ސިޔާސީ މަގާމުތަކުގެ އަދަދާއި ކުންފުނި ތަކުން މުސާރައަށް ހޭދަކުރާ މިންވަރު ބަލަން ހުށަހެޅި ކުއްލި މައްސަލަ ބޭރު ކޮށްލައިފި

ސިޔާސީ މަގާމުތަކުގެ އަދަދާއި ކުންފުނި ތަކުން މުސާރައަށް ހޭދަކުރާ މިންވަރު ބަލަން ހުށަހެޅި ކުއްލި މައްސަލަ ބޭރު ކޮށްލައިފި

ސަރުކާރުގެ ސިޔާސީ މަގާމ ުތަކަށް މީހުން އައްޔަން ކޮށްފައިވާ އަދަދާއި، ސަރުކާރު ހިއްސާވާ ކުންފުނި ތަކުން މުސާރައަށް ކުރާ ހޭދައިގެ އަދަދު ހާމަ ކުރުމަށް ސަރުކާރަށް ލާޒިމު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިނުގަނެ ބޭރު ކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

ކުއްލި މައްސަލައިގައި ވަނީ ސަރުކާރުގެ މަގާމު ތަކަށް މީހުން އައްޔަން ކުރުމަށް، ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރުގެ ދަށުން އެކިއެކި މަގާމު ތަކަށް އައްޔަން ކޮށްފައިވާ މީހުންގެ އަދަދާއި، ސަރުކާރު ހިއްސާވާ ކުންފުނި ތަކުން މުސާރައިގެ ގޮތުގައި ހޭދަ ކުރަމުންދާ އަދަދު ހާމަ ކުރުމަށް އިންކާރު ކުރަމުންދާ ކަމަށެވެ.

މީކާއީލް ވިދާޅުވީ، ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ އިޚްތިޔާރުގެ ބޭނުން ހިފައި، ސަރުކާރުގެ އިދާރާ ތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް، އެއްވެސް ހައްދެއް ނެތި ސިޔާސީ މަގާމު ތަކަށް މީހުން އައްޔަން ކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނި ތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް، އެއްވެސް ހައްދެއް ނެތި ވަޒީފާއަށް މީހުން ވައްދާފައި ވުމުގެ ސަބަބުން، މުސާރައިގެ ގޮތުގައި އެ ކުންފުނި ތަކުން ހޭަދަ ކުރަންޖެހޭ އަދަދު ބޮޑުވެ، އެކުންފުނި ތަކުގެ ހިންގުމަށް ދަތިވާ ހާލަތަށް ގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ، ސިޔާސީ މަގާމު ތަކަށް ރައީސް އައްޔަން ކޮށްފައިވާ މީހުންގެ ރަސްމީ އަދަދު ސާފު ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިނިސްޓަރު އޮފް ފިނޭންސްގެ އަރިހުން އެދުމުންވެސް އެ މައުލޫމާތު އެ ކޮމިޓީއަށްވެސް ދީފައިނުވާ ކަމަށެވެ.

އެހެން ކަމުން ޤާނޫނު އަސާސީން ކަށަަވަރު ކޮށްދީފައިވާ، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ބޭނުން ހިފުމަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ޤާނޫނު އަސާސީއާއި އެއްގޮތަށް އަމަލު ކުރުމާއި، ޤާނޫނު އަސާސީގައި ބަޔާން ވެގެންވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއް ކަމަށް، ޤާނުނޫ އަސާސީގައި ކަނޑައަޅައި ބަޔާން ކޮށްފައިވާއިރު، މިއަދާހަމައަށްވެސް އެ މައުލޫމާތު ސަރުކާރުން ހާމަކޮށްފައި ނުވާކަމަށްވެެސް ވިދާޅުވިއެވެ.

އެހެން ކަމުން ނޫސްވެރިންނާއި އާއްމު ރައްޔިތުންގެ ތެރެއިން މައުލޫމާތު ހޯދަންއެދި ސަރުކާރުގެ އިދާރާ ތަކަށް ހުށަހަޅާ ފަރާތްތަކަށް އެ މައުލޫމާތު ދިނުމަށް އިންކާރު ކުރަމުން ދިއުމުގެ ސަބަބުން، ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަށް، ޤާނޫނު އަސާސީން މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ވާޖިބު އަދާކުރުމަށް ހުރަސް އަޅަމުން ދިއުމާއި، ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ބޭނުން ހިފުމަށް ހުރަސް އެޅެމުން ދިއުން ހުއްޓުވައި، އެ ހައްގު ލިބިދެވޭކަން ދައުލަތުން ކަށަވަރު ކޮށްދިނުމުގެ ގޮތުން ސިޔާސީ މަގާމު ތަކަށް އައްޔަން ކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ހިސްސާވާ ކުންފުނި ތަކުން މުސާރައިގެ ގޮތުގައި ހޭދަ ކުރަމުންދާ ޖުމްލަ އަދަދު، ހާމަ ކުރުމަށާއި ރައްޔިތުންގެ މަޖިލީހަށް ފޯރުކޮށް ދިނުމަށާއި އަދި މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ މައުލޫމާތު ދޫކޮށްދިނުން ސަރުކާރަށް ލާޒިމު ކުރުމަށް މި ކުއްލި މައްސަލައިގައި ވަނީ ގޮވާލައިފައެވެ.

ނަމަވެސް މި މައްސަލައަށް ބަހުސް ކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ބަހުސް ކުރަން ފެންނަ ކަަމަށް ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެއިން އެންމެ 11 މެންބަރުންނެވެ. ބަހުސް ކުރަން ނުފެންނަ ކަމަށް 56 މެންބަރުން ވޯޓު ދެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *