މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަަރަށް ޚާއްސަ ކޮށްފައިވާ ވޭނެއް ވީއައިއޭގައި ޕާކު ކޮށްފައި ވަނިކޮށް، ވަގަށް ނަގާފައި ވަނީ ވެހިކަލްތައް ވަގަށް ނަގައިގެން ވިއްކަމުން ދިޔަ ބޮޑު ނެޓްވޯކަކުން ކަމަށް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާވޫދު ވިދާޅުވެއްޖެއެވެ.
ދާވޫދު ވިދާޅުވީ އެމްއޭސީއެލްގެ ވޭނެއް ވަގަށް ނެގި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ދެ މީހަކު ކަމަށެވެ. އެއީ އަހުމަދު ނިޒާމް، 43، މ. މޮޑަން ކޮމެޓް، އަދި މުހައްމަދު ހައިޝަމް، 42، މ. ސީނިއަސުރުމާއެވެ. މުހައްމަދ ހައިޝަމްއަކީ އެމްއޭސީއެލްގެ މުވައްޒަފެއް ކަމަށް ދާވޫދު ވިދާޅުވިއެވެ. އެ ދެ މީހުންގެ މައްސަލަ ތަހުގީގު ކުރި ކުރުމުން އެއީ ގިނަ ވެހިކަލް މީގެ ކުރިންވެސް ވަގަށް ނަގައި ވިއްކައިފައިވާ ބައެއްކަން އެނގުނު ކަމަށް ދާވޫދު ވިދާޅުވިއެވެ. އެއީ ވަރަށް ފުޅާ އަޑި ނޭނގޭ ނެޓްވޯކަކުން ހިންގަމުން ދިޔަ ވިޔަފާރިއެއް ކަމަށް ދާވޫދު ވިދާޅުވިއެވެ.
ދާވޫދު ވިދާޅުވީ އެމްއޭސީއެލް އެމްޑީގެ ވޭން އެއާޕޯޓުގެ ޕާކިންގައި އޮއްވައި ވަގަށް ނަގައިގެން ދުއްވާފައި ހުޅުމާލެ ގެންގޮސްފައި ވަނީ ހައިޝަމްއެވެ. އަދި އެއަށް ފަހު ކާރުގެ ނަމްބަރު ޕްލޭޓް ބަދަލުކޮށް، ހަމަ އެރޭ ދަންވަރު ކާރު ހުޅުމާލެއިން ދުއްވާފައި މާލެއަށް ގެނެސް ވައްދައިފައި ވަނީ ނިޒާމް ހިންގާ ގަރާޖަކަށް ކަމަށް ވިދާޅުވިއެވެ.
"ނާޒިމްގެ ހާޒިރުގައި ގަރާޖު ބަލައި ފާސް ކުރިއިރު އެތަނުގެ ތެރެއިން އެ ވޭނާއި އިމިގްރޭޝަނުން ގެއްލިގެން ހޯދަމުން ދިޔަ ހަތަރު ފުރޮޅުލީ ވެހިކަލެއްވެސް އެ ޖަރާޖުގެ ތެރެއިން ފެނުނު،" ދާވޫދު ވިދާޅުވިއެވެ.
ނިޒާމްގެ ނަމުގައި 100 ވެހިކަލް ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި، 42 ވެހިކަލް އޮތީ ނިޒާމްގެ އަންހެނުންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ދާވޫދު ވިދާޅުވިއެވެ. އޭގެތެރެއިން ބައެއް ވެހިކަލްތައް ރަޖިސްޓްރީ ކުރީ މިދިޔަ އަހަރު ނަމަވެސް ރަޖިސްޓްރީ ކޮށްދީފައި ވަނީ މި އަހަރާއި 2025 ވަނަ އަހަރުގެ ތާރީޚުތައް ޖަހައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"މިގޮތަށް ވަގަށް ގެންދާ ބޮޑެތި ވެހިކަލްތައް އޭގެ އަސްލު އޮޅުވާލުމަށް މަސައްކަތްކޮށް، އޭގެ އިންޖީނު ނަންބަރާއި ޗޭސިސް ނަންބަރު ކަހާލުމަށް ފަހު ފުޅާ ދާއިރާއެއްގައި އެ މީހުން ދިޔައީ މިފަދަ ވެހިކަލް ވިއްކަމުން. ދެން އެއަށް ފަހު އެ މީހުން މި ހައްދަނީ ވަގު ރަޖިސްޓްރީއެއް. އެއަށް ފަހު ދެން ވިއްކާލަނީ." ދާއޫދު ވިދާޅުވިއެވެ.