ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީގެން އައްޑޫ ސިޓީ ހުޅުމީދޫގައި އިހުތިޖާޖު ކުރަމުންދާ މަސްވެރިންނަށް މިހާރުން މިހާރަށް ފައިސާ ދޭން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ މައްސަލަ ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީއެވެ. ކުއްލި މައްސަލަ ހުށަހަޅުއްވަމުން އޭނާ ވަނީ، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ މަސްތަކެއްވުމާއި ގުޅިގެން އައްޑޫގައި ކުރަމުންދާ އިހުތިޖާޖަށް ސަރުކާރުން އެދެވޭ ހައްލެއް ހޯދައިނުދޭތީ އެކަން ހައްލު ކޮށްދިނުމަށް ގޮވާލައިފައެވެ.
އަދި މަސްވެރިންގެ އަތުން ގަންނަ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރއިްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ނަމަވެސް ވޭތުވެދިޔަ މަސްތަކުގައި މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދީފައިނުވުމުގެ ސަބަބުން މަސްވެރި އާއިލާތައް ތިބީ ބިކަވެ، ހާލުގައި ޖެހި، ބިލުތައް ނުދެއްކިފައި ކަމަށްވެސް ވިދާޅުވިއެވެ.
އަހުމަދު ދީދީ ވިދާޅުވީ، މަސްވެރިންނަށް ފައިސާ ނުދިނުމުގެ ސަބަބުން މަސްވެރިކަމަށް ބަރޯސާވާ ރަށްރަށުގެ އިގުތިސާދު ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި އެކަން ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ.
"އައްޑޫ ހިމެނޭ ގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބުރަ މަސައްކަތްކުރާ މަސްވެރިން، އެ މީހުންގެ ހައްގުތައް ހޯދަން ކުރަމުންދާ އިހުތިޖާޖަށް ފުލުހުންނާއި ސިފައިން ހުރަސް ނޭޅުމަށް ގޮވާލައި އަދި އެ މީހުނަށް ލިބެންޖެހޭ ފައިސާ މިހާރުން މިހާރަށް ހަަމަޖެއްސުމާއި މަސްވެރިން އިހުތިޖާޖު ކުރަމުންދާ މައްސަލައަށް އިޖާބަދީ ދާއިމީ ހައްލެއް ހޯދައިދިނުމަށް ގޮވާލަން،" އަހުމަދު ދީދީ ވިދާޅުވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 75 މެންބަރުންގެ ތެރެއިން 74 މެންބަރުން ވޯޓު ދެއްވައިގެން އެ ކުއްލި މައްސަލައަށް ބަހުސް ކުރުމަށް މަޖިލީހަށް ވަނީ ބަލައިގެންފައެވެ.