ޒުވާނުންނަށް ވިސްނައި ދޭންވީ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ގަޓު ކަމެއް ނޫންކަން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.
ނ. މަނަދޫގައި ފާހަގަކުރި ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޚަލީލު ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުން ރައްކާތެރި ކުރުމަށް ދަރިން ތަރުބިއްޔަތު ކުރުމުގައި ވަރަށް ސަމާލުވާން ޖެހިފައިވާ ކަމަށެވެ. ޚަލީލު ވިދާޅުވީ ރާއްޖޭގައި އުމުރުން އެންމެ 8 އަހަރުގެ ކުދިންވެސް މިހާރު ވޭޕް ބޭނުން ކުރަމުންދާ ކަމަށެވެ.
"އެބަ އެނގޭ ސިނގިރޭޓު ބޯ މީހެއްގެ ފަރާތުން އެ އަންނަ ދުމުންވެސް އަޅުގަނޑުމެންގެ ހަށިގަނޑަށް ގެއްލުންވާކަން. މީ ދިރާސާ ތަކުން ދައްކާ ވާހަކަތައް. ދައްކާ ޙަގީގަތްތައް. ހަމައެކަނި ސިނގިރޭޓެއް ބުއިމެއް ނޫން އޭގެ ދުން އަޅުގަނޑުމެން ނޭފަތަށް ފޯރިއަސް ހަށިގަނޑަށް ގެއްލުންތައް ދޭ" ޚަލީލު ވިދާޅުވިއެވެ.
"ސިނގިރޭޓު ބުއިމަކީ ނުވަތަ ޝީޝާ ބުއިމަކީ މިއީ އެއްގޮތަކަށްވެސް ހިތްވަރު ހުރި ކަމެއް ނޫން. މީ އެއްގޮތަކަށް ވެސް ގަޓު ކަމެއް ނޫން. އަމިއްލަ ނަފުސު ބިނާ ކުރަން، އަޅުގަނޑުމެން މުޖުތަމައު ތެރެއަށް ނިކުމެ އަޅުގަނޑުމެންނަކީ ހައިބަތު ހުރި މީހަކަށް ވާން ކުރާ މަސައްކަތް އެއީ ގަޓު މަސައްކަތަކީ" މިނިސްޓަރ ޚަލީލް ވިދާޅުވިއެވެ.
ޚަލީލު ވިދާޅުވީ އަހަރެއްގެ މައްޗަށް ސިނގިރޭޓު ގަތުމަށް 1.8 ބިލިއަން ރުފިޔާ ހޭދަކުރާކަން ތަފާސް ހިސާބު ތަކުން ދައްކާ ކަމަށެވެ. އެއީ 50 އެނދުގެ ހޮސްޕިޓަލެއް ހެދުމަށް ޚަރަދުވާނެ ފައިސާގެ އަދަދު ކަމަށްވެސް ޚަލީލު ވިދާޅުވިއެވެ.
"ފަންސާސް ބެޑުގެ ހޮސްޕިޓަލް އަޅުގަނޑުމެން ކިޔާ ކަމަށްވަންޏާ، ނުވަ ހޮސްޕިޓަލް މުޅިން، ސުމަކުން ފަށައިގެން ގޮސް އެއްކޮށް ނިންމަން ނުވަތަ ހޮސްޕިޓަލް އަޅަން ބޭނުންވާ ފައިސާގެ ވާހަކަ މި ދައްކަނީ. 1.8 ބިލިއަން ރުފިޔާގެ ވާހަކަ،" ޚަލީލް ވިދާޅުވިއެވެ.