ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންޖައިޓިސް ބަލި ރާއްޖެއިން ފެނިގެން ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ފަށައިފި އެވެ.
އެޗްޕީއޭއިން މިރޭ ބުނީ މެނިންގޯކޮކްލިން ބަލީގެ ކޭސްއެއް ފެނުމާއި ގުޅިގެން ކަމާބެހޭ މައުލޫމާތު އެއްކުރަމުންދާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިން ހަދާ، ކޮންޓްކެޓްވީ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ އިތުރުން ކޮންޓެކްޓުންނަށް ބަލިން ރައްކާތެރި ވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމަށް ފަށައިފައިވާ ކަމަށެވެ.
ރާއްޖެއިން މިއަހަރު ހައްޖަށް ވަޑައިގެންނެވި ފަރާތް ތަކުގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުގެ ތެރެއިން ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމު ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެ ބަލި ޖެހިފައިވާ މީހާއާއެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އިންވޭސިވް މެނިންގޯކޮކަލް ބަލީގެ އަލާމަތްތައް:
ބޮލުގައި ރިއްސުން
ކަނދުރާ ވާންވުން
މޭނުބައިކޮށް ހޮޑުލެވުން
ވާނުވާ ނޭނގޭ ގޮތްވުން
ގައިގައި ރަތްބިހި/ލައްތަކެއް ނެގުން
ފިޓުޖެހުން
އަލި ގަދަވުމުން އުނދަގޫވުން
ވަރުދެރަވުން
ނޭވާ އަވަސްވުން
ކޮންޓެކްޓުންގެ ގޮތުގައި ބެލެވޭ މީހުންނަކީ:
ބަލިމީހާއާ އެއް ގެއެއްގައި ދިރިއުޅޭ މީހުން
ބަލިމީހާއާ އެއްކޮށް ވަރަށް ގިނައިރު އެއް ބަހެއްގައި، ނުވަތަ އެއް މަތިންދާބޯޓެއްގައި ދަތުރުކުރި މީހުން
ބަލި މީހާގެ ކުޅުފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔައަކަށް ހުށަހެޅިފައިވާ މީހުން