ހުކުމް ތަންފީޒު ކުރުމަށްޓަކައި ޖަލުގައި މީހަކު ގެންގުޅެން ކޮންމެ މީހަކަށް މަހަކު 27،000 ރުފިޔާ ހަަރދުވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ހޯމްލޭންޑް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ، 241 ކޮމިޓީއަށް މައުލޫމާތު ދެއްވަމުން އިހުސާން މިއަދު ވިދާޅުވީ، ޖަލުގައި ބަލަހައްޓަމުންދާ މީހަކަށް ދައުލަތުގެ ބަޖެޓުން މަހަކު 27،000 ރުފިޔާ ހޭދަކުރަންޖެހުމަކީ ބޮޑު ހަރަދެއްކަމަށެވެ. އަދި އެއީ ބޭރުގަމުތަކުން ކުރާ ހަރަަަށްވުރެން ބޮޑު އަދަދެއް ކަމަށްވެސް ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ، ޖަލުގައި ބަލަހައްޓަންޖެހޭ ކުށްވެރިއަކަށް އެހާބޮޑު ޚަރަދެއް ކުރަންޖެހެނީ ޖަލުތައް އެކި ތަންތަނުގައި ގާއިމްކޮށްފައިވާތީ ކަމަށެވެ.
"ޖަލު ތަކަކީ ވަކި ކަންތައްތަކެއް އެތަންތަނުގައި ގާއިމްވެފައި ހުންނަންޖެހޭ ތަންތަން، އެގޮތުން ލޮޖިސްޓިކްސް އާއި ސަޕޯޓާއި ސެކިއުރިޓީ އާއި މެއިން ޓެނަންސާއި އެޑްމިނިސްޓްރޭޝަނަކީ ކޮންމެ ޖަލެއްގައިވެސް ހުންނަންޖެހޭ،" އިހްސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޖަލު ފެސިލިޓީއަށްދާ ކޮންސެޕްޓެއް މިހާރު ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ. އޭރުން އެތައް ގުނައަކަށް ހަރަދުތައް ކުޑަވެ ތަނުގެ ބެލެހެއްޓުން ހަރުދަނާވެ، ޖަލަކީ މީހުން އެހާގިނަ ދުވަހު ބައިިތިއްބަން ޖެހޭ ތަނަކަށް ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެގޮތަށް ޖަލުގެ ފެސިލީޓި ގާއިމް ކުރެވިގެން ދާނީ ބައިނަލް އަގްވާމީ މިންގަޑަށް، ހާއްސަކޮށް މަންޑޭލާ ޕްރިންސިޕަލްސްއާ އެއްގޮެތަށް ކަމަށްވެސް ވިދާޅުވިއެވެ. އޭގެ ތެރެއިން ޖަލު ޑިޒައިން ކުރެވޭނީ ފުލް ރިހެބިލިޓޭޝަން ސެންޓަރެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.
"އޭރުން ޖަލަށް ވަންނަ މީހާއަށް ފައިސާވެސް ލިބޭނެ، މުސާރަވެސް ލިބޭނެ އޭނާ،" އިހްސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އޭރުން ޖަލުގެ ރިހެބިލިޓޭޝަން ޕްރޮސެސް ޑިޒައިންކުރާނީ ގިނަ ދުވަސްވަންދެން މީހުން ޖަލުގައި ބެއިތިއްބުމުގެ ބަދަލުގައި އެ ްޕރިސެސްގައި ބައިވެރިވާ މިންވަރަކުން ޖަލުގެ މުއްދަތު ކެނޑެމުންދާގޮތަށް ކަމަށެވެ. އަދި އޭރުން ޖަލުން ނިކުންނަމީހުންނަކީ ސޮސައިޓީން ބަލައިގަންނަ އަދި އެމީހުންކީ ސޮސައިޓިގައި އުޅެން ބޭނުންވާ ބަޔަކަށް ވެގެންދާނެ ކަަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރު ޖަލު އޮތީ އޯވަރ ކްރައުޑް ވެފައި ކަމަށެވެ. ޖަކުގެ ހާލަތު ގޯސް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ލިބިފައި ހުރި ވަސީލަތްތަކާއި ތިބި މީހުން ބޭނުންކޮށްގެން ބެލެހެއްޓޭނެ އެންމެ ރަނގަޅަކަށް ޖަލުގެ ކަންތައް ބަލަހައްޓަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.