އިންޑިޔާގެ ޢާންމު އިންތިޚާބުގައި ހޯދި ކާމިޔާބީ ފާހަގަކުރައްވައި އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވުމާއި ގުޅިގެން އެކަމަށްޓަކައި އިންޑިޔާގެ ބޮޑުވަޒީރު ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާއަށް އިންޑިޔާގެ ބޮޑުވަޒީރު ޝުކުރު އަދާކުރައްވާފައި ވަނީ ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އިންޑިޔާގެ ބޮޑުވަޒީރު ލިއުއްވި މެސެޖުގައި ދިވެހިރާއްޖެއަކީ އިންޑިޔާ އަވަށްޓެރި ޤައުމެއްގެ އިތުރުން އިންޑިޔާ ކަނޑު ހިމެނޭ ސަރަޙައްދުގެ މުހިންމު ބައިވެރިއެއް ކަމުގައި ފާހަގަ ކުރައްވާފައި ވެއެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ގާތުން މަސައްކަތް ކުރެއްވުމުގެ ޝައުޤުވެރިކަން ފާޅު ކުރެއްވިއެވެ.
އިންޑިޔާގެ ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވެ ސޯޝަލް މީޑިޔާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ކުރެއްވި ޕޯސްޓާއި ގުޅިގެން އެމަނިކުފާނަށްވެސް އިންޑިޔާގެ ބޮޑުވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން އިންޑިޔާގެ ބޮޑުވަޒީރު ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓުގައި، ދެޤައުމުން ގުޅިގެން މަސައްކަތްކޮށް ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުން ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައި ވެއެވެ.