23 މެއި 2024 ވީ ބުރާސްފަތި ދުވަހު، އދ ގެ ޢާއްމު މަޖިލީހުގައި ފާސްކުރީ ޖަރުމަނުވިލާތާއި އެފްރިކާގެ ޤައުމެއް ކަމުގައިވާ ރުވަންޑާ ހުށައެޅި "އިންޓަރނޭޝަނަލް ޑޭ އޮފް ރިފްލެކްޝަން އެންޑް ކޮމެމޮރޭޝަން އޮފް ދަ 1995 ޖެނޮސައިޑް އިން ސްރޭބްރޭނީޓްސާ" އެވެ. އާދެ! ބޮސްނިއާގައި 1995 ވަނަ އަހަރު ހިންގި ޤަތުލުއާންމުގެ ހަނދާން އާކުރާ ދުވަހެއްގެ ގޮތުގައި ކޮންމެ އަހަރެއްގެވެސް ޖުލައި 11 ވަނަ ދުވަސް ހަމަޖައްސަން ނެގި ވޯޓެކެވެ.
މި ޤަރާރާ އެއްކޮޅަށް 84 ޤައުމަކުން ވޯޓް ދިނެވެ. މި ޤަރާރު ފާސް ކުރަން ނުފެންނަ ކަމަށް 19 ޤައުމަކުން ވޯޓް ދިނެވެ. އަދި އެއްވެސް ކޮޅަކަށް ވޯޓު ނުދޭ ނުވަތަ އެބްސްޓެއިންވި 68 ޤައުމު ހިމެނެއެވެ. މި ވޯޓުގައި ދިވެހިރާއްޖެ ހިމެނެނީ ވޯޓު ނުދޭ 68 ޤައުމުގެ ތެރޭގައެވެ. މި މައްސަލާގައި ދިވެހިރާއްޖެ ވޯޓު ދިން ގޮތުން، ގިނަ ބައެއްގެ ނުރުހުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އަދި މި ގޮތަށް ވޯޓު ދިން ސަބަބު ހާމަ ކުރުމަށް ގިނަ ބަޔަކު އަންނަނީ މީސް މީޑިޔާގައިވެސް ގޮވާލަމުންނެވެ.
ނަމަވެސް، މި ޤަތުލު އާއްމު ހިންގާފައި ވަނީ މީގެ 29 އަހަރު ކުރިން ކަމުގައިވާތީ، ގިނަ ބަޔަކަށް މި މައްސަލައިގެ އަސްލު ނުވަތަ ހިނގި ގޮތް ހަނދާނުގައި ނެތުން އެކަށީގެންވެއެވެ. ނުވަތަ މައުލޫމާތު ތާޒާ ކޮށްލުމަކީވެސް އޮތްކަމެއް ކަމުގައި ދެކެމެވެ.
ބޮސްނިއާގެ ތާރީޚް ކުރުކޮށް:
މީލާދީން 15 ވަނަ ޤަރުނުން ފެށިގެން 1878 ވަނަ އަހަރާއި ހަމައަށް އުސްމާނީ ޚިލާފަތުގެ ދަށުގައި އޮތް ޔޫރަޕްގެ ހުޅަނގު ބޯލްކަންއަށް ނިސްބަތްވާ ބޮސްނިއާ އެންޑް ހައްސަގޮވީނާ އަކީ މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ގައުމެކެވެ.
ނަމަވެސް، އުސްމާނީ ޚިލާފަތުގެ ބާރު ނިކަމެތިވެ، 1878 ވަނަ އަހަރު ބޮސްނިއާ ވަނީ އޮސްޓްރިއާ-ހަންގެރީގެ ބާރުގެ ދަށަށް ގެނެސްފައެވެ. އަދި ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުވެސް ބޮސްނިއާ އޮތީ އޮސްޓްރިއާ-ހަންގެރީ އަދި ޖަރުމަނުގެ މިހްރަވީ ނުވަތަ އެގްޒިސް ޕަވަރސް ގެ ބާރުގެ ދަށުގައެވެ. ފުރަތަމަ ބޮޑު ހަގުރާމައިގައި މިހްރަވީ ބާރުތައް ބަލިވުމުން، ބޮސްނިއާ އެންޑް ހައްސަގޮވީނާ ވަނީ 1918 ވަނަ އަހަރު އަލަށް އުފެއްދި ދައުލަތެއް ކަމުގައިވާ ކިންގްޑޮމް އޮފް ސާރބްސް، ކްރޮއެޓްސް އެންޑް ސްލޮވީންސްގެ ތެރެއަށް އެއްވެސް ސިޔާދަތެއް ނެތް ބައެއްގެ ގޮތުގައި ހިމަނާފައެވެ. 1922 ވަނަ އަހަރު ޕެރިހުގައި ބޭއްވި ކޮންފަރެންސް އޮފް އެމްބެސެޑަރސް އިން ކިންގްޑޮމް އޮފް ސާރބްސް، ކްރޮއެޓްސް އެންޑް ސްލޮވީންސް ވަނީ ބައިނަލް އަޤްވާމީކޮށް މުޅި ދުނިޔެއިން ބަލައިގެންފައެވެ. އަދި 1929 ވަނަ އަހަރު ކިންގްޑޮމްގެ ނަން ރަސްމީ ކޮށް ވަނީ ކިންގްޑޮމް އޮފް ޔޫގޮސްލާވިއާގެ ނަމަށް ބަދަލު ކޮށްފައެވެ.
1941 ވަނަ އަހަރު ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޔޫގޮސްލާވިއާއަށް ހިޓްލަރުގެ ޖަރުމަނާއެކު މިހްރަވީ ބާރު ތަކުން އަރައި އެ ޤައުމު ހިފިއެވެ. ނަމަވެސް، ޔޫގޮސްލާވިއާގެ ވަޠަނީ އަދި ހަނގުރާމަވެރި ބާރުތަކާ ދެކޮޅު ވަރުގަދަ ނޭޝަނަލް ލިބަރޭޝަން އާމީއެއް އުފައްދާ 1943 ވަނަ އަހަރު ޑިމޮކްރެޓިކް ފެޑެރަލް ޔޫގޮސްލާވިއާއެއް އުފެއްދި ކަމަށް އެމީހުންގެ ލީޑަރު ޖޮސިޕް ބްރޮޒް ޓީޓޯ އިޢުލާން ކުރިއެވެ. އަދި 1944 ވަނަ އަހަރު އޭރު އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވި ކިންގްޑޮމް އޮފް ޔޫގޮސްލާވިއާގެ ރަސްގެފާނު ޕީޓަރ ކަރަޑޯޑެވިޗް ދެވަނަ ވެސް ވަނީ ޓީޓޯ އުފެއްދި އާ ސަރުކާރަކީ ސައްޙަ ސަރުކާރެއް ކަމުގައި ޤަބޫލުފުޅު ކުރައްވާފައެވެ.
1945 ވަނަ އަހަރު ދެވަނަ ބޮޑު ހަނގުރާމަ ނިމުމުން ޔޫގޮސްލާވިއާގެ ނަން ފެޑެރަލް ޕީޕަލްސް ރިޕަބްލިކް އޮފް ޔޫގޮސަލާވިއާ އަށް ބަދަލުކޮށް، ކޮމިއުނިސްޓް ދައުލަތެއް އުފައްދައި، ރަސްކަން ވަނީ އުވާލާފައެވެ. އެއަށްފަހު، 1963 ވަނަ އަހަރު އަނެއްކާވެސް ޤައުމުގެ ނަން ސޯޝަލިސްޓް ފެޑެރަލް ރިޕަބްލިކް އޮފް ޔޫގޮސްލާވިއާއަށް ބަދަލުކުރީ ދުސްޠޫރީ 6 ދައުލަތެއް ހިމަނައިގެންނެވެ. އެއީ، ބޮސްނިއާ އެންޑް ހައްސަގޮވީނާ، ކްރޮއޭޝިއާ، މެސެޑޯނިއާ، މޮންޓިނީގްރޯ، ސާރބިއާ އަދި ސްލޮވީނިއާއެވެ.
މީގެއިތުރުން، މިނިވަން ނުވަތަ އޮޓޯނޯމަސް ދެ ޕްރޮވިސްގެ ގޮތުގައި ކޮސޯވޯ އާއި ވޯއިވޮޑީނާ ހިމަނާފައިވެއެވެ. 1944 އިން 1980 ވަނަ އަހަރު ޖޮސިޕް ބްރޮޒް ޓީޓޯ އަވަހާރަވުމާ ހަމައަށް ޔޫގޮސްލާވިއާގައި ވެރިކަން ކުރައްވާފައިވެއެވެ.
ބޮސްނިއާ ހަނގުރާމައިގެ ފެށުން:
1980 ވަނަ އަހަރު ރައީސް ޓީޓޯ އަވަހާރަ ވުމުން، ޔޫގޮސްލާވިއާގައި ވެރިކަން ހިންގާފައި ވަނީ ކޮންމެ އެއް އަހަރަކުން ދައުރު ބަދަލުވާ ގޮތަށް ކުރިން ދެންނެވި 6 ދައުލަތުގެ ވެރިން ހިމެނޭ ކައުންސިލްގެ ޗެއަރ އަކީ ޤައުމުގެ ރައީސްގެ ގޮތުގައެވެ.
ނަމަވެސް، 1980 ގެ އަހަރު ތަކަކީ ކޮމިއުނިޒަމްއަށް ބޮޑެތި ހިރާސްތައް ކުރިމަތިލާން ޖެހުނު އަހަރު ތަކަކަށް ވެފައި، ރޫސީންގެ ބާރުގެ ދަށުގައިވާ ހުރިހާ ގައުމު ތަކެއްވެސް ދިޔައީ މިނިވަން ކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. 1991 ވަނަ އަހަރު ފިނި ހަނގުރާމަ ނިމި، ރޫސީވިލާތް ބައިބައި ވެގެންދިޔައިރު، ކޮމިއުނިޒަމްގެ ފިކުރު ޔޫގޮސްލާވިއާގައިވެސް ވަނީ ވަރަށް ބޮޑަށް ނިކަމެތިވާން ފަށައިފައެވެ. އަދި ޔޫގޮސްލާވިއާގައި ހިމެނޭ ދައުލަތް ތަކަކީ ނަސްލީ، ދީނީ، ވަޠަނީ އަދި ފިކުރީ ބޮޑެތި ތަފާތު ހުރި ބަޔަކަށް ވާތީ މިނިވަންކަން ހޯދުމުގެ އޮއިވަރު ވަރުގަދަވާން ފެށިއެވެ.
1991 ވަނަ އަހަރު ބޮސްނިއާ އެންޑް ހައްސަގޮވީނާގެ އާބާދީގައި %44 މުސްލިމުން ހިމެނެއެވެ. އަދި %32.5 އަކީ ސާރބް ނަޞާރާއިންނެވެ. %17 އަކީ ކުރުއަތުންނެވެ. ނަމަވެސް، ސާރބުންގެ ބާރު ވަރަށް ގަދައެވެ. އަދި އެދުވަސްވަރަކީ ވަޠަނީ ލީޑަރުންނަށް ތާއީދު ވަރަށް ބޮޑަށް އިތުރު ވެފައިވާ ދުވަސް ވަރެކެވެ.
މިގޮތުން، ސާރބިއާގެ ރައީސް ކަމަށް 1989 އަހަރު ސްލޮބޮޑާން މިލޮސެވިޗް އިންތިޚާބު ވިއެވެ. އަދި ބޮސްނިއާ އެންޑް ހައްސަގޮވީނާގެ ސާބުންގެ ވަޠަނީ ލީޑަރު ރަޑޮވާން ކަރަޑްޒިޗް ދިޔައީ ބޮސްނިއާ މިނިވަން ދައުލަތެއްގެ ގޮތުގައި ވަކިވެދިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންނެވެ. އެކި ވަރުގެ އިންޒާރުވެސް ދިޔައީ ދެމުންނެވެ.
މި ގޮތުން، އެންމެ ފާހަގަ ކޮށްލެވޭ އިންޒާރެއްގެ ގޮތުގައި ދީފައި ވަނީ 1991 ގައި ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަމުން ބޮސްނިއާ މިނިވަން ދައުލަތެއްގެ ގޮތުގައި ވަކިވެ ގަނެފިނަމަ، ބޮސްނިއާ ދަރިކޮޅުގެ ނަސްލު ނައްތާލާނެ ކަމުގެ ބިރުވެރި އަދި ލާއިންސާނީ އިންޒާރެވެ.
އަދި ދުވަސް ކޮޅެއް ފަހުން ސާބުންގެ ވެރިއެއްގެ ގޮތުގައި ރަޑޮވާން ކަރަޑްޒިޗް ކޮލި ކުރިއެވެ. ބޮސްނިއާ އެންޑް ހައްސަގޮވީނާއަކީ ޔޫގޮސްލާވިއާއިން ވެކިވެފައިވާ މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމަށް ފެނޭތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް 1992 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 5 ވަނަ ދުވަހު އިންތިޚާބެއް ބޭއްވިއެވެ. މި ވޯޓު ސާބުން ބޯއިކޮޓް ކުރިއެވެ. ނަމަވެސް، ބޮސްނިއާގެ މުސްލިމުންނާއި ކުރުއަތުންގެ އަޣުލަބިއްޔަތުން، ބޮސްނިއާ އެންޑް ހައްސަގޮވީނާ މިނިވަން ދަޢުލަތެއްގެ ގޮތުގައި އިޢުލާން ކުރިއެވެ.
އަދި، އޭޕްރިލް 6 ވަނަ ދުވަހު ޔޫރަޕިއަން ޔޫނިއަންއިން ބޮސްނިއާ އެންޑް ހައްސަގޮވީނާ އަކީ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ބަލައިގަތެވެ. ބޮސްނިއާގެ ސާބުންނަށް މިކަން ހަޖަމެއް ނުވިއެވެ. ނަތީޖާ އަކަށްވީ ރަޑޮވާން ރަޑޮވާން ކަރަޑްޒިޗްގެ އަނިޔާވެރި ހަނގުރާމަވެރި ލަޝްކަރުތައް، ވެރިރަށް ސަރަޔޭވޯއަށް ބަރުހަތިޔާރާއިއެކު އަރައި ހަނގުރާމަ ފެށުމެވެ.
އދ. އާއި ބައިނަލް އަޤްވާމީ މުޖުތަމަޢުގެ ބައެއް މަސައްކަތް:
ރަޑްވާން ކަރަޑްޒިޗް ބުނިގޮތައް، ސާބުންގެ މަޤްޞަދަކީ ބޮސްނިއާ ދަރިކޮޅުގެ މުސްލިމުންގެ ނަޞްލު ނައްތާލުމެވެ. އެމީހުންގެ ފަލްސަފާއަކަށް ވެފައި އޮތީ، އެ ޤައުމުން މުސްލިމުން ނައްތާލައި ސާފު ކުރުމުގެ ލާއިންސާނީ ޢަމަލު ހިންގުމެވެ. މިގޮތުން، ބޮސްނިއާގެ އަންހެނުންނާއި ނިޔަނެތި ޅައަންހެން ދަރީން ދިޔައީ މި ނުބައި ހަނގުރާމަވެރީންގެ ޖިންސީ އަނިޔާ އާއި ޖިސްމާނީ އަނިޔާގެ އިތުރުން ރޭޕްގެ ޝިކާރައަށް ވަމުންނެވެ. އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތި މަރަމުންނެވެ.
މި ހަނގުރާމަ ފިނިކޮށް، ބޮސްނިޔާގެ މުސްލިމުންނާއި، ސާބުން އަދި ކުރުއަތުންގެ މެދުގައި ހަނގުރާމަ ހުއްޓާލެވޭނެ އެއްބަސްވުމެއް އެކުލަވާލެވޭތޯ އދ. ގެ އިތުރުން ނޭޓޯ އާއި އެމެރިކާ ދިޔައީ ވަރަށް މަސައްކަތް ކުރަމުންނެވެ. 1992 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ބޮސްނިއާގެ ސާބު ހަނގުރާމަވެރިންނަށް އެހީވާ ކަމަށް ނިންމައި، ސާރބިއާއަށް ދަތި ކުރުމުގެ ފިޔަވަޅު އދ. އިން އެޅިއެވެ.
ނަމަވެސް، ހަނގުރާމަ ފިނި ކުރެވޭ ގޮތެއް ނުވެ، ކުރިން ބޮސްނިއާގެ މުސްލިމުންނަށް ވާގިވެރިވި ކުރުއަތުންނާއި އިތުރު ހަނގުރާމައެއް ފެށުނެވެ. އަކަމަކު، އެމެރިކާގެ އެހީގައި މުސްލިމުންނާއި ކުރުއަތުންނާ ދެމެދު އެއްބަސްވުމެއް އެކުލަވާލައި، ހަނގުރާމަ ހުއްޓާލިއެވެ. އޭރު، އދ. ގެ ސަލާމަތީ މަޖިލީހުގެ 819 ވަނަ ޤަރާރުން ފާސްވެފައި ވަނީ ބޮސްނިއާގެ ސްރޭބްރޭނީޓްސާ އާއި ވަށައިގެންވާ ސަރަޙައްދު ތަކަކީ ރައްކާތެރި ހިސާބުތައް ކަމުގައި ކަނޑަ އެޅުމަށެވެ. ހަނގުރާމައިގެ އެއްވެސް ކަމެއް މި ހިސާބު ތަކުގައި ހިންގައިގެން ނުވާނެ ކަމަށް ކަނޑައަޅައި ނެދަރލެންޑްސް އާއި އެހެން ބައެއް ގައުމުތަކުގެ ސިފައިން ހިމެނޭ ޔުނައިޓެޑް ނޭޝަންސް ޕްރޮޓެކްޝަން ފޯސް (އަންޕްރޯފޯރ) ނުވަތަ ފައުޖުތައް ފޮނުވިއެވެ.
މީގެއިތުރުން ސަލާމަތީ މަޖިލީހުގެ ޤަރާރު ނަންބަރު 836 އިން މިސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އިތުރު ފިޔަވަޅު އެޅުމަށްވެސް ވަނީ ފާސްކޮށްފައެވެ. ނަމަވެސް، 1995 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ސާބުންގެ ލީޑަރު ރަޑޮވާން ކަރަޑްޒިޗް އާއި އޭނާގެ ބައިވެރިން ނިންމީ، އދ އިން ކަނޑައެޅި އެއްވެސް ރައްކާތެރި ސަރަޙައްދަކަށް އެހީގެ ތަކެތި ފޯރުވިޔަ ނުދީ އެ ސަރަޙައްދުތައް ސުންނާފަތި ކޮށްލާށެވެ. އޭރު މި ސަރަޙައްދަކީ ރައްކާތެރި ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައި އޮތުމުން، ބޮސްނިއާގެ އެތައް ހާސް ބަޔަކު ވަނީ މި ސަރަޙައްދަށް ޖަމާވެފައެވެ.
ޤާތުލު އާންމު:
ޖުލައި މަހުގެ 10 ވަނަ ދުވަހު، ކަރަޑްޒިޗްގެ އޯޑަރަށް ސާބުންގެ ކޮމާންޑަރު ރަޓްކޯ މްލަޑިޗް އަދި ކުރުއަތުންގެ ކޮމާންޑަރު ސްލޮބޮޑާން ޕްރަޖަކް އެމީހުން އެތައްހާސް ސިފައިންނާއެކު ސްރޭބްރޭނީޓްސާ އަވަށް ހިފުމުގެ އޮޕަރޭޝަން ފެށިއެވެ. އެވަގުތު އދ ގެ ސިފައިން އެރަށުގައި ތިބިކަމުގައިވީ ނަމަވެސް، މާ ބޮޑު ކަމެއް ނުކުރެވުނެވެ. ސާރބް އަދި ކުރުއަތު ސިފައިންގެ ޢަދަދާއި ހަތިޔާރުގެ ނިޞްބަތުން އދ. އިން ފޮނުވާފައިތިބި މަދު ސިފައިންނަކަށް ހަނގުރާމަ ކުރެވޭހާ ބާރު ނެތުމުން، އެމީހުންގެ ޕޯސްޓްތައް ދޫކޮށް ފިލާފައިވާ ކަމަށް ބައެއް ލިޔުން ތަކުން ފެންނަން އެބަހުއްޓެވެ. ކޮންމެއަކަސް، ސާބުން ބޭނުންވި ގޮތަށް 1995 ވަނަ އަހަރުގެ ޖުލައި 11 ވަނަ ދުވަހުގެ މެންދުރުފަހު ސްރޭބްރޭނީޓްސާއަށް އަރައި، އެމީހުންގެ ބާރުގެ ދަށަށް ގެނައެވެ.
އދ. ގެ ލިޔުން ތަކުން ފެންނަން ހުރި ގޮތުގައި، ޤަތުލުއާންމު ރާވައި ހިންގާފައިވަނީ ސްލޮބޮޑާން މިލޮސެވިޗް، ރަޑޮވާން ކަރަޑްޒިޗް، ރަޓްކޯ މްލަޑިޗް އަދި ސްލޮބޮޑާން ޕްރަޖަކެވެ. އެމީހުން ރާވާފައިވާ ގޮތައް، އެރަށުގެ ހުރިހާ މުސްލިމް ފިރިހެނުންނާއި ފިރިހެން ކުދިން ވަކިކޮށް، އަންހެނުންނާއި މުސްކުޅިން އަދި ތުއްތުކުދިން ވަކިން، ލޮރީ އާއި ބަސް ތަކަށް ލާފައި ފޮނުވާލިއެވެ. ފިރިހެނުން ޖަމާކުރީ ވައިޓް ހައުސް ކިޔާ ޢިމާރާތަކަށެވެ.
ފިލަން މަސައްކަތްކުރި މީހުންވެސް ޖަންގަލިތަކާއި ފަރުބަދަތައްމަތީ އަތްފުނާ އަޅައި، ހޯދައިގެން ވަނީ ގެނެސްފައެވެ. ނުވަތަ މަރާފައެވެ. މަދުބަޔަކު ސަލާމަތްވެސް ވިއެވެ. ވައިޓް ހައުސްއިން ބޮޑެތި ގްރޫޕް ގްރޫޕަށް މީހުން އަނެއްކާވެސް އެކި ދިމަދިމާއަށް ގެންދިޔައެވެ. އަދި، ޖުލައި މަހުގެ 11 އާއި 17 އާދެމެދު، 8000 އަށް ވުރެ ގިނަ މީހުން އެކިތަންތަނުގައި އެއްފަހަރާ މަރާފައިވެއެވެ. މި އެންމެން ކަހަލަ ގޮތަކަށް މަރާފައި ވަނީ މެޝިން ބަޑިންނެވެ. އަދި ފަހުން، މި ލާއިންސާނީ ޖަރީމާ ފޮރުވުމަށް، ބޮޑެތި ކަށްވަޅު ކޮނެ، ހަށިތައް ރޯކޮށް ވަޅުލާފައިވެސް ވެއެވެ.
ކޮންމެއަކަސް، މި ހާދިސާއަކީ އިންސާނީ ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ރަހުމުކުޑަ އެއް ގަތުލުއާންމެވެ. މި ޖަރީމާއަކީ ހިޓްލަރުގެ ނާޒީ ޖަރުމަނުން ޔޫރަޕުގައި ހިންގި ހޮލޯކޯސްޓަށް ފަހު ޔޫރަޕުގައި ހިންގި އެންމެ އަނިޔާވެރި އަދި ޖަރީމާއެވެ. މި ޖަރީމާ ހިންގާފައިވަނީ މުސްލިމުންނާއި ދެކޮޅަށެވެ.
މި ޢަމަލަކީ މުސްލިމުންގެ ނަސްލެއް ނައްތާލުމުގެ ނިޔަތުގައި ހިންގި ލާއިންސާނީ ޢަމަލެކެވެ. މި ޢަމަލު ހިންގި އިސް މީހުންނަށް ވަނީ ބައިނަލްއަޤްވާމީ ކޯޓު ތަކުގައި ޝަރީޢަތްކޮށް ހަނގުރާމައިގައި ޤަތުލުއާއްމު ހިންގި މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި، އެމީހުންނަށް ދޭންވާ އަދަބު ދީފައެވެ. މީގެތެރެއިން އެކަކު ވަނީ، ކޯޓުގައި ޒަހަރު ބޮއި އަމިއްލައަށް މަރު ވެފައެވެ. އަނެކަކު ވަނީ ޖަލުގައި މަރުވެފައެވެ. އަނެއްބަޔަކު ތިބީ ޖަލުގައެވެ.
ވީމާ، އަޅުގަނޑުމެންނަކީ މުސްލިމުންކަމުގައި ވެފައި، މި ލާއިންސާނީ ޖަރީމާ ހިންގާފައި ވަނީ މުސްލިމުންނާއި ދެކޮޅަށް ކަމަށް ވީހިނދު، އެ މައުޞޫމް މީހުންގެ ޙައްޤުގައި މި ޤަތުލުއާންމުގެ ހަނދާން އާކުރުމަކީ މުހިންމު ކަމެކެވެ.
3 Responses
އަދިކިރިޔަާ މިރޭކާލީ މިހާރު ޔޫގޮސްލާވިޔާ ނޯންނަކަން. ވަރަށް ފުރިހަމަ އާޓިކަލްއެއް. ތާރީޚް ވަރަށް ބޮޑަށް ސާފުވެއްޖެ. މިފަދަ އާޓިކަލް ގިނަކޮށްދެއްވުން އެއީ ގިނަބައެއްގެ މައުލޫމާތު މުއްސަނދި ކޮށްދޭނެ ކަމެއް.
ކޮންމެހެން ސަރުކަާރަށް ވަށްބަހުން ޖަހާނެ ކަމެއެއްނެތް. ކިޔާއެއްޗެއް ހަމަ ސީދަލަށް، ތެދަށް ބުނެލަންވީ.
ސާފުނުވާ ވަރަށް ގިނަ މައުލޫމާތު ސާފު ވެއްޖެ. ފަލަސްތީނުގެ މައްސަލައަށްވެސް އަލި އަޅުވާލައްވާފަ މިފަދަ ލިޔުމެއް ޝާއިއި ކޮށްދެއްވާނެކަމަށް އުއްމީދުކުރަން.