ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެއްގައި ހަށިވިއްކަމުން ދިޔަ މައްސަލައިގައި ހައްޔަރުކުރި ދިވެހި ފިރިހެން މީހާ ޝަރުތު ތަކަކާއެކު ދޫކޮށްލުމަށް ފަހު އެ މައްސަލައިގައި ދެން ހައްޔަރު ކުރި ތައިލެންޑުގެ ތިން އަންހެނުންގެ ބަންދު ޖަހައިފި އެވެ.
ފުލުހުން ވަނީ މިދިޔަ ހުކުރު ވިލޭރޭ މާލޭގެ ސްޕާއެގައި ހަށިވިއްކަމުން ދިޔަ 4 މީހަކު ހައްޔަރު ކޮށްފައެވެ. އެއީ 55 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން ތައިލެންޑްގެ ތިން އަންހެނުންނެވެ. އެއީ 30 އަހަރުގެ ދެ އަންހެނަކާއި 28 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ތައިލެންޑުގެ ތިން އަންހެނުންގެ ބަންދަށް 15 ދުވަސް ޖެހުމަށް ފަހު ކޯޓުން ވަނީ ދިވެހި މީހާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް އަމުރު ކޮށްފައެވެ.