ފުންމިން ނޭނގޭ ޖަރީމާއެއް، ވެހިކަލް ވަގަށް ނަގައި ވިއްކުމުގައި ޓްރާންސްޕޯޓް މިނިސްޓްރީ ތެރެއިންވެސް އަތެއް!

ފުންމިން ނޭނގޭ ޖަރީމާއެއް، ވެހިކަލް ވަގަށް ނަގައި ވިއްކުމުގައި ޓްރާންސްޕޯޓް މިނިސްޓްރީ ތެރެއިންވެސް އަތެއް!

މާލޭގައި ވެހިކަލް ވަގަށް ނަގައިގެން، އޭގެ އަސްލު އޮޅުވާލައިގެން ބަދަލުކޮށް، އެ ވެހިކަލްތައް ވިއްކުމުގެ ޖަރީމާގައި ޓްރާންސްޕޯޓް މިނިސްޓްރީ ތެރެއިންވެސް ބަޔަކު ޝާމިލް ވާކަމަށާއި، އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި  ފުލުހުންގެ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާވޫދު ވިދާޅުވީ އެމްއޭސީއެލްގެ އެމްޑީގެ ކާރު ވަގަށް ނެގި މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފައިވާއިރު، އެމީހުންނަކީ ފުޅާ ދާއިރާއެއްގައި އެކަން ރޭވިގެން ކުރަމުން އަންނަ ނެޓްވޯކުގެ ބަޔެއް ކަމަށެވެ. އެގޮތުން މޯލްޑިވްސް އެމްއޭސީއެލްގެެ ކާރު ވަގަށް ނެގުމުގެ އިތުރުން، އިމިގްރޭޝަންގެ ކާރެއްވެސް އެމީހުން ވަގަށް ނަގައި، އަސްލު އޮޅުވާލައިގެން ވިއްކާލަން އުޅުނުކަން މިހާތަނަށް ފުލުހުން ހިންގި ތަހުގީގަށް ވަނީ ކަށަވަރު ވެފައެވެ.

އެ ދެ މީހުންނަކީ  ، މ. މޮޑެން ޕޮއިންޓް އަހުމަދު ނިޒާމު 43އ އާއި އެމްއޭސީއެލްގެ މުވައްޒަފެއް ކަމުގައިވާ މ. ސީނުއަސަރުމާގެ މުހައްމަދު ހައިސަމް 42އ އެވެ.

ދާވޫދު ވިދާޅުވީ ފަޅާއެރި ވައްކަމުގެ "ފުންމިން" އަދި ނޭނގޭ ކަމަށެވެ. ނިޒާމު ނަން މަތީގައި، 100 ވެހިކަލް ރަޖިސްޓްރީ ކޮށްފައިވާއިރު، މިހާތަނަށް ބެލިބެލުމުން ވެހިކަލް ތަކުގެ އަސްލު ގެއްލޭވަރަށް ބަދަލުތައް ގެނެސްފައިވާ ކަމަށް ދާވޫދު ވިދާޅުވިއެވެ.

"މި ދެންނެވި ވައްކަމުގެ ތެރޭގައި ބޮޑެތި ހަތަރު ފުރޮޅުލީ ވެހިކަލް ތަކުގެ އަސްލު އޮޅުވާލުމަށްޓަކައި މަސައްކަތް ކޮށް އިންޖީނު ނަންބަރާއި ޗެޗެސް ނަންބަރު ކަހާލުމަށް ފަހު، ފުޅާ ދާއިރާއެއްގައި މާލޭގައި މި ވިޔަފާރި ކުރަމުންދާ ކަން،" ދާވޫދު ވިދާޅުވިއެވެ.

ދާވޫދު ވިދާޅުވީ މިކަން ހިނގާފައި އޮތީ ނިޒާމް އާ ގާތް ގުޅުމެއް އޮންނަ، ޓްރާންސްޕޯޓު މިނިސްޓްރީއާ ގުޅިގެން ވަރަށް ބޮޑަށް ރޭވިގެން ކަމަށެވެ. ވައްކަމުގެ މައްސަލައާއެކު ޓްރާންސްޕޯޓު ތެރެއިން މި ޖަރީމާ ހިންގުމުގެ ތެރޭގައި ހިމެނޭ ބަޔަކު ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *