ ކަމެއްގެ ތެރެއިން ހުށަހަޅާ ކުއްލި މައްސަލައެއްގެ ތެރެއިން ކަމަށެވެ. އެހެން ކަމުން އެފަދަ ބޭކާރު ކުއްލި މައްސަލަަތައް މަޖިލީހަށް ނުވަންނާނެ ގޮތަކަށް ކަންކަން ފަރުމާ ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ތަކުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބޭ ގޮތަކަށް މަޖިލީހުހުގެ މަަސައްކަތްތައް ބައްޓަން ކުރެއްވުމަކީ މަޖިލިސް ރައީސްގެ ޒިންމާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ކޮންމެސް އަދަދެއްގެ މެންބަރުންގެ ސޮއި އޮވެގެން ނޫން ގޮތަަކަށް މަޖިލީހަށް ކުއްލި މައްސަލަ ހުށަނޭޅޭނެ ގޮތް ހެދުމަށް އޭނާ ގޮވައިލެއްވިއެވެ.

ރައްޔިރުންގެ މަޖިލީހުގެ ޤަވާއިދު މިހާރު ބުނާ ގޮތުން ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތު ހިމެނިގެންވާ މުހިއްމު ކަމެއް ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުގެ ފުރުސަތު ކޮންމެ މެންބަރަކަށްވެސް ލިބިގެންވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *