ކޭޕާކު މައްސަލައިގެ ލިޔުންތައް ދިނުމަށް ކޯޓުން އެޗްޑީސީއަށް އަމުރު ކޮށްފި

ކޭޕާކު މައްސަލައިގެ ލިޔުންތައް ދިނުމަށް ކޯޓުން އެޗްޑީސީއަށް އަމުރު ކޮށްފި

ހުޅުމާލޭގައި އިމާރާތްކުރާ ލަކްޒަރީ އެޕާޓްމެންޓްތައް ކަމަށްވާ ކޭޕާކް އެޕާޓްމެންޓްތައް ނިންމަން ހަވާލުކުރި މުއްދަތުގައި އެ މަސައްކަތް ނިންމާފައި ނުވާމައްސަލައިގައި އެޗްޑީސީން އެއްވެސް ފިޔަވަޅެއް އަޅާފައިވާ ނަމަ އެކަން ލިޔުމުން އަންގަން ސިވިލް ކޯޓުން އަމުރު ކޮށްފިއެވެ.

މި މައްސަލައަކީ ދައުވާ ހުށަހެޅުމުގެ ކުރިން ހެކި ހާމަ ކުރުމުގެ އަމުރަކަށް އެދި ލ. ފޮނަދޫ ރޯޝަނީ ވިލާ ފާތުމަތު އާސިޔާގެ ފަރާތުން ހައުސިން ޑިވެކޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި އެޗްޑީސީގެ ފަރާތުން ހޯދުމަށް އޭނާ އެދިފައި ވަނީ، ކޭޕާކް ރެޒިޑެންޓް އިމާރާތް ކުރުމާއިގުޅޭ ގޮތުން އެޗްޑީސީ އާއި ހަންބޯ ކޮމްޕެނީ ލިމިޓެޑާ ދެމެދު 2016 ވަނަ އަހަރު ވެފައިވާ އެއްބަސް ވުމުގެ ކޮޕީ އާއި އެއަށް އިސްލާހެއް ގެނެސްފައިވާ ނަމަ، އެ އިސްލާހުގެ ކޮޕީ އާއި އެތަން އިމާރާތް ކުރުމާ ގުޅޭގޮތުން އެއްބަސްވުމުގައި ސޮއި ކުރިއިރު ޕްރޮޖެކްޓް ސެކިއުރިޓީގެ ގޮތުގައި އެއްވެސް ސެކިއުރިޓީއެއް ހުށަހަޅާފައި ވާނަމަ އެކަމާގުޅޭ ލިއުމުގެ ކޮޕީ އާއި އެ ޕްރޮޖެކްްޓާ ގުޅިގެން މިހާރު އެއްވެސް ސެކިއުރިޓީއެއް ހުރިނަމަ، އެސެކިއުރިޓީއާ ގުޅޭ ލިއުން ތަކެވެ.

މީގެއިތުރުން އެކަމާބެހޭ އެއްބަސްވުމުގައިވާ ކަންކަން ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ބާރު، އެހެން އެއްވެސް  ފަރާތަކަށް ދިނުމަށް އެޗްޑީސީން ހުއްދައެއް ނުވަތަ ނޯ އޮބްޖެކްޝަން ދީފައިވާނަަ އެކަން އެނގޭ ލިއުމުގެ ކޮޕީއާއި އެއްބަސްވުމުގެ ދަށުން އިމާރާތް ކުރުމަށް ހަވާލު ކޮށްފައިވާ ހައުސިންގ ޕްރޮޖެކްޓް ހިންގުމުގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ "ހަންބޯ ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް" އަށް އެޕާޓްމަންޓް ވިއްކުމުގެ ހުއްދަ އެޗްޑީސީ އިން ދީފައިވާކަން އަންގައިދޭ ލިއުން ތަކާއި، އިމާރާތް ނިންމުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާފައި ނުވުމުގެ ސަބަބުން އެޗްޑީސީގެ ފަރާތުން އެއްވެސް ފިޔަވަޅެއް އަޅާފައިވާނަަމަ، އެ ފިޔަވަޅު ތަކުގެ ތަފްސީލާއި، އެ ފިޔަވަޅުތަކާ ގުޅޭ ލިއުންތައް ހޯދުމަށްވެސް އޭނާ ހުށަހަޅާފައި ވެއެވެ.

14 ދުވަހުގެ ތެރޭފައި އާސިޔާ އެދިފައިވާ ލިއުންތައް އޭނާއާ ހަވާލު ކުރުމަށް ސިވިލް ކޯޓުގެ ހުކުމްގައި ވަނީ އެޗްޑީސީއަށް އަމުރު ކޮށްފައެވެ. އަދި އެ ލިއުންތައް ބޭނުން ކުރަން ވާނީ އާސިޔާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅަން ބޭނުންވާ މައުލޫއީ މައްސަލައާއި ގުޅޭގޮތުން އެކަނި ކަމަށް ކަނޑައަޅައި، ޖުލައި 30 ވަނަ ދުވަހުގެ ކުރިން އާސިޔާގެ ފަަރާތުން ސިވިލް ކޯޓަށް ދައުވާ ހުށަނާޅައިފިނަމަ، އެ ތާރީޚުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި އެ ލިއުންތައް އިތުރު ކޮޕީއެއް ހެދުމަކާނުލައި އެޗްޑީސީއާ ހަވާލު ކުރުމަށް އާސިޔާގެ މައްޗަށްވެސް ސިވިލްކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ކޭޕާކްގެ ނަމުގައި ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ލަގްޒަރީ އެޕާޓްމެންޓްތައް ވިއްކުމުގައި އެ ކުންފުނިން ވަނީ މަކަރާއި ހީލަތް ހަދައި، އެތައް ބަޔަކަށް އޮޅުވާލި މައްދަލަތަކެއް މިހާރުވެސް ވަނީ ކޯޓަށް ހުށަހަޅައިފައެވެ. އޭގެ ބައެއް މައްސަލަ ތަކުގައި އެ އެޕާޓްމެންޓްތައް މީހުންނަށް ދިނުމަށްވެސް ވަނީ ހުކުމް ކޮށްފައެވެ.

އެ ފްލެޓްތައް އިމާރާތް ކުރަމުން އަންނަ، ހަންބޯ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ސޮއި ފޯޖުކޮށް، އެއް އެޕާޓްމެންޓެއް އެތައް ބަޔަކަށް ވިއްކައި، އެ އެޕާޓްމެންޓްތައް ވިއްކި ފައިސާ އަމިއްލަ ބޭނުން ތަކަށް ބޭނުންކޮށްފައި ކުންފުނި، ހަންބޯއަށް އެއްވެސް ފައިސާއެއް ނުދީ، ސްކޭމް ކުރުމުގެ ތުހުމަތު ވަނީ ކޮށްފައެވެ. އެ މައްސަލާގައި މަންޑޭގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ދައުވާވެސް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *