ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި ތުހުމަތުގައި ހައްޔަރު ކުރި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 13 އޮފިސަރުންގެ ތެރެއިން 11 މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކުރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ޖަލަށް މަސްތުވާ ތަކެއްޗާއި ފޯނު ވެއްދުމުގެ މައްސަލަިގައި ހިންގި އޮޕަރޭޝަންގައި 13 ކަރެކްޝަން ސާވިސްގެ 13 މީހުން ހައްޔަރު ކުރި ކަމަށެވެ. އެމީހުނެގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން 11 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރު ދިންއިރު، އަނެއް ދެ މީހުން ބަންދު ކުރަން އަމުރު ލިބުނީ ފަސް ދުވަހުގެ މުއްދަތަށް ކަމަށެވެ.
އަދި މި މައްސަލަ އިތުރަށް ތަޙުޤީޤުކ ުރަމުންދާ ކަމުގައިވެސް ފުލުހުން ބުންޏެވެ.
ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން ބައިވެރިވާ ކަމަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން އޮޕަރޭޝަނެއް ކުރިއަށް ދާކަން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ވަނީ ހާމަ ކޮށްފައެވެ.
ފުލުހުން ބުނީ މާފުށީ ޖަލުގައި ކުރިއަށްދާ މިއޮޕަރޭޝަންގައި މިހާތަނަށް ބެލި ބެލުމުން ފޯނާއި މަސްތުވާތަކެތި ޖަލަށް ވެއްދުމުގައި ކަރެކްޝަންސްގެ 18 މުވައްޒަފަކު އެހީވާ ކަމަށް ވަނީ އެނގިފައިވާ ކަމަށެވެ. އެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވި ގޮތުގައި އެކަމުގައި ކަރެކްޝަންސްގެ ދަށް ލެވަލްގެ 18 އޮފިސަރަކު ހިމެނެއެވެ. އަދި އެމީހުންގެ އެކައުންޓު ތަކަށް 73 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެ 18 އޮފިސަރުންގެ ތެރެއިން ބައެއް އޮފިސަރުންގެ އެކައުންޓު ތަކަށް 24 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 18 އޮފިސަރުންގެ އެކައުންޓަށް ޖުމުލަ 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ އޮފިސަރުންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައި ވަނީ ޖަލު ބަންދުގައި ތިބޭ މީހުންގެ އެކައުންޓުންނާއި މާލޭގެ ކުށުގެ ވެށީގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުން ކަމަށެވެ. އޮފިސަރުންގެ އެކައުންޓަށް ފައިސާ ޖަމާވެފައި ވަނީ ކުދިކުދި އަދަދުން ކަމަށް ވުމުން ބޭންކަށް އެކަން ފާހަގަ ކުރެވިފައި ނުވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.