އެންމެންގެ ކަޅި ހުއްޓުވާލި ހުޝިޔާރު، ދުވެލި ބާރު ކުއްޖާ

އެންމެންގެ ކަޅި ހުއްޓުވާލި ހުޝިޔާރު، ދުވެލި ބާރު ކުއްޖާ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ޕޯޗުގަލް އާއި ތުރުކީ ބައްދަލުކުރި މެޗުގައި ހުރިހާ މީހުންގެ ކަޅި ހުއްޓުވާލީ ޕޯޗުހަލްގެ ރަތް ޖޯޒީ ލައިގެން ދުވެފައި ދަނޑަށް އެރި ކުޑަ ކުއްޖެކެވެ. ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯއާއެކު ސެލްފީއެއް ނެގުމަށްފަހު ސެކިއުރިޓީންގެ އަތުގައި ނުޖެހި ދަނޑުން ފައިބައިގެންދިޔަ ކުޑަކުއްޖެކެވެ.

އެ ކުއްޖާ ދަނޑަށް އަރައި ރޮނާލްޑޯއާ ދިމާލަށް ދިއުމުން ރޮނާލްޑޯ އެ ކުއްޖާއަށް މަރުޙަބާ ކިއެވެ. ސަލާމްކޮށް ބައްދާލިއެވެ. އެ ކުއްޖާ ދަނޑަށް އެރީ ފޯނުގެ ކެމެރާ ސެޓްކޮށްގެންނެވެ. ރޮނާލްޑޯއާއެކު ސެލްފީއެއް ނެގުމަށެވެ. ދަނޑު މަތީގައި ގިނައިރު ނުލިބޭނެކަން އެކުއްޖާއަށް އެނގޭނެއެވެ. އެހެންވެ އެ ކުއްޖާ ނިކަން ހުޝިޔާރު ކަމާއެކު އޭނާ ބޭނުންވި ހުރިހާ ކަމެއް ދަނޑު މަތީގައި ކޮށްނިންމާލިއެވެ. އެކަމަށް ރޮނާލްޑޯވެސް މަރުޙަބާ ކިއެވެ. އެ ކުއްޖާ ރޮނާލްޑޯއާއެކު ސެލްފީ ނެގުމަށް ރޮނާލްޑޯވެސް ހުރީ ހިތްގައިމު ހިނިތުންވުމަކާއެކުގައެވެ.

އެ ކުއްޖާ ރޮނާލްޑޯއާއެކު ސެލްފީއެއް ނަގާހިތުން ދުވެފައި އަރައި، އެކަންކޮށް ނިންމާލިއިރު، ދަނޑު ބޭރު ތިބި ހުޝިޔާރު ކެމެރާމަނުންވެސް ދިޔައީ އެ ކުއްޖާގެ ހުރިހާ ހަރަކާތެއް ފޮޓޯ ނަގަމުންނެވެ.

އެއާއެކު ދެން ފެނުނީ ދަނޑުގެ ސެކިއުރިޓީ ބަލަހައްޓާ މީހުން އެ ކުއްޖާ އަތުލަފި ކުރަން ދުއްވައިގަތް ތަނެވެ. ހަތަރު ވަރަކަށް ސެކިއުރިޓީ އޮފިސަރުން އެ ކުއްޖާ އަތުލަން ދަނޑު މަތީގައި ދުވިޔަސް އެކަމެއް އެމީހުންނަކަށް ކާމިޔާބެއް ނުވިއެވެ. ދަނޑު މަތިން އެ ކުއްޖާ އަތުވާނެ ގޮތެއް ނުވިއެވެ. ސެކިއުރިޓީންނަށްވުރެ އެ ކުއްޖާގެ ދުވެލި ހަލުއްވިއެވެ. ހަމަ ރޮނާލްޑޯ ކަހަލަ ދުވެލި ބާރު ކުޑަ ކުއްޖެކެވެ.

ސެކިއުރިޓީ އޮފިސަރުން އަތް އެއްލި ނަމަވެސް އެއިން މީހެއްގެ އަތްދަށުނުވެ، އެ ކުއްޖާ ގޮސް މަޑުވީ ދަނޑުން ފޭބުމަށްފަހުއެވެ. އެއާއެކު ސެކިއުރިޓީ އޮފިސަރުންވެސް އެ ކުއްޖާއަށް އަދަބެއްދީ، ނުވަތަ ހައްޔަރު ކުރަން ނޫޅެ ފެނުނީ ލޯތްބާއެކު އެ ކުއްޖާގައިގައި ބައްދާލި ތަނެވެ.

ފުޓްބޯޅައިގައި ދަނޑު ބޭރުން މީހުން އެރުމަކީ މަދުން ނަމަވެސް ހިނގާ ކަމެކެވެ. ނަމަވެސް އެހާ ކުޑަ ކުއްޖަކު ރޮނާލްޑޯއަށް އޮތް ލޯބި ރޭގައި ދައްކާލި ގޮތާއި ރޮނާލްޑޯ އަމަލުކުރި ގޮތާއި ސެކިއުރިޓީންވެސް އެ ކުއްޖާއަށް ފަހު ވަގުތު ދިން ލޯބި އެއީ ހަގީގަތުގައިވެސް ފުޓްބޯޅައިގެ ލޯތްބެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *