މެނިންގޯކޮކަލްގެ ކޮންޓެކްޓް ޓްރޭސިން މަސައްކަތް ނިންމައިފިން: އެޗްޕީއޭ

މެނިންގޯކޮކަލްގެ ކޮންޓެކްޓް ޓްރޭސިން މަސައްކަތް ނިންމައިފިން: އެޗްޕީއޭ

މެނިންގޯކޮކަލް ކޭސްއާ ގުޅިގެން ކުރަމުންއައި ކޮންޓްރެކްޓްރޭސިންގެ މަސައްކަތް ނިންމާލައިފިކަމަށް ހެލްތު ޕްރިޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އެ މަސައްކަތް ނިންމައިލީ މެނިންގޯކޮކަލް އާގުޅޭ ކްލޯސް ކޮންޓެކްޓުންނަށް ބޭސް ދިނުމަށްފަހުގައި ކަމަށެވެ. އަދި އޭގެއިތުރު ކޭސް އެއް ރިޕޯޓު ކޮށްފައިނުވާ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ. ނުރައްކާތެރި ބައްޔެއް ކަމަށްވާ، މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ރާއްޖެއިން ފެނިގެން ކޮންޓެކްޓް ޓްރޭސިން ހަދަން ފެށީ ހުސްވި ޖޫންމަހުގެ 25 ގައެވެ. ނަމަވެސް ބަލި ފެތުރެމުން ނުދާ ކަމަށް ހެލްތް މިނިސްޓްރީން އޭރުވެސް ބުނެފައިވެއެވެ.

އެޗްޕީއޭއިން އޭރު ބުނީ އިންވޭސިވް މެނިންގޯކޮކަލިން ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިން ހަދައި، ކޮންޓްކެޓްވީ ފަރާތްތަކަށް މައުލޫމާތުދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ފަށައިފައިވާ ކަމަށެވެ.

"މި އަހަރު ހައްޖަށް ވަޑައިގެންނެވި ފަރާތްތަކުގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުގެ ތެރެއިން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމު" އެޗްޕީއޭއިން ބުންޏެވެ.

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ އަލާމަތްތައް:

ބޮލުގައި ރިއްސުން
ކަނދުރާ ވާންވުން
މޭނުބައިކޮށް ހޮޑުލެވުން
ވާނުވާ ނޭނގޭ ގޮތްވުން
ގައިގައި ރަތްބިހި/ލައްތަކެއް ނެގުން
ފިޓުޖެހުން
އަލި ގަދަވުމުން އުނދަގޫވުން
ވަރުދެރަވުން
ނޭވާ އަވަސްވުން

އެޗްޕީއޭއިން ބުނީ މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ކަމަށެވެ. ބަލި ޖެހިފައިވާ މީހާއާ އެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވ.

އެ ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ އެއް ދުވަހާއި 10 ދުވަހުގެ ދެމެދުގައި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މެނިންޖައިޓްސް ވެކްސިން ޖެހުމުން އެ ބަލިން ރައްކާތެރިކޮށްދޭނެ ކަމަށެވެ. އަދި މެނިންޖައިޓްސް ވެކްސިންއިން ހަށިގަނޑުގެ ދިފާއީބާރު އުފެއްދުމަށް ގާތްގަޑަކަށް ދެ ހަފުތާވަރު ނަގާނެ ކަމަށެވެ.

އެ ބަލިން ރައްކާތެރިވުމަށް މަދުވެގެން ދެ ހަފުތާ ކުރިން ވެކްސިން ޖެހުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *