241 ކޮމިޓީގެ މެމްބަރުންގެ އަދަދު 13 އަށް، އެެހެން ކޮމިޓީތައް 11 އަށް

241 ކޮމިޓީގެ މެމްބަރުންގެ އަދަދު 13 އަށް، އެެހެން ކޮމިޓީތައް 11 އަށް

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ މެންބަރުންގެ އަދަދު 13 އަށް ދަށްކޮށް، 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ދާއިމީ އެހެން ކޮމިޓީ ތަކުގެ މެންބަރުންގެ އަދަދަކީ 11 ކަމަށް ފާސް ކޮށްފިއެވެ.

މިއަދު މަސައްކަތް ފެށި 20 ވަނަ ރައްޔިތުންގެ މަޖިލީހުން އެގޮތަށް ފާސްކުރީ، އެ މަޖިލީހުގެ ޤަވާއިދު އެކުލަވާލައި ދާއިމީ ކޮމިޓީތައް ކަނޑައަޅަންދެން، މަޖިލީހުގެ މަސައްކތްތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައެވެ.

މަޖިލީހުގެ 241 ކޮމިޓީއަކީ ޤާނޫނު އަސާސީގެ 241 ވަނަ މާއްދާގެ ދަށުން އުފައްދަންޖެހޭ ކޮމިޓީއެކެވެ. ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ތިއްބެވީ 18 މެންބަރުންނެވެ.

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ ފިޔަވައި މަޖިލީހުގެ ޤަވާއިދުގައި ކަނޑައަޅާފައިވާ ދާއިމީ ކޮމިޓީ ތަކުގެ މެންބަރުންގެ އަދަކީ 11 ކަމަށް ހަމަޖެއްސުމަށްވެސް މަޖިލީހުން މިއަދު ވަނީ ފާސް ކޮށްފައެވެ. އޭގެ އިތުރުން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީ ތަކުންނާއި، ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން މަޖިލީހުގެ ދާއިމީ ކޮމެޓީ ތަކަށް ހަމަޖެއްސުމަށް ބޭނުންވާ ނަންތައް އަންނަ ޖޫން މަހުގެ 2 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ ސެކްރެޓޭރިއޭޓަށް ފޮނުވުމަށްވެސް މަޖިލީހުން ވަނީ ފާސް ކޮށްފައެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާިއރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި މި ހުށަހެޅުއްތަކަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއުއެވެ. އެ ހުށަހެޅުންތައް ފާސްކުރީ އެވަގުތު މަޖިލީހުގެ ޖަލްސާގައި ތިއްބެވި 91 މެންބަރުންގެ ތެރެއިން 88 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *