ސުވާލަކީ މި ނޫހުގެ ނަމަކަށް "މާލެ ޓައިމްސް" ކިޔާފައި ވަނީ ކީއްވެގެން ހެއްޔެވެ؟ ތިޔަ ސުވާލުގެ ޖަވާބު މިއޮތީއެވެ.
ދުނިޔޭގެ ބަޔެއް ގައުމުތަކާއި، އަދި މިހާރު ދިވެހިރާއްޖޭގައިވެސް، މުހިންމު ސިޓީތަކާއި، ރަށްރަށުގެ ނަމުން، ނޫސް ތަކަށް ނަން ދީފައި އެބަހުއްޓެވެ. ދުނިޔޭގެ ބަޔެއް ގައުމު ތަކުގެ މަޝްހޫރު ބޮޑެތި ބަޔެއް ނޫސް ތަކަށް ނަން ދީފައިވާ ގޮތަށް ބަލާއިރު، އެ ގައުމުގެ މަޝްހޫރު ޝަހަރުތަކާއި، ރަށްރަށާއި، ފާހަގަ ކުރެވޭ މުހިންމު ތަންތަނާއި، އެ ގައުމެއްގެ މާދަރީ ބަހާއި، އެ ގައުމަކަށް ޚާއްސަ ދީނެއް ވާނަމަ، އެ ދީނަކަށް ނިސްބަތްކޮށްވެސް ނޫސް ތަކަށް ނަން ކިޔާފައި އެބަހުއްޓެވެ. އެ ނޫސް ތަކަކީ ވަކި ގައުމެއްގެ ޚަބަރަށް ޚާއްސަ ނޫސް ތަކެއްނޫނެވެ. އަދި އެ ގައުމުގެ ނަމުންނާއި، އެ ގައުމު އޮންނަ ބައްރުގެ ނަމުންވެސް ނަން ކިޔާފައި އެބަހުއްޓެވެ.
ވަކިން ޚާއްސަކޮށް، ބަޔެއް ގައުމު ތަކުގައި އެ ގައުމުގެ ވެރިރަށުގެ ނަމުން ނަން ކިޔާފައިވާކަން ފާހަގަ ކޮށްލެވެއެވެ. ކޮންމެ ގައުމެއްގައިވެސް، ވެރިކަންކުރާ ރަށަކީ، އެ ގައުމެއްގެ އެންމެ ހައިބަތު ބޮޑު، އެންމެ ޝަރަފްވެރި ރަށެވެ. އެންމެ ޑިމާންޑުވެސް ބޮޑު ސިޓީއެވެ. އަދި އެންމެ ގިނަ މީހުންގެ ލޯ އަމާޒުވާ ރަށެވެ. ބަޔެއް ފަހަރު ވެރިރަށުގެ ނަމުންވެސް އެ ގައުމަކާ ނުވަތަ އެ ގައުމުގެ މީހަކާ ވާހަކަ ދައްކާއިރު މުޚާތަބު ކުރެވޭ ފަހަރު އަންނަނީ އެހެންވެއެވެ.
ފުރަތަމަ ބޭރު ދުނިޔެއަށް ބަލައިލަމާ ހެއްޔެވެ. އެއަށްފަހު އަހަރެމެންގެ ރާއްޖެއަށް ހިސާބަކަށް ބަލައިލަމާ ހެއްޔެވެ. ދުނިޔޭގެ އެންމެ ނުފޫޒުގަދަ، އެންމެ ބޮޑެތި ބަޔެއް ނޫސް ތަކަށް ބަލާއިރު، އެމެރިކާގެ ވެރިރަށަށް ނިސްބަތްކޮށް ނަން ދީފައިވާ "ވޮޝިންގޓަން ޕޯސްޓް" އިން ފަށަމާ ހެއްޔެވެ. އެ ނޫހަކީ ހަމައެކަނި އެ ސިޓީއަށް ޚާއްސަ ނޫހެއްނޫނެވެ. އަދި ވަކި އެމެރިކާއަކަށްވެސް ޚާއްސައެއްނޫނެވެ. "ވޮޝިންގޓަން ޕޯސްޓް" އަކީ މުޅި ދުނިޔެ ގުޅުވާލަދޭ ވަރުގަދަ ނޫހެކެވެ. ދުނިޔޭގެ ކޮންމެ ދިމާލަކަށްވެސް އެ ނޫހުގެ ލޯ ހުންނަނީ ހުއްޓިފައެވެ. ހަމަ އެފަދައިން ނުފޫޒު ގަދަ، ބޮޑު އަނެއް ނޫހެވެ. އެމެރިކާގެ ނިވްޔޯކް ސިޓީއަށް ނިސްބަތްކޮށް ނަން ދީފައިވާ "ނިވްޔޯކް ޓައިމްސް" އެވެ. އެ ސިޓީގެ ޚަބަރު ތަކަށް ވަކި ޚާއްސަ ސަމާލު ކަމެއް ނެތެވެ. ހުރިހާ ބައްރަކަށްވެސް ޝައުގުވެރިކަން ދެއެވެ.
އިނިގިރޭސިވިލާތުގެ ވެރިރަށް ލަންޑަނެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އެއް ސިޓީއެވެ. "ލަންޑަން ޑެއިލީ ޕޯސްޓް" ނޫހަކީ ހަމައެކަނި ލަންޑަނަށް އޮތް ނޫހެއް ނޫނެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅު ތަކެއްގައި ހިނގާ ކަންކަމަށްވެސް ފޯކަސް ކުރެއެވެ. ޖަޕާނުގެ އެންމެ ބޮޑު އެއް ނޫސް ކަމަށްވާ ވެރިރަށް ޓޯކިޔޯއަށް ނިސްބަތްކޮށް އޮންނަ "ޓޯކިޔޯ ޓައިމްސް"، އާއި "އެފްރިކަން ރިޕޯޓް" އާއި "އެފްރިކަން ނިއުސް" އަކީ ހަމައެކަނި ޖަޕާނާއި، އެފްރިކާއަށް ޚާއްސަ ޚަބަރާއި ރިޕޯޓު އަރުވާ ނޫސް ތަކެއްނޫނެވެ. "އިންޑިޔާ ޓައިމްސް" އަދި "ދިއްލީ ޓައިމްސް" އަކީ ހަމައެކަނި ވެރިރަށުގެ ޚަބަރު ނުވަތަ އިންޑިޔާ ޚަބަރު އަރާފައިބާ ނޫސްތަކެއް ނޫނެވެ. "އަރަބި ނިއުސް" އާއި "ގަލްފް ނިއުސް" އަދި "ސައުދީ ގެޒެޓް" އަކީ އަރަބިންނަށް ނުވަތަ އެ ނޫހެއް ހިންގާ އަރަބި ގައުމުގެ ޚަބަރާއި މައުލޫމާތަށް ޚާއްސަ ނޫސް ތަކެއްވެސް ނޫނެވެ. އެ ނޫސް ތަކުގައިވެސް ދުނިޔޭގައި އެއިރަކު އެންމެ ހޫނު ޚަބަރުތައް ހުރިހާ ދިމާލަކުންވެސް އެތެރެކޮށްލައެވެ.
ޕާކިސްތާނުގެ "ލާހޫރު ޓައިމްސް" އާއި ސްރީލަންކާގެ "ކޮލަމްބޯ ޓައިމްސް" އާއި "ސަންޑޭ ޓައިމްސް" އަކީވެސް ހަމަ މިގޮތަށް ދުނިޔޭގެ ހުރިހާ ދިމާލަކަށްވެސް އަމާޒު ހިފާފައިވާ ނޫސްތަކެވެ. "ސަންޑޭ ޓައިމްސް" އަކީ ހަމައެކަނި އާދީއްތަ ދުވަހަށް ޚާއްސަ ނޫހެއްވެސް ނޫނެވެ. ކޮންމެ ދުވަހަކީވެސް "ސަންޑޭ ޓައިމްސް" ގެ ދުވަހެކެވެ. މިގޮތަށް ލިސްޓު ދިގު ކުރެވިދާނެއެވެ. ވާހަކަ ދިގުކޮށްވެސް ލެވިދާނެއެވެ. ނަމަވެސް މިހާކަންހާވަރުން ފުއްދާލަމާ ހެއްޔެވެ.
ދެން އަހަރެމެންގެ ތެރެއަށް ޖެހިލަމާ ހެއްޔެވެ. ނޫސް ތަކަށް ނަން ކިޔުމުގައި ރާއްޖޭގައި ތަންކޮޅެއް ކުރިން ގެންގުޅުނު ވިސްނުމަކީ ދުވަހެއްގައި ހިމެނޭ ކޮންމެވެސް ވަގުތަކަށް ނުވަތަ ހަފްތާގެ ދުވަހަކަށް ނަން ކިޔުމެވެ. އެގޮތުން "ހަވީރު"، "އާފަތިސް"، "މިއަދު" މިއީ އެއްއިރެއްގައި ރާއްޖޭގެ އެންމެ ބޮޑު ތިން ނޫހެވެ. އެއިން ކޮންމެ ނޫހަކަށްވެސް ނަން ކިޔާފައި އެވަނީ ދުވަހުގެ ކޮންމެވެސް ދަންފަޅިއަކަށް ނިިސްބަތް ކޮށެވެ. އެ ނޫސް ތަކަށް އެގޮތަށް ނަން ކިޔާފައި ހުއްޓަސް، "ހަވީރު" ނޫހުގައި ޖަހައިގެން ނެރެނީ ހަމައެކަނި އެ ދުވަހެއްގެ ހަވީރު ހިނގާ ކަންކަމެއް ނޫނެވެ. ހަމައެގޮތަށް އަނެއް ތިން ނޫސްވެސް މެއެވެ.
އެއަށްފަހު "އައްޑުވަސް"، "ހަފްތާ"، ދުވަސް"، "ހުކުރު" މިފަދަ ނަންނަމުންވެސް ނޫސް މަޖައްލާ ތަކަށް ރާއްޖޭގައި ނަން ކިޔައި އުޅުނެވެ. ފަހުން އައިސް ހިސާބު އަކުރު ތަކާއި، މީޑިޔާއާ ކޮންމެވެސް ގޮތަކުން ގުޅުވާލެވޭ ނަންތަކާއި، އެނޫންވެސް ދިވެހި ނަން ތަކުން ނަން ކިޔަން ފެށިއެވެ. އެގޮތުން "އަދަދު"، "ވަން"، "ހަތާވީސް" ފަދަ ނަންތަކާއި، "މިހާރު"، "އަވަސް"، "ވަގުތު"، "ދައުރު"، "ޚަބަރު"، "ނޫސް"، ފަދަ ނަންތައް ކިޔާފައިވެއެވެ.
ރާއްޖޭގައި ޕްރިންޓް މީޑިޔާ ކަފުންކޮށް ވަޅުލެވި، އޮންލައިން ނޫސްތައް ގިނަވަމުން އައިވަރަކަށް މިފަހުން ފެންނަނީ، ރާއްޖޭގައިވެސް އެކި އަތޮޅުތަކާއި އެކި ސިޓީތަކާއި ރަށްރަށުގެ ނަމުންވެސް ނޫސްތަކަށް ނަން ކިޔައިއުޅޭތީއެވެ. "އައްޑޫ ލައިވް"، ކުޅުދުށްފުށީ އޮންލައިން"، "ހުވަދޫ"، އޭދަފުށީ ޓައިމްސް"، "އުތުރު" އަދި ހޯރަފުށްޓަށް ނިސްބަތްކޮށް "ހޯރަ"ފަދަ ބައިވަރު ނަން ނަމުން ނަން ދީފައިވާ ނޫސްތަކެވެ.
ނަމަވެސް އަހަރެމެންނަށް ފެނުނީ، ތާރީޚު ބުނާ ގޮތުން ދިވެހިރާއްޖޭގައި މީހުން ވަޒަންވެރި ވީއްސުރެ، ރާއްޖޭގެ ވެރިރަށް ކަމުގައި ފެންނަން އޮތް، ރާއްޖޭގެ އެންމެ ޝަރަފްވެރި، އެންމެ ހައިބަތު ބޮޑު އަދި ރާއްޖޭގެ ތާރީޚުވެސް އެރަށެއްގެ މައްޗަށް އެންމެ ބޮޑަށް ފެންނަން އޮތް، އަދި ކާބަފައިންގެ ޒަމާނުއްސުރެ ރާއްޖޭގައި ހިނގައިދިޔަ ބޮޑެތި ހަނގުރާމަތަކާއި، ސިޔާސީ، އަދި އެނޫންވެސް ކަންކަމުގެ މައި ކިއްލާ ކަމަށްވާ ރާއްޖޭގެ ވެރިރަށް "މާލެ" އަށް ނިސްބަތްކޮށް އެއްވެސް ނޫހަކަށް ނަން ކިޔައި، އުފަން ކުރެވިފައި ނެތްތަނެވެ. އެހެންކަމުން، ކުރިން ފާހަގަ ކުރެވިގެން އެދިޔަ ވިސްނުމުގެ ތެރެއިން، ދިވެހިރާއްޖޭގައި ދިވެހި ޤައުމީ ދިދަ އެންމެ މަތިން ވިހުރުވެމުންދާ، ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށް މާލޭގެ ނަން ކުރިޔަށްލައި، "މާލެ ޓައިމްސް" ވުޖޫދަށް މިއޮތީ އައިސްފައެވެ.
ގައުމުގެ ވެރިރަށުގެ ނަމުން ނަން ދީފައިވާ ދުނިޔޭގެ އެހެން ނޫސްތަކެކޭ އެއްފަދައިން "މާލެ ޓައިމްސް" އަކީވެސް ހަމައެކަނި ވެރިރަށް މާލެއަށް ޚާއްސަ ނޫހެއްނޫނެވެ. އަދި ހަމައެކަނި ރާއްޖެއަށް ޚާއްސަ ނޫހެއްވެސް ނޫނެވެ. މި ނޫހުން ގެނެސްދޭނީ ހަމައެކަނި މާލޭގައި ހިނގާ ކަންކަމެއްނޫނެވެ. ރާއްޖޭގެ ހުރިހާ ދިމާލާކާއި، ބޭރު ދުނިޔެއަށްވެސް "މާލެ ޓައިމްސް" ބަލާނެއެވެ. ހުރިހާ ދިމާލެއްގެ ޚަބަރު ޖަހާނެއެވެ. ރިޕޯޓު ލިޔާނެއެވެ. ފޮޓޯ އަދި ވީޑިޔޯވެސް އަރުވާނެއެވެ. މައުލޫމާތު ގެނެސްދޭނެއެވެ.
11 Responses
ސަޅި އަސްލު ތި ނަން. އަދި ވަރަށް ރަނގަޅު ކަމަށް ފެންނަނީ ނޫސް. އަލަށް ފެށި ނޫހަކާ ބަލާފަ ހަބޭސް އިނގޭ
ބަރާބަރު ޚިޔާލެއް. ރީތި ނަމެއް. މާލެ ދެކެ ރުޅި އަންނަ ބަޔަކު އެހާ ހިތާ ނުވިޔަސް އެމީހުންވެސް އަންނަނީ މާލެ. މާލެއާ ނުލައެއް އެމީހުންނަކަށްވެސް ނުއެއް އުޅެވޭ. މާލެއިން ފްލެޓެއް ނުލިބުނަސް ކަންތަކާ ޖެހުނީ. އެކަމަކު މާލެއަށް ތިޔަ ނޫހުގެ ނަން ނިސްބަތް ކުރީމަވެސް މޭކަރާ ބަޔަކު އުޅޭނެ.
ހުތުރު ނަން ކިޔާ ނޫސްވެސް ބައިވަރެކޭ. އެކަމަކު މާލެ ޓައިމްސް ތީ ސަޅި ނަމެއް. ލިޔުން ކިޔާލީމާ އަދި ވަރަށް ކަމުގޮހޮފި
މާލެ މީދެން މާގަދަ ތަނެއް އުތަ. ހިނގާލެވެން ނޯވޭ. މާލެއަކީ ކުލި ދައްކައިގެން ރަށަރަށު މީހުން ހަނާވެ ހަފުސްވެ މަރުވެ ވަޅުލާން އޮތް ތަނެއް
ދެން މާލެ ޓައިމްސް ޖަހައިގެން ކަލޭމެން ތިބެބަލަ. މަށަކަށްކީއްތަ. ނުހޮރޮއްޕާން މި މާލެއަކާ ހުރެވެސް
ދެން މާލެ ނާރާ ހުރެބަލަ ކަލޭ. އޭރަކަށް ނުހުރުއްޕާނެއް ނުވާނެއްނު
މާލޭ ބޮޑު މީހާގެ މާލެ ޓައިމްސް ތަ. ހެހެހެހެ
މާލެ ދެކެ ނައްޓާފަ ތިބެންޖެހޭނީ ރާއްޖެތެރޭ މީހުން. މާލެއަށް ނިސްބަތްކޮށް ނޫހަކަށް ނަން ކިޔުމަކީ ބަޔަކު ކުރި ވަރަށް ކަމުދާ ކަމެއް. މި އާޓިކަލް ކިޔާލީމަ ވާނުވާ ނޭނގޭ ގަޅިންނަށްވެސް ވާނުވާ އެނގޭނެދޯ
މަމިއުޅެނީ ގުޅީފަޅު ކިޔާފަ ނޫހެއް ހަދަން
އަނގަތަޅާ މީހާ ރަނގަޅަށް ވިއްޔާ އޮންނާނީ މާލޭން ފްލެޓަށް ފޯމުލާފަ. މާލޭން ފްލެޓް ކެންސަލް ކޮށްފާނެތީ މުޒާހަރާއަށް ގޮސްފަ ހުންނާނީ ޕަކާސް
މި ނަން ރީތި. މި ނަން ކިޔާފައި އޮތް ވިސްނުންވެސް ވަރަށް ރަނގަޅު. ދެން ވަރަށް ސަލާމޭ