ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ތަކެއް. ޤާނޫނާ ޚީލާފަށް މަސައްކަތް ކުރާ ބިދޭސީންގެ މައްސަލައަކީ ބޮޑު މައްސަލައެއް

ހައްޔަރު ކުރި ބަންގްލަދޭޝް މީހަކު ދޫކޮށްލަން ނެރެދޭން ބުނި އަމުރު ކޯޓުން ނުދިން

ހައްޔަރު ކުރި ބަންގްލަދޭޝް މީހަކު ދޫކޮށްލަން ނެރެދޭން ބުނި އަމުރު ކޯޓުން ނުދިން

ޤަވާއިދާ ޚިލާފަށް އިމިގްރޭޝަނުން ބިދޭސީއަކު ހައްޔަރުކޮށް ބަން ދު ކުރުމަށްފަހު އޭނާ ފޮނުވާލަން އުޅޭކަމަށް ބުނެ، ވަގުތުން ވަގުތައް އޭނާ ދޫކޮށްލުމަށް އަމުރު ކުރަން ހުށަހެޅި މައްސަލައިގައި ކޯޓުން އަމުރެއް ނެރެނުދިނެވެ.

މިއީ ބިލަކް ޕްރައިވެޓް ލިމިޓެޑްގެ ސްޕޮންސާގެ ދަށުން އެ ކުންފުނީގެ ލޭބަރެއްގެ މަސައްކަތް ކުރަމުންދާ ބަނގްލާދޭޝްގެ މުސްތަފާ ގުލާމް ކިޔާމީހަކު ޤާނޫނާ ޚިލާފަށް އިމިގްރޭޝަނުން ހައްޔަރުކޮށް، އޭނާ ފޮނުވާލަން އުޅޭކަމަށް ބުނެ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓާރ އަކްރަމް އަބްދުއްރަހީމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

އެ ކުންފުނީގެ ފަރާތުން ބުނެފައި ވަނީ ބަރާބަރަށް ކުންފުނިން ވިސާ ދައްކައި ޤާނޫނާ އެއްގޮތަށް އުޅެމުން ދަނިކޮށް، އެއްވެސް ކުށެއް ނެތި، އަދި ރާއްޖޭގެ ޤާނޫނާ ޚިލާފަށް އެއްވެސް އަމަލެއް ހިންގާފައި ނުވަނީސް، މެއި މަހުގެ 15 ވަަނަ ދުފަހު ގުލާން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކުރީ އެނާގެ ފޯނު ހެދުމަށް މޯބައިލް ފިހާރަ އަކަށްގޮސް ހުއްޓައި ކަމަށްވެސް ބުނެފައިވެއެވެެ.

އޭނާ ހައްޔަރުކޮށް، އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށް، ރާއްޖޭން ބޭރަށް ފުރުވައިލުމަށް ނިންމައި، އޭނާގެ ޕާސްޕޯޓް ހަވާލު ކުރުމަށް އިމިގްރޭޝަނުން އަންގާފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެެ.

ކުންފުނީގެ ފަރާތުން ކޯޓުގައި އެދިފައި ވަނީ، ގުލާމް ހައްޔަރު ކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، އޭނާ ދޫކޮށްލުމަށެވެ. އަދި އެ މައްސަައިގެ މައުލޫއަށް ގޮތް ނިންމުމުގެ ކުރިން މިހިނދުން މިހިނދަށް އޭނާ ދޫކޮށްލުމަށް އިމިގްރޭޝަންގެ މައްޗަށް އަންގައި ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އެފަރާތުން އެދިފައިވެއެވެ. ސަބަބެއްގެ ގޮތުގައި އެފަރާތުން ބުނެފައި ވަނީ، އޭނާ ފޮނުވައިލުމަކީ ޤާނުނާ ޚިލާފަށް ކުރާ ކަމެއް ކަމަށާއި، އޭނާ ހައްޔަރު ކޮށްފައި ހުރުމުން އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ކުންފުންޏަށް ލިބޭ ކަމަަށެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، މައުލޫއީ ދައުވާގައި ނެތް ނަމަވެސް، ވަގުތީ އަމުރެއް މެދުވެރިކޮށް ވަގުތީ ފަރުވާއެއްގެ ގޮތުގައި ނަގައިދިނުމަށް އެދޭ ބާވަތުގެ ފަރުވާއެއް ވަގުތީ ފަރުވާއެއްގެ ގޮތުގައި ކޯޓަށް ނަގައި ދެވިދާނެ ކަމަށެވެ.

ނަމަވެސް ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައަކާއި ގުޅިގެން ނެރެދެވޭ ވަގުތީ އަމުރަކުން އަސްލު މައްސަލައިގައި ހިމެނޭ މައުލޫއީ ހައްގަކަށް އަސަރު ކުރާފަދަ ގޮތަކަށް ނުވަތަ އެ ހައްގު ބާތިލްކޮށް ނުވަތަ ނަފީކޮށް ވަގުތީ އަމުރެއް ނެރެދިނުމުގެ ބާރު ކޯޓު ތަކަށް ނުވަތަ ޓްރައުބިއުނަލް ތަކަށް ލިބިގެން ނުވާކަމަށެވެ. އަދި އެފަދަ ގޮތަކަށް އަމަލު ކޮށްފިނަމަ، ވެގެން ދާނީ ދައުވާގައި ހިމެނޭ މައުލޫއީ ހައްގަށް ދާއިމީ ހިމާޔަތް، ކުރިއާލައި ދިނުން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން މި މައްސަލައިގައި އޭނާ ހައްޔަރު ކުރުމުން ގެއްލުން ލިބޭކަމަށް ބުނެފައި ވީނަމަވެސް ލިބޭ ގެއްލުމުގެ އެއްވެސް ތަފްސީލެއް ނުވަތަ ހެތްކެއް ހުށަހަޅާފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ. އެހެން ކަމުން އިއާދަ ނުކުރެވޭ ފަދަ ގެއްލުމެއް ލިބިދާނެ ކަމުގައި ބެލެވެން ނެތް ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވާ ކަންކަަމަކީ ހުށަހަޅާފައިވާ ދައުވާގެ މައުލޫއުގައި ވެސް އެދިފައިވާ ފަރުވާއަށް ވީހިނދު ދައުވާކުރާ ފަރާތުން އެދިފައިވާ ފަދައިން ވަގުތީ އަމުރު ނެރެފިނަމަ، އެކަމުގެ ސަބަބުން ދައުވާގައި ހިމެނޭ މައުލޫއީ ހައްގަށް ކުރިއާލައި ދާއިމީ ހިމާޔަތް ދެވިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެހެން ކަމުން މި މައްސަލައިގައި އެދިފައިވާ ފަދައިން ވަގުތީ އަމުރު ނެރެދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅާ ކަމަށްވެސް ހުކުމުގައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *