މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް (ވ). މަޖިލީހުގެ ރަސްމީ ބައްދަލުވުމެއްގައި މަޖިލީހުގެ ރައީސް އަރިހުގައި. ފޮޓޯ: މަޖިލިސް އިދާރާ

އިޒްރޭލް ޕާސްޕޯޓް މައްސަލަ ނިންމަންވާނީ މިނިވަންކަމާއި ރައްކާތެރިކަމާއި އިގްތިސޯދަށްވެސް ވިސްނާފައި: ނާޒިމް

އިޒްރޭލް ޕާސްޕޯޓް މައްސަލަ ނިންމަންވާނީ މިނިވަންކަމާއި ރައްކާތެރިކަމާއި އިގްތިސޯދަށްވެސް ވިސްނާފައި: ނާޒިމް

އިޒްރޭލު ރައްޔިތުން ރާއްޖެ އަޔަނުދިނުމަށްޓަކައި، އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމުގެ ގޮތުން ޤާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލްގެ މަސައްކަތް ނިންމަން ޖެހޭނީ، ރާއްޖޭގެ މިނިވަންކަމާއި ރައްކާތެރިކަމާއި  އަދި އިގްތިސާދީ ގޮތުން ގެއްލުން ނުވާނެ ގޮތަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އިޒްރޭލް ޕާސްޕޯޓް ރާއްޖޭގައި މަނާ ކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ތެދާއި ހަގީގަތަށް ވާހަކަ ދައްކާނަމަ، ގައުމުދެކެ ލޯބިވުމާއި ގައުމިއްޔަތަކީ ދޭއްްޗެއްކަން ދެނެގަންނަން ޖެހޭ ކަމަށެވެ.

"ގައުމުދެކެ ލޯބިވުމަކީ ގައުމުން ކުރާ ކަންކަމާމެދު ފަޚުރުވެރިވުން، ގައުމިއްޔަތަކީ ކޮންމެ ފަދަކަމެއް ގައުމު ކުރިކަމުގައި ވީނަމަވެސް އެކަމާ ފަޚުރުވެރިވެ ވަރިހަމަވުން" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި، ޒިންމާދާރު ވުމަކީ ކަނު ބަނދެވިގެން ތިބެގެން ކަންކަން ނިންމުމެއް ނޫނެވެ. ގައުމުދެކެ ލޯބިވުމަކީ ގައުމަށް ދުޝްމަނުން ހޯދައި ލިބިގަތުމެއްވެސް ނޫނެވެ. އަދި ގައުމު ތަަކަށް ވުރެން ތިމާމެން ނަގާ ޕޮޒިޝަން މާ ހަރުދަނާވެފައި މާ މޮޅޭ ބުނުމެއްވެސް ނޫނެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަންކަން އަޅުގަނޑުމެން ނިންމަން ވާނީ ޖުމްލަ ގޮތެއްގައި ޖަމްއު ގޮތެއްގައި އަޅުގަނޑުމެންގެ މިނިވަން ކަމާއި ރައްކާތެރިކަން އަދި އިގްތިސާދީ ގޮތުންވެސް ގެއްލުން ނުވާނެ ގޮތްކަަށް،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، މި ބިލަށް ކޮމިޓީގައި ބަހުސް ކުރަމުން ދާއިރު ކަމުގެ އެންމެ އަޑިއަށް ވާސިލްވެ އެކަމުގެ ސަބަބުން އަންނާނެ އިމްޕެކްޓްގެ ރަނގަޅު އެސެސްމެންޓެއް ހެދުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"މިކަން މިހާރު އޮތް ހިސާބަށް ބަލާއިރުވެސް މިހާރުވެސް ރިޒަވޭޝަން ތަަކެއް ހަދައިފަ ތިބި ބަޔަކު ތިބޭނެ، އެމީހުން ހަދާފައިވާ ރިޒަވޭޝަންތަކާއި ކަންކަން ގުޅިގެން ދާނީ މި ބިލުގެ ކަންތައްތައް ނިމޭނެ ދުވަހެއްގެ މައްޗަށް، އެމީހުން ދައްކާފައިވާ ފައިސާ އާއި ބުކިންތަކާ އެއްޗެހި ކެންސަލް ކުރުމާ ދޭތެރޭގައި ރިސޯޓު ތަކުންވެސް ކަންބޮޑުވުން އޮންނާނެ، އަދި ކެންސަލް ކުރާނަމަ، އެމީހުންނަށް ނާދެވޭނަމަ އެ ފައިސާވެސް އަނބުރާ ދައްކަން ޖެހޭނެ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ކޮމިޓިގައި ބިލުގެ މަސައްކަތް ކުރިއަށް ދާއިރު، ހުރިހާ ނަޒަރިއްޔަތަކުން ބަލައި، އިގްތިސާދީ ގޮތުން ވިޔަސް، ސަލާމަތީ ގޮތުން ވިޔަސް، ރައްކާތެރި ގޮތުން ކަމަށްވިޔަސް ބަލަންޖެހޭ ކަންތައް ބެލުމަށް ފަހު ވީހާ އަވަހަކަށް ބިލް މަޖިލިސް ތަޅުމަށް ގެންނަން އެދިވަޑައިގަންނަވާ ކަމަށެވެ.

މި ބިލް ދިރާސާ ކުރުމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮވުމުމަށް ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވުމަށް ނާޒިމް ވަނީ ތާއީދު ކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *