އިޒްރޭލު ޕާސްޕޯޓް މަނާ ކުރާނަމަ، އެމެރިކާއިން ރާއްޖެއަށް ދޭ އެހީތަށް ކަނޑާލާނެ ކަމުގެ އިޝާރާތެއް

އިޒްރޭލު ޕާސްޕޯޓް މަނާ ކުރާނަމަ، އެމެރިކާއިން ރާއްޖެއަށް ދޭ އެހީތަށް ކަނޑާލާނެ ކަމުގެ އިޝާރާތެއް

ރާއްޖޭގައި އިޒްރޭލު ޕާސްޕޯޓް މަނާކޮށް، އެގައުމުގެ މީހުންނަށް ރާއްޖެއަށް ނާދެވޭ ގޮތް ހަދައިފިނަމަ، އެމެރިކާއިން ރާއްޖެއަށް އެހީތެރިވުން ހުއްޓުވުމަށް އެ ގައުމުގެ ކޮންގްރެސްއަށް ބިލެއް ހުށަހަޅަން ތައްޔާރުވާން ފަށައިފިއެވެ.

އެމެރިކާގެ ވެރިކަން ކުރަމުންދާ ޑިމޮކްރެޓްސްގެ ތާއިދާއެކު އެ ބިލް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދަނީ އެމެރިކާގެ ކޮންގްރެސްގެ ތިރިގޭގެ މެންބަރު ޖޯޝް ގޮތެއިމާއެވެ. އޭނާ އެ ބިލު ފަރުމާ ކުރަނީ އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްދަ ނުކުރާހާ ހިނދަކު، އެމެރިކާއިން ރާއްޖެއަށް އެއްވެސް އެހީއެއް ނުދެވޭ ގޮތަށެވެ.

އެ ބިލަށް ދީފައިވާ ނަމަކީ "ދަ ޕްރޮޓެކްޓިން އެލައިޑް ޓްރެވެލް ހިއާ" އެވެ.

"އިސްރާއީލަކީ އަހަރުމެންގެ އެންމެ މުހިއްމު ޑިމޮކްރެޓިކް އެއް ބައިވެރިޔާ. ރާއްޖެއިން އިސްރާއީލު މީހުން ދަތުރުކުރުން މަނާ ކުރުމަކީ ޔަހޫދީންނާމެދު ނަފުރަތު ކުރުމުގެ އަމަލެއް. އެ އަމަލު ބަދަލު ނުކުރަނީސް ރާއްޖެއަށް އެމެރިކާގެ އެންމެ ސެންޓެއްވެސް ލިބިގެން ނުވާނެ،" ގޮތެއިމާ ވިދާޅުވިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓުގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓުން އާންމު ކޮށްފައިވާ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި 2019 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު އެމެރިކާއިން ރާއްޖެއަށް ދީފައި ވަނީ 36 މިލިއަން ޑޮލަރު ނުވަތަ 555 މިލިއަން ރުފިޔާއެވެ.

އެމެރިކާއިން ދިން ފައިސާގެ ބޮޑު ބަޔަކީ ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކޮށް، މަަދަނީ ޖަމްއިއްޔާ ތަކުގެ ހިންގުން ރަނގަޅުކޮށް، ކަނޑުގެ ސަލާމަަތް ބެލެހެއްޓުމަށާއި، ޓެރަރިޒަމާ ދެކޮޅު ހަރަކާތް ތަކަށާއި ޤާނޫނު ތަންފީޒުކުރާ އިދާރާ ތަކަށް އެހީވުމަށް ދިން ފައިސާކަމަށް އެ ގައުމުގެ ސްޓޭޓް ޑިޕާޓުމެންޓުން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *