ރޮނާލްޑޯއަށް އެންމެ ގޯލެއްވެސް ނުޖެހި އުޅެނިކޮށް ޕޯޗުގަލް ގަދަ 16 އަށް ހިނގައްޖެ

ރޮނާލްޑޯއަށް އެންމެ ގޯލެއްވެސް ނުޖެހި އުޅެނިކޮށް ޕޯޗުގަލް ގަދަ 16 އަށް ހިނގައްޖެ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ތުރުކީ އަތުން 3-0 އިން ބޮޑު މޮޅެއް ހޯދައި ޕޯޗުގަލް އިން މުބާރާތުގެ ގަދަ 16  އިން ޖާގައެއް ޔަގީންކޮށްފިއެވެ.

ޕޯޗުގަލަށް ގްރޫޕު ސްޓޭޖުގައި އަދި ބާކީ އެއް މެޗު އޮއްވައި، ގަދަ  16 ބުރުގެ ފުރުސަތު ހޯދީ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ޕޯޗުގަލް އިން ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. ޕޯޗުގަލްގެ އިތުރުން ފުރަތަމަ ދެ މެޗަށް ފަހު ގަދަ 16 އިން ފުރުސަތު ހޯދީ ޖަރުމަނާއި ސްޕެއިނުންނެވެ.

ގްރޫޕް އެފްގެ އެއް ވަނައިގައި ޕޯޗުގަލް އޮތީ 6 ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތް ތުރުކީ އަށް 3 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޗެކް ރިޕަބްލިކާއި ހަތަރެއްގައި އޮތް ޖޯޖިއާ އެއްވަރުވިއިރު، އެ ދެ ޓީމަށް ވެސް ވަނީ ޕޮއިންޓެއް ލިބިފައެވެ.

ޕޯޗުގަލް މި މުބާރާތުގައި ކުޅުނު އެއްވެސް މެޗެއްގައި އަދި މިހާތަނަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ގޯލެއް ޖެހޭގޮތެއް ނުވެއެވެ. ކުރީ މެޗުގައި ވެސް އޭނާއަށް ގޯލެއް ނުޖެހުނެވެ. ގިނަ ބަޔަކު އަންނަނީ ރޮނާލްޑޯގެ ގޯލަކަށް އިންތިޒާރު ކުރަމުންނެވެ.

ގޯލެއް ނުޖެހުނަސް، ރޮނާލްޑޯ ވަނީ ހުރިހާ މެޗެއްގައިވެސް މޮޅު ކުޅުމެއް ކުޅެފައެވެ. އެންމެ ފަހުން ކުޅުނު މެޗުގައިވެސް ރޮނާލްޑޯ ބޯޅަ އާއެކު މުޅިން ހުސްކޮށް ތުރުކީގެ ޕެންލްޓީ އޭރިއާގެ ތެރެއަށްވަދެ ދިން ބޯޅައިން މި ގޯލު ޕޯޗުގަލް އަށް ކާމިޔާބުކޮށްދީފައިވަނީ ބުރޫނޯ ފެނާންޑޭޒްއެވެ.

ޕޯޗުގަލް އަށް ބްރޫނޯ ފެނާންޑެޒް ގެ އިތުރުން ގޯލު ޖަހައިދިނީ ބާނާޑޯ ސިލްވާ އެވެ. ދެން ޖެހި ގޯލަކީ ތުރުކީގެ ޑިފެންޑަރު ބައިކޮޅަށް ޖެހި ގޯލެކެވެ. މި ގޯލަކީ ތުރުކީގެ ސަމެޓް އަކޭދިން އެ ޓީމުގެ ކީޕަރަށް ޖައްސާލި ބޯޅަ ގޯލު ތެރެއަށް ވަދެގެން ބައިކޮޅަށް ވަތް ގޯލެކެވެ. މިއީ މިމުބާރާތުގައި ބައިކޮޅަށް ވަތް ގޯލުގެ ތެރެއިންވެސް އެންމެ އާދަޔާޚިލާފު ގޯލެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *