ދުވާރު މަތީގައި ޕާކު ކުރުން ހުއްޓުވުމަށް މާލޭގެ ބައެއް މަގުތަކުގެ ދުވާރުގައި ބޮލާޑު ޖަހަން ފަށައިފިއެވެ.
ދުވާރު މަތީގައި ކާރާއި އެހެނިހެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރުން އިތުރުވެ، ހިނގާ ބިނގާވެ އުޅޭ މީހުންނަށް އެތައް ތަކުލީފެއް އުފުލަންޖެހި އެކަމުގެ ކަންބޮޑުވުން ފާޅުކުރެއެވެ.
ވަކީން ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނެވެ. މިކަމަށް ހައްލެއް ގެނައުމަށްޓަކައި ޓްރެފިކް ފުލުހުންނާއި މާލޭ ސިޓީ ކައުންސިލުން ވަނީ މަޝްވަރާކޮށްފައެވެ. އަދި މި މައްސަލަ އަށް ހައްލު ގެނައުމަށް މާލޭ ސިޓި ކައުންސިލުން ވަނީ މަސައްކަތް ފަށާފައެވެ.
އެގޮތުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ޗާންދަނީ މަގުގެ ދުވާރުމަތީގައި މީހުންނަށް އުދަނގޫވާ ގޮތަށް ކާރު ޕާކު ކުރަމުންދާ މައްސަލަ އަށް ހައްލެއް ހޯދުމަށް އެ މަގުގެ ދުވާރުގައި ބޮލާޑް ހަރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މާލޭ ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޕާކިންގެ މައްސަލައެވެ. އެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. މާލޭގެ އެކި ސަރަހއްދުގެ ދުވާރު މަތީގައި ކާރު އަދި ޕިކަޕް ފަދަ ތަކެތި ޕާކު ކުރުން ވަނީ އާންމުވެފައެވެ.
މީގެ އިތުރުން ދުވާރު މަތީގައި މުދާ ބެހެއްޓުމާއި ފިހާރަ ތަކުން ނެރޭ ކުނި ފަދަ ތަކެތި މުޅި ދުވާރު ބްލޮކްވާ ގޮތަށް ބަހައްޓާފައި ހުންނަ މައްސަލައަށްވެސް ހައްލު ހޯދަން މާލެ ސިޓީ ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.