އެމްޑީޕީއަށް 19 އަހަރު، ޕާޓީގެ ރައީސް ދެއްވި އުންމީދު: އާ ބާރެއްގައި އެނބުރި އާދެވޭނެ

އެމްޑީޕީއަށް 19 އަހަރު، ޕާޓީގެ ރައީސް ދެއްވި އުންމީދު: އާ ބާރެއްގައި އެނބުރި އާދެވޭނެ

އެމްޑީޕީއަށް އެނބުރި ރާއްޖޭގެ ވެރިކަމަށް އާދެވޭނެ ކަމުގެ އުންމީދުގެ މެސެޖަކުން، އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހު، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު، ޕާޓީގެ މެމްބަރުންނަށް ދުވަހުގެ ހެޔޮއެދުންތައް ވިދާޅުވެއްޖެއެވެ.

19 ވަނަ އަހަރީ ދުވަހާއި ގުޅިގެން ޝާހިދުގެ ރަސްމީ ފޭސްބުކް ޕޭޖުގައި މިއަދު ލިޔުއްވި މެސެޖު ފައްޓަވަމުންވެސް ވިދާޅުވީ " މާތް اللهގެ ވާގިފުޅާއިއެކު އިރާދަކުރެއްވިއްޔާ އާ ބާރެއްގައި އެނބުރި އާދެވޭނެ" ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީއަށް މިއަދު އޮނަވިހި ވީއެވެ. ޒުވާން ކަމުގެ ޖޯޝާއިއެކު ހަރުދަނާ ޒިންމާދާރު ހިތްވަރުގެ ޖޯޝަށް މިސްރާބު ސީދާ ކުރަންވީ ވަގުތު ޖެހުނީއެވެ. މިއީ ކޮންމެ ގޮތެއް ވަރިހަމަ ނުވެވޭނެ ކަމުގެ އުމުރެވެ. ވާނެ އެއްޗެއްވާން ދޫކޮށްނުލެވޭނެ ކަމުގެ ފިޔަވަޅެވެ. ‏ ‏އެމް.ޑީ.ޕީ އަކީ ދިވެހި ރައްޔިތުންގެ އުންމީދެވެ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ފާރަވެރި ވާދަވެރި ސިޔާސީ ނިޒާމެއްގެ އަލި ދަންމަރު ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ވެށީގެ ރައްކާތެރި މީޒާން ކަމަށެވެ. ‏ ‏ޢާންމު ރައްޔިތުންގެ ހަމައިގައި ހަމަ ހަމަ ފުރުޞަތު އޮންނަ ނޫ އިޤްތިޞާދަކާއި، ޖީލުތައް ރައްކާތެރިވާނެ ތިމާވެށި ޙިމާޔަތް ދިރިއުޅުމެއް ދިވެހިންނަށް ހޯދައިދިނުމީ އުފާވެރި ދިވެހިރާއްޖެއެއްގެ އަސާސް ކަމަށެވެ. މީގެއިތުރުން  މާތްވެގެންވާ އިސްލާމްދީނުގެ ތަރުބިއްޔަތާއި، ޒަމާނީ ޑިމޮކްރެޓިކް މުޖުތަމަޢެއްގެ ސިފަތައް ދައުލަތުގެ އެންމެހައި ބަހާތަކުން ފެންނަކަން ކަށަވަރު ކުރުމަކީ އެމްޑީޕީގެ އަމާޒު ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

" ‏‏ދޮގާއި މަކަރާއި އޮޅުވާލުމުގައި ދިވެހިން މަކުޑިއަޅުވާ، ބަންދުކޮށް، ހުއްޓުވިދާނެ ކަމަށް އެއްވެސް ބަޔަކު ޤަބޫލު ކުރާނަމަ އެކުރެވެނީ ވަރަށް ބޮޑު ކުށް ހީއެކެވެ. ދިވެހިންނަކަށް ކޮންމެ ގޮތެއް ވަރިހަމަ ނުވާނެއެވެ. އެމް.ޑީ.ޕީ އަކަށް ކޮންމެ ގޮތެއް ވަރިހަމަ ނުވާނެއެވެ. ‏" ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ މި މެސެޖުގައި އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުންތައް އެ ޕާޓީގެ ހުރިހާ މެމްބަރުންނަށް ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *