ދައުލަތުގެ މަސް ކުންފުނި މިފްކޯއަށް ކަނޑުމަސް ގަންނަ އަގު މިހާރަށްވުރެން ދަށްކުރަން ނިންމައިފިއެވެ.
މަސްގަނަން އަގު ދަށްކުރަން ނިންމާފައި މިވަނީ، އަގު ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި، ސަރުކާރު ހިންގާ ޕީއެންސީގެ ގިނަ މެންބަރުން ގޮވާލައްވާފައި ވަނިކޮށެވެ.
އެ މެންބަރުން އެކަމަށް ގޮވައިލެއްވީ މަސްވެރިން ކިރުވިމަހަށް ދޭންޖެހޭ ފައިސާ ސަރުކާރުން ނުދޭކަމަށްބުނެ އައްޑޫ މަސްވެރިން ކުރިއަށްގެންދާ މުޒާހަރާއާ ގުޅިގެން، ވަގުތުން ވަގުތަށް މަސްވެރިނަށް ފައިސާ ދިނުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައެވެ.
ކުރިއަށް އޮތް ތަނުގައި މަސް ގަންނަ އަގު ކުޑަކުރާނެކަން ފާހަގަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.
ނާޒިމް ވިދާޅުވީ، ސަރުކާރުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާބެހޭގޮތުން ފިނޭންސް މިނިސްޓްރީން އެ ކޮޓީއަށް ފޮނުވާފައިވާ ކަރުދާހެއްގައި މިފްކޯއަށް މިހާރު މަސްގަންނަމުންދާ އަގު މުރާޖައާކުރާނެކަން އަންގާފައިވާ ކަމަށެވެ.
އެގޮތުން އަންނަ ޖުލައިމަހުގެ 26 އިން ފެށިގެން މިފްކޯއަށް މަސް ގަންނަ އަގު މުރާޖައާ ކުރަން އެ ކަރުދާހުގައި ހިމަނާގައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
މިފްކޯއަށް މިހާރު ކަޅުބިލަމަސް ގަންނަނީ ކިލޯއެއް 25 ރުފިޔާގެ މަގުންނެވެ. އެއަދަދަށް އަގު ޖެއްސީ ނިމިދިޔަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ.