ރާއްޖެއަކީ ޓެކްނޮލޮޖީގެ އީޖާދުތައް ބޭނުން ކޮށްގެން އިގްތިސޯދު ކުރިއަރުވަން ނަމޫނާ ގައުމެއް: ރައީސް

ޓެކްނޮލޮޖީގެ އާ އީޖާދުތައް ބޭނުން ކޮށްގެން ތަރައްގީ ހާސިލު ކުރުމަށް އެޅިފައިވާ ހުރަސްތައް ނައްތާލާއި ޓެކްނޮލޮޖީގެ އެހީގައި އިގްތިސޯދު ކުރިއެރުވުމުގައި ރާއްޖެއަކީ ނަމޫނާ ގައުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމު ތަކުގެ 4 ވަނަ މަހާސިންތާގެ ހަވާސާގެ ތެރެއިން ކުރިއަށްދިޔަ، ޑިޖިޓަލް ދުނިޔެއެއް ބިނާކުރުމުގެ މުހިއްމުކަމުގެ މައްޗަށް މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބަކަށް މުވާސަލަތީ ގުޅުންތައް ގާއިމްކުރީ ރާއްޖެ އެންމެ ކުޑަކޮށް ތަރައްގީވެފައި އޮތް ގައުމެއްގެ ގޮތުގައި އޮތްވާ ކަމަށެވެ.

ޓެކްނޮލޮޖީއާއެކު ހޯދާ ޑިޖިޓަލް ހައްލުތަކުގެ ސަބަބުން މޫސުމީ ބަދަލުތަކުގެ ގެއްލުން ކުޑަކޮށް، ސިއްހީ ނިޒާމާއި ތައުލީމީ ނިޒާމު ތަރައްގީކޮށް، އޮގްތިސޯދު ޑައިވާސިފައިކޮށް، ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާވެ، ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދޭން މަގުފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އިނޮވޭޝަން އާއި ޓެކްނޮލޮޖީގެ އެހީގައި، ގޮންޖެހުންތައް، ފުރުސަތުތަކަކަށް ބަދަލުކޮށް، އެންމެންނަށް ދެމެހެއްޓެނިވި އަދި ތަަނަވަސް މުސްތަގުބަަލަކަށް މަގުފަހިކޮށްދެވިދާނެ،" ރައީސް ވިދާޅުވިއެވެ.

"ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި ރާއްޖެ ރަމްޒުކޮށްދެނީ ކާމިޔަބީގެ ވާހަކައެއް،"

ރައީސް ވިދާޅުވީ ކުދި ޖަޒީރާ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެއަކީވެސް ވަސީލަތްތައް މަދު، އިގްތިސޯދު ޑައިވާސިފައިކަން ކުޑަ އަދި މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު ގައުމެއް ކަމަށެވެ. އެހެންވެ ސަރުކާރުން އެންމެ ބޭނުންވާ ފެންވަރުގެ ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި، ތަރައްގީގެ މަސައްކަތްތައް ހިންގުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *