ކެމްޕިއަން މޯކްޑިވްސްއަށް 6 މިލިޔަން ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ކޯޓުން ހުކުމް ކޮށްފިއެވެ.
ކެމްޕިއަން މޯކްޑިވްސްގެ ފަރާތުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެކު ކޮށްފައިވާ ވިޔަފާރީގެ މުއާމަލާތް ތަކަށް ކޮށްފައިވާ ބިލު ތަކުގެ ތެރެއިން 2 ޖުލައި 2023 އާއި ހަމައަށް ކްރެޑިޓް މުއްދަތު ހަމަވެފަިއވާ ޓެކްސް އިންވޮއިސް ތަކަށްވާ 8.8 މިލިޔަން ރުފިޔާ ފެނަކައިން ހޯދުމަށް އެދި ކެމްޕިއަން މޯކްޑިވްސްގެ ފަރާތުން ގދ. ތިނަދޫ ވެހެލި އަލްފީން އަދުނާނު އިސްމާއީލް ފެނަކައިގެ މައްޗަށް ކޮށްފައިވާ ދައުވާއެކެވެ.
މި ދައުވާގެ އަސްލަށް ފެނަކައިން އިންކާރުކޮށްފައި ނުވިނަމަވެސް، ފައިސާގެ އަދަދަށް ވަނީ އިންކާރު ކޮށްފައެވެ. ފެނަކައިން ބުނެފައި ވަނީ ބިލު ތަކަށް ދައްކަންޖެހޭ ކަމަަށް ބުނާ 8.8 މިލިޔަން ރުފިޔާގެ ތެރެއިން 2.8 މިލިޔަން ރުފިޔާއަކީ މިހާތަނަށް އެފަރާތަށް ދައްކާފައިވާ ފައިސާ ކަމަށެވެ.
އެހެން ކަމުން އެފަރާތަށް ނުދައްކައި ބާކީ ހުރީ 6 މިލިޔަން ރުފިޔާ ކަމަށްވެސް ބުނެފައިވެއެވެ. މި މައްސަލައިގައި ހުށަހެޅި ހެކިތަކުންވެސް ދައްކަނީ އެ ނަތީޖާ ކަަމަށް މި މައްސަލަ ނިންމި ގަޒިއްޔާގައިވެސް ވަނީ ފާހަގަ ކޮށްފައެވެ. އެ އަދަދަށް ދައުވާ ހުށަހެޅި ފަރާތުންވެސް އެކަމަށް ދެކޮޅު ހަދައިފައެއްނުވެއެވެ.
އެހެން ކަމުން ހުސްވި 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހާއި ހަމައަށް ކްރެޑިޓްގެ މުއްދަތު ހަމަވެފައިވާ ޓެކްސް އިންވޮއިސް ތަކަށް ފެނަކައިން 8.8 މިލިޔަންރުފިޔާ އަރާފައިވާ ކަމަށާއި، އެ ފައިސާއަކީ ކެމްޕިއަން މޯކްޑިވްސް އަށް ދައްކަންޖެހޭ ފައިސާ ކަމަށް ދެފަރާތުގެ އިއުތިރާފުން ސާބިތުވާ ކަމަށާއި، އެ ފައިސާގެ ތެރެއިން އިއްޔެ އާއި ހަމައަށް އެ ފަރާޓަށް ނުލިބިވާ ފައިސާގެ އަދަދަކީ 6 މިލިޔަން ރފިޔާކަން، ހުށަހަޅާފައި ހުރި ކިތާބީ ހެކި ތަކުންނާއި ދައުވާ ކުރި ފަރާތުގެ ބަހުން އެނގޭތީ، އެފައިސާ ކެމްޕިއަން މޯކްޑިވްސް އަށް ލިބިދިނުމުގެ ގޮތުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށް ފެނަކައިގެ މައްޗަށް ސިވިލްކޯޓުން ވަނީ ހުކުމް ކޮށްފައެވެ.