އަމިއްލަ ކުންފުންޏެއްގެ އޮފީހަކަށް ވަދެ، 1.5 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި ފަސް މީހުންގެ ގްރޫޕެއް ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހު، މާފަންނު ހަވީރީ ހިނގުމުގައި ހުންނަ އަލިހަވާ ބިލްޑިންގެ 8 ވަނަ ފަންގިފިލާގައި ހުންނަ އަލިހަވާ ޓްރޭޑިންގއަށް، ގްރޫޕަކުން ވަދެ 1.5 މިލިއަން ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ ވައްކަމާއި ގުޅިގެން، މިހާތަނަށް 31-38 އަހަރާ ދެމެދުގެ ދިވެހި ފަސް ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އޭގެތެރެއިން ދެ މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ނަަމަވެސް ފުލުހުން ބުނީ ވަގަށްނެގި ފައިސާގެ ތެެރެއިން އެއްވެސް ފައިސާއެއް އަދި ހޯދިފައިނުވާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކުރިމިނަލް ކޯޓުން ވަނީ މި މައްސަލައިގައި ހައްޔަރުގައި ހުރި، އަދި ގިނަ ކުށް ތަކެއްގެ ރެކޯޑް އޮތް، 33 އަހަރުގެ އަބްދުﷲ ޖަމީލު، އއ. މަތިވެރި، ހަނދުވަރީގެ، ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރު ކޮށްފައެވެ. އޭނާގެ ކޯޓު އަމުރުގައިވާ ގޮތުގައި، އެއީ، އިންތިޒާމު ވެގެން ރާވައިގެން ބަޔަކު ހިންގި ކުށެކެވެ.