ކޮޕީރައިޓްގެ ހައްގުތަކަށް ހިމާޔަތް ލިބިދޭ މުއްދަތު 70 އަހަރަށް އިތުރު ކުރުމަށްޓަކައި، ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގު ތަކުގެ ޤާނޫނަށް އިސްލާހު ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލް ހުށަހެޅުއްވީ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާއެވެ،
ސަރުކާރުން މި ބިލް ހުށަހެޅުމުގެ ބޭނުމެއް ކަމަށް، ބިލުގައި ވަނީ ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ޤާނޫނުގެ ދަށުން ކޮޕީރައިޓްގެ ހިމާޔަތް ލިބިދޭ އުފެއްދުންތަކާއި ކޮޕީރައިޓާގުޅޭ އެނޫންވެސް ހައްގުތަކާގުޅޭ ކަންކަން އިތުރަށް ތަފްސީލް ކުރުން ކަމަށެވެ. އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ އިސްތިސްނާ އާއި ވިޔަފާރި ފައިދާ ނުލިބޭ ގޮތަށް ދިރާސާ ކުރުމުގެ ބޭނުމަށް ލިބިދޭ އިސްތިސްނާ ހިމެނޭ ގޮތުން ކޮޕީރައިޓަޑް އުފެއްދުންތައް ނަކަލު ކުރެވޭނެ، ނުވަތަ ބޭނުން ކުރެވޭނެ އިތުރު ހާލަތްތައް ކަނޑައެޅުމާއި، އޮޕީރައިޓްގެ ހައްގުތަކަށް ހިމާޔަތް ލިބިދެވޭ މުއްދަތު 50 އަހަރުން 70 އަހަރަށް އިތުރު ކުރުމަށާއި، ކޮޕީރައިޓާގުޅޭ ހައްގުތައް ކަށަވަރު ކުރުމާއި އެނޫންވެސް ޤާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ބައެއް ދަތިތައް ހައްލު ކުރުމަށް ކަމަށްވެސް ބުނެފައިވެއެވެ.
އުފެއްދުމަކާ ގުޅިގެން ހުއްދަ ހޯދަންޖެހޭ ހާލަތް ތަކަކީ އިސްތިސްނާ ހާލަތްތައް މި ބިލުގައި ވަނީ ބަޔާން ކޮށްފައެވެ. މި ޤާނޫނުގެ ދަށުން ހިމާޔަތް ކޮށްފައިވާ އެއްވެސް ފަރާތެއްގެ ހައްގަކަށް މީހަކު ނުވަތަ ބަޔަކު އަރައިގަތުމުގެސަބަބުން އެފަރާތުގެ މާލަށާއި އަބުރަށް ލިބުނު ސީދާ ގެއްލުމެއްގެ ބަދަލާއި، އެފަރާތައް އެއިން ލިބުނު ފައިސާ އާއި، ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ޚަރަދެއް ކުރިނަމަ، ކުރި ޚަރަދު ލިބިގަތުމުގެ ހައްގު ވެރިފަތާތައް ލިބިގެންވާ ކަމަށް ބިލްގައި ހިމަނާފައިވެއެވެ.
މި ޤާނޫނުގެ ދަށުން ހިމާޔަތް ކޮށްދީފައިވާ އެއްވެސް ފަރާތެއްގެ ހައްގަކަށް އަރައިގެންފިނަމަ އެކަމަކުން ލިބުނު ފައިދާގެ މައްޗަށް ބަލައި ކޯޓުން ބަދަލު ނަގައިދޭންވާނެ ކަމަށްވެސް ބިލްގައި ބުނެފައިވެއެވެ.
މި ޤާނޫނުގެ ދަށުން ހިމާޔަތް ކޮށްދީފައިވާ ހައްގަކަށް ގަސްތުގައި އުނިކަމެއް އަންނާނެ ގޮތަކަށް އަމަލު ކޮށްފިނަމަ، ނުވަތަ ކޮޕީރައިޓްގެ ވެރިފަރާތައް ގެއްލުން ވާނެކަން އެނގި ހުރެ އެފަދަ އަމަލެއް ކޮށްފިނަމަ، އެއީ ކުށެއް ކަމަށާއި، އެ ކުށުގެ އަދަބަކީ އެއަމަލެއްގެ ކުޑަބޮޑު މިނަށްބަލައި 50،000 ރުފިޔާ އާއި 300،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ކަމަށްވެސް ހިމަނާފައިވެއެވެ. އަދި އެކުށް ތަކުރާރު ކޮށްފިނަމަ، ތަކުރާރުކުރާ ކޮންމެ ފަހަރަކަށް ކުށުގެ އަދަބުގެ ދެގުނަ އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެ.
މި ޤާނޫނުން ހިމާޔަތްކޮށްދޭ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތަކަކީ ކޮބައިކަމާއި ޤާނޫނާ ޚިލާފު އަމަލުތަކަކީ ކޮބައިކަންވެސް މި ބިލްގައި ވަނީ ކަނޑައަޅައިފައެވެ.