ރ. އުނގޫފާރުގައި މަގުބައްތިއެއް ކައިރީގައި އޮތް ފެންގަނޑަކުން ކަރަންޓުގައި ޖެހި ފަރުވާ ދެމުންދިޔަ ޒުވާނާ މަރުވެއްޖެއެވެ.
އުނގޫފާރުގައި މަގުބައްތިއެއް ކައިރީގައި އޮތް ފެންގަނޑަކަށް އެރި އުޅުނު ކުއްޖަކު ކަރަންޓުގައި ޖެހުމުން، އެ ކުއްޖާ ސަލާމަތް ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހި ހާލު ސީރިއަސްވީ 18 އަހަރުގެ ހުސެއިން އަތީކަށެވެ. އޭނާ އަށް ފަރުވާ ދެމުން އައީ ވެންޓިލޭޓަރުގައެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ އެ ޒުވާނާ މިއަދު 10:30 ހާއިރު މަރުވެފައިވާ ކަމަށެވެ.
އުނގޫފާރު ކުޑަކުދިންގެ ޕާކު ކައިރީގައި އޮތް ފެންގަނޑަކަށް އެރި އުޅެނިކޮށް އަތީކު ކަރަންޓުގައި ޖެހުނީ 12 އަހަރުގެ އަންހެން ކުއްޖަކު ކަރަންޓުގައި ޖެހިގެން، ސަލާމަތް ކުރަން އުޅުމުގެ ތެރޭގައެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ހިނގި އެ ހާދިސާއަށް ފަހު އަތީކަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައެވެ. އިތުރު ފަރުވާއަށް އަތީކް މާލެ ގެނައީ މިދިޔަ މަހުގެ 24ގައެވެ. ކަރަންޓުގައި ޖެހުނު 12 އަހަރުގެ އަންހެން ކުއްޖާ ވަނީ ފަރުވާއަށް ފަހު ދޫކޮށްލައިފައެވެ.