ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން އިންޑިޔާ ޝައުގުވެރިވޭ: ސައީދު

ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން އިންޑިޔާ ޝައުގުވެރިވޭ: ސައީދު

ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމް ކުރުމަށް އިންޑިޔާ އިން ޝައުގުވެރިކަން ފާޅު ކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭ ގޮތުން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މިނިސްޓަރު ސައީދު ވިދާޅުވީ، އިންޑިޔާ އިސްވެ އެފަދަ އެގްރިމެންޓަކަށްދާން ޝައުގުވެރިވާކަން އެ ގައުމުން ހުށަހެޅީ ވަރަށް ފަހުން ކަމަށެވެ.

"އަޅުގަނޑު ވަރަށް ފަހުން އިންޑިޔާއާއެކު ކުރި މަޝްވަރާ ތަކެއްގައި ހަމަ އެބޭފުޅުން އިސްވެ ބޭނުންވޭ ދިވެހި ރާއްޖެއާއެކު ފްރީ ޓްރޭޑް އެގްރީމެންޓެއް އޮންނަން ވަކިން ހަމަ ސަފްޓާގެ އިތުރަށްވެސް،" ސައީދު ވިދާޅުވިއެވެ.

ސަފްޓާ އަކީ ދެކުނު އޭޝިޔާގެ ގައުމު ތަކުގެ މެދުގައި 2004 ވަނަ އަހަރު ގާއިމްކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުން (ސައުތު އޭޝިއަން ފްރީ ޓްރޭޑް އެގްރީމެންޓް) އެވެ.  މި ސަރަހައްދު އިގުތިސޯދީ ގޮތުން ބާރުވެރިކޮށް ވިޔަފާރިއަށް ފަހިކުރުމުގެ ގޮތުން ސޮއިކުރި އެ އެއްބަސްވުމުގައި ރާއްޖޭގެ ބައިވެރިވުން ހިމެނެއެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރު ޗައިނާއާއެކު ގާއިމް ކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މިއަހަރު ތެރޭގައި އަމަލުކުރަން ފެށޭނެ ކަމަށެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ޗައިނާއާއެކު ރާއްޖެއިން ސޮއި ކުރީ 2014 ވަނަ އަހަރުއެވެ. އެއްބަސްވުމަށް އަމަލު ކުރުމަށް 2017 ވަނަ އަހަރު މަޖިލީހުން ރުހުން ލިބިފައިވާއިރު 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު އެ އެއްބަސްވުމަށް އަމަލު ކުރުން އޮތީ މަޑުޖެހިފައެވެ.

ނަމަވެސް މިނިސްޓަރު މިއަދު ވިދާޅުވީ ޗައިނާއާއެކު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފެށުމަށްޓަަކައި މަޖިލިސް ހުޅުވުނުހާ އަވަހަކަށް ރުހުން ހޯދުމަށް ހުށަހަޅުއްވާނެ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން 296 ބާވަތެއްގެ ސީފުޑް ޗައިނާއަށް އެއްވެސް ޓެރިފަކާއި ނުލައި އެކްސްޕޯޓު ކުރެވޭނެ ކަމަށާއި، އެކަމުގެ ސަބަބުން ދިވެހ ވިޔަފާރިވެރިންނަށް ގިނަ ފައިދާ ތަކެއް ލިބިގެން ދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *