5 އަހަރު ކުރިން ކޯޓު ތަކުން ވަކިކުރި 10 އެޑްމިނިސްޓްރޭޓަރުންނަށް ވަޒީފާދޭން އަންގައިފި

5 އަހަރު ކުރިން ކޯޓު ތަކުން ވަކިކުރި 10 އެޑްމިނިސްޓްރޭޓަރުންނަށް ވަޒީފާދޭން އަންގައިފި

މީގެ ފަސް އަހަރު ކުރިން އެކި ކޯޓު ތަކުން ވަކިކުރި އެޑްމިނިސްޓްރޭޓަރުންނަށް ވަޒީފާ ދޭން ސުޕްރީމް ކޯޓުން އަންގައިފިއެވެ.

މި މައްސަލައަކީ ބައެއް މެޖިސްޓްރޭޓް ކޯޓުތަކާއި، ފެމިލީ ކޯޓު އަދި ކްރިމިނަލް ކޯޓުގެ ކޯޓު އެޑްމިނިސްޓްރޭޓަރުންނާއ،ި ހައިކޯޓުގެ ސީނިއާރ ކޯޓު އެޑްމިނިސްޓްރޭޓާގެ މަގާމުގައި ވަޒީފާ އަދާކުރަމުން ދިޔަ 10 ފަރާތް ވަޒީފާއިން ވަކިކުރުމުން، ވަޒީފާ އަނބުރާ ރުޖޫއަ ކޮށްދިނުމަށް އެދި އެފަރާތް ތަކުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ރައްދުވާ ގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ބެލި މައްސަލަ ތަކެކެވެ.

އެ ފަރާތްތަކުން ބުނެފައި ވަނީ ވަޒީފާއިން ވަކިކުރުމަށް ޑީޖޭއޭ އިން ނިންމި ނިންމުމަކީ ވަޒީފާއާބެހޭ ގާނޫނާއި، ބައިނަލްއަގްވާމީ އުސޫލުތަކާއި އަދި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާ ހިލާފު ނިންމުމެއް ކަމަށެވެ. އެހެން ކަމުން އެނިންމުން ބާތިލްކޮށް ދިނުމަށާއި އެ ފަރާތްތަކަކީ އޭރު އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިވެފައިވާ ފަރާތް ތަކެއް ކަމަށް ނުބެލުމަށާއި އެއީ ވަޒީފާގައި ތިބި ބައެއްކަމަށް ކަނޑައަޅައިދިނުމަށް ޓްރައިބިއުނަލް ގައި ވަނީ އެދިފައެވެ.

މި މައްސަލަ ބެލުމަށްފަހު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމީ، އެ ފަރާތްތައް ވަޒީފާއިން ވަކިކޮށްފައި ވަނީ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމް ކުރުމަށް ފަހުގައި ކަމަށް ބުރަނުވެވޭ ކަމަށެވެ. އެހެން ކަމުން އެފަރާތްތައް ވަޒީފާއިން ވަކިކުރުމަކީ އަންފެއާރ ޑިސްމިސަލް އެއް ކަމަށް ކަނޑައަޅައި އެފަރާތް ތަކަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކެއް ކަމަށް ނުބެލުމަށާއ،ި ވަޒީފާގެ ކަންކަން އަލުން ހަމަޖެހޭ ތާރީހާ ހަމައަށް، ވަޒީފާއިން ވަކިކުރިއިރު އަދާކުރި މަގާމުގެ މުސާރައާއި އިނާޔަތްތަކަށްވާ ފައިސާ ނަގައިދިނުމަށް ނިންމުމުގައިވެއެވެ. އަދި ޓްރައިބިއުނަލުން މި މައްސަލަ ނިންމި ދުވަސް ކަމަށްވާ 26 އޮކްޓޫބަރު 2021 ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެކަންތައްތައް ތަންފީޒު ކުރުމަށް ފަހު އެކަން ހަމަޖެހޭތާ ތިން ދުވަހުގެ ތެރޭގައި ލިޔުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެންގުމަށް، ޑީޖޭއޭގެ މައްޗަށް ޓްރައިބިއުނަލުން ވަނީ އަމުރު ކޮށްފައެވެ.

ނަމަވެސް ޓްރައިބިއުނަލްގެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މި މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. ހައިކޯޓުން ކުރި ހުކުމްގައި ވަނީ މި މައްސަލައިގެ އިސްތިއުނާފުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅާފައވާ ނުކުތާ ތަކުގެ މައްޗަށް ރިއާޔަތްކޮށް، އެ މައްސަލަތަކާބެހޭ ގޮތުން ޓްރައިބިއުނަލުން ނިންމި ނިންމުން ބާތިލް ކުރަންޖެހޭ ފަދަ ޝަރުއީ ނުވަތަ ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.

ނަމަވެސް ހައިކޯޓުގެ ހުކުމާމެދުވެސް ހިތްހަމަ ނުޖެހިގެން އެ މައްސަލ ޖޭއެސްދީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. މި މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން މިއަދު ހުކުމްކުރީ، އެ މައްސަލަ ތަކުގައި ހައިކޯޓުން ކުރި ހުކުމްތަކަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *