ގޭންގު މަރާމާރީއެއްގެ ވީޑިޔޯ ފުލުހުން އަތުން ގެއްލުމުން ދައުވާ ލިބޭ އެންމެން ސަލާމަތް ވެއްޖެ

ގޭންގު މަރާމާރީއެއްގެ ވީޑިޔޯ ފުލުހުން އަތުން ގެއްލުމުން ދައުވާ ލިބޭ އެންމެން ސަލާމަތް ވެއްޖެ

މާލޭގެ ކެފޭއެއްގެ ތެރޭގައި މީގެ 6 އަހަރު ކުރިން 2017 ގައި ކޯރާޑިއަކުން ޒުވާނަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ހެއްކެއް ކަމަށްވާ ވީޑިއޯ ފުޓޭޖްތައް ފުލުހުންގެ އަތުން ގެއްލުމުން އެ މައްސަލާގައި ދައުވާ ލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތުނުވެ ސަލާމަތް ވެއްޖެއެވެ.

އެ މާރާމާރީ ހިންގާފައި ވަނީ ރައްޔިތުންގެ މަޖިލިސް ކައިރީގައި ހުންނަ ކެފޭއެއްގެ ތެރޭގައެވެ. އެ މަރާމާރީގައި ގްރޫޕަކުން ގޮސް ޒުވާނަކަށް ކޯރާޑިއަކުންނާއި ތޫނު އެއްޗެހި ބޭނުންކޮށްގެން އޭނާގެ ބޮލަށާއި ބުރަކަށްޓަށް ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާކޮށްފައި ވަނީ ހަތަރު މީހެއްގެ މައްޗަށެވެ.

ދައުލަތުން ވަނީ އޭގެތެރެއިން ދެ މީހެއްގެ މައްޗަށް ނުރައްކާތެރި ހާނީއްކަ ވާ ގޮތަށް ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ ކޮށްފައެވެ. ތިންވަނަ މީހާގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ މާރާމާރީ ހިންގުމުގައި ބައިވެރިވި ކަމުގެ ދައުވާއެވެ. ހަތަރުވަނަ މީހާއަށް ދައުލަތުން ކޮށްފައިވަނީ މާރާމާރީ ހިންގަން އުޅުމުގެ ދައުވާއެވެ. އަދި މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ އިތުރު ދައުވާއެއް އޭގެ ތެރެއިން ތިން މީހުންގެ މައްޗަށް ދައުލަތުން ކޮށްފައިވެއެވެ.

އެ މައްސަލާގައި ލިބިފައިވާ އެންމެ މުހިންމު ހެއްކަކީ އެ ސަރަހައްދުގައި ހުރި ފުލުހުންގެ ކެމެރާ ތަކުގެ ވީޑިޔޯ ފުޓޭޖްތައް ކަމަށާއި އެ ވީޑިޔޯއިން މާރާމާރީ ހިންގި މީހުން ހަމަލާ ދިނުމަށްފަހު އެތަނަށް މީހުން ދިޔަ މަންޒަރާއި އަދި ހަމަލާ ދިނުމަށްފަހު ހަތިޔާރު ހިފައިގެން އެތަނުން ނިކުތް މަންޒަރު ފެންނަ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުން އެ މައްސަލައިގެ ހުކުމުގެ ރައުޔުގައިވާ ގޮތުން ފަހުން ފުލުހުން އަތުން ވަނީ އެ ވީޑިޔޯ ގެއްލިފައެވެ. އެ ވީޑިޔޯ  ގެއްލުނީ ސާވާއަށް ދިމާވި މައްސަލައަކުން ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ރައުޔުގައިވެއެވެ.

ވީޑިޔޯގެ ބެކަޕް ނެގުމަކީ ބޮޑު ޚަރަދެއް ހިނގާނެ ކަމެއް ކަމަށް ބުނެ، އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ ވީޑިޔޯ ކޮމްޕެރިސަން ފުލުހުން ހަދާފައިނުވާ ކަމަށް ރައުޔުގައިވެއެވެ. އަދި އެ މައްސަލާގައި ދައުލަތުން ހުށަހެޅި ސިއްރު ހެކިން ކޯޓަށް ހާޒިރު ކުރަން ގިނަ ފުރުސަތު ތަކެއް ދިން ނަމަވެސް އެ މީހުން ހާޒިރު ނުކުރެވޭތީ އެ މީހުންގެ ހެކިބަސް ލިބިފައިނުވާ ކަމަށް ރައުޔުގައިވެއެވެ.

އެހެންވެ ކްރިމިނަލް ކޯޓުން ހުކުމް ކުރީ މާރާމާރީގެ މައްސަލައިގައި ދައުލަތުން ދައުވާކުރި އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *