ދައުލަތަށް މިހާރު ލިބެމުންދާ އާމްދަނީއިން ހަރަދުތައް ދެކޮޅު ޖައްސަން ދަތިވުމުގެ ސަބަބުން ޖީއެސްޓީ، ޓީޖީއެސްޓީ އަދި ޓެލެކޮޕް އޮޕަރޭޓާސް އަތުން ނަގާ ފީތައް ބޮޑުކުރަން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހު ސަރުކާރުގެ އާމްދަނީގެ ސިޔާސަތު ނުވަތަ މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީ (އެމްއެމްޓީއާރުއެސް) ރިޕޯޓު ކޮށްފަ އެވެ. އެ ރިޕޯޓް ކެބިނެޓް ވަނީ މިދިޔަ އާދިއްތަ ދުވަހު ފާސްކޮށްފަ އެވެ.
ރިޕޯޓުގައިވާ ގޮތުން މިއަންނަ އަހަރުގެ ތެރޭގައި ގިނަ ބާވަތެއްގެ ޓެކްސް ބޮޑުކޮށް ބައެއް ފީތައް ބޮޑުކުރާނެ އެވެ.
ބޮޑުކުރަން ނިންމައިފައިވާ ފީ އަދި ޓެކްސްތައް:
ގްރީން ޓެކްސް ބޮޑު ކުރުން
ޖީއެސްޓީ ނަގާ ތަކެތި އިތުރުކުރުމާއި ޖީއެސްޓީ ބޮޑުކުރުން
ރަލާއި، ދުންފަތް އަދި އޫރުމަސް ފަދަ ހާއްސަ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުން ނުވަތަ އެ ސިޔާސަތަށް ބަދަލުތަކެއް ގެނައުން
އިމްޕޯޓް ޑިއުޓީ ނަގާ ރޭޓްތައް ބޮޑުކުރުން
ޓެލެކޮމް އޮޕަރޭޓަރުންގެ ހިދުމަތްތަކުން ނަގާ ފީތައް ބޮޑުކުރުން
ރިސޯޓް ކުއްޔާއި ޓޫރިޒަމް ބޭނުންތަކަށް ދޫކޮށްފައިވާ ބިން ތަކުގެ ކުލި ބޮޑު ކުރުން
2026، 2027 އަދި 2028 ވަނަ އަހަރު އަޅަން ނިންމައިފައިވާ ފިޔަވަޅުތައް:
ޕްރޮޕަޓީ ޓެކްސް ނިޒާމެއް ތައާރަފްކުރުން
އިންކަމް ޓެކްސް ނަގާ އާމްދަނީ ދަށް ކުރުން
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޓެކްސްގެ އިދާރީ ބުރަ ކުޑަކުރުން
ކާބަން ކްރިޑިޓް ބޭރުގެ މާކެޓްތަކުގައި ވިއްކައިންގެން އާމްދަނީ ހޯދުން
ބުރިޖް ފަދަ ތަންތަނުން ފީ ނެގޭނޭ ސިޔާސަތެއް އެކުލަވާލުން
އެމްއެމްޓީއާރުއެސް ސަބަބުން ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ އާމްދަނީ %35.5 އިތުރުވާނޭ ކަމަށާއި މިހާރު ޓެކްސް އާމްދަނީއަކީ ޖީޑީޕީގެ ނިސްބަތުން %32.5 ކަމަށް ފިނޭންސުން ބުންޏެވެ.