އިންޑިޔާ ދަތުރު ކާމިޔާބު، ދެ ގައުމުގެ ގުޅުން ކުރިއަށްވުރެ ރަނގަޅުވާނެ: ރައީސް

އިންޑިޔާ ދަތުރު ކާމިޔާބު، ދެ ގައުމުގެ ގުޅުން ކުރިއަށްވުރެ ރަނގަޅުވާނެ: ރައީސް

އިންޑިޔާއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި ދިވެހި ރައްޔިތުންނަށް ހެވާއި ލާބަ ލިބޭގޮތަށް ދެ ގައުމުގެ ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅަކީ އެ ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ތިން ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވި ނަރެންދުރަ މޯދީ އެ މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް މޯދީގެ ހާއްސަ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގައި ހުންނަވައި ދައުލަތުގެ މީޑީޔާ "ޕީއެސްއެމް ނިއުސް" އަށް ދެއްވި އިންޓަވިޔުއެއްގައި ރައީސް ވިދާޅުވީ، އެ ގައުމަށް ކުރެއްވި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ. އަދި އެއީ ރާއްޖެ ހިމެނޭ ސަރަހައްދަށްވެސް ރަނގަޅު ދަތުރުފުޅެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެ ގައުމުގެ ރައީސާ ދުރޫޕަދީ މުރްމޫ އާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާވެސް ބައްދަލު ކުރައްވައިފައެވެ.

ރައީސް ވިދާޅުވީ އެ ބައްދަލު ކުރެއްވުން ތަކުގެ ސަބަބުން ކުރިއަށްވުރެވެސް ބޮޑަށް ދެ ގައުމުގެ ގުޅުން ބަދަހި ވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

"ރާއްޖެއަށް އިރާދަކުރެއްވިއްޔާ ރަނގަޅު ކަންތައްތައް. ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުމުގެ ތެރެއިން ކުރިއަށްވުރެވެސް އިރާދަކުރެއްވިއްޔާ ރަނގަޅު ވެގެންދާނެ ކަމަށް ޔަގީން ކުރަން. ރާއްޖެއަށް އެންމެ ރަނގަޅު ގޮތް، ދިވެހި ރައްޔިތުންނަށް ހެވާއި ލާބަ ލިބޭގޮތަށް އަޅުގަނޑުމެން ދެ ގައުމުގެ އެކުވެރި ގާތް ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެން ދާނީ،" ރައީސް ވިދާޅުވިއެވެ.

މޯދީ ހުވާ ކުރެއްވުމުގެެ ރަސްމިއްޔާތަށް ރައީސް އިންޑިޔާއަށް ވަޑައިގަތީ އާދިއްތަ ދުވަހުއެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މިއަދު ވަނީ މާލެ ވަޑައިގެންފައެވެ. މިއީ، ރައީސްކަމާއި ހަވާލުވެވަޑައިގެން އިންޑިޔާއަށް އެ މަނިކުފާނު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *