ނުރައްކާތެރި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ފެންޓަނީލް ލޭސްޑް ޑްރަގް ހޯމް މިނިސްޓްރީގެ ސަމާލު ކަމަށް އައިސްފައި ވަނީ މަރުވެފައި އޮތް ދެ މީހެއްގެ ހަށިގަނޑު މާލެއިން ފެނުނު ފަހުންކަން އެނގިއްޖެއެވެ.
ބަންޑާރަ ކޮށީގެ އެޕާޓްމެންޓުންނާއި، މާފަންނު ގެއެއްގެ ތެރެއިން މިފަހުން ވަނީ މަރުވެފައިވާ ދެ މީހެއްގެ ހަށިގަނޑު ފެނިފައެވެ. އެ ހަށިގަނޑުތައް ފެނިފައި ވަނީ ކުނިވާން ފަށައިފައި ވަނިކޮށެވެ. ފުލުހުން ވަނީ ދެ ހަށިގަނޑުވެސް ޕޯސްޓް މޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވައިފައެވެ.
"މާލޭ ޓައިމްސް" ކަށަވަރުވެފައިވާ ގޮތުގައި ފެންޓަނީލް ލޭސްޑް ޑްރަގް ހޯމް މިނިސްޓްރީގެ ސަމާލު ކަމަށް އައިސްފައި ވަނީ އެ ދެ މަރަށްފަހުއެވެ.
ބަންޑާރަކޮށިން މަރުވެފައިއޮއްވާ ފެނުނު މީހާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާ ސާބިތުވެ ޖަލަށްލައި، ފަހުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ މާފުގެ ތެރެއިން މިނިވަންވެފައިވާ މީހެކެވެ. މާފަންނު ގެއަކުން މަރުވެފައި އޮތްވާ ފެނުނީވެސް މަސްތުވާތަކެތީގެ އެކި ކުށުގެ ރިކޯޑު އޮންނަ މީހެކެވެ.
ހޯމް މިނިސްޓްރީގެ އިސްފަރާތަކުން ވިދާޅުވީ އެ ދެ މަރުގެ ތަހުގީގުގެ ތެރެއިން ފެންޓަނީލް ލޭސްޑަ ޑްރަގް ރާއްޖޭގެ މާކެޓުގައި ހުރިކަން އެނގިގެން ދިޔަ ކަމަށެވެ.
"އެކަމަކު ނޭނގެ ސީދާ އެ ޑްރަގަ އެތެރެ ކުރަނީ ކަމެއް، ނޫނީ އެހެން އެއްޗެއްކާ މިކްސް ކޮށްގެން ގެންނަނީ ކަމެއް. ބައެއް މީހުން އެބަބުނޭ ފެންޓަނީލް މިކްސް ކޮށްފައި ހުރި އެއްޗެހި ބޯކަމަށް" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފެންޓަނީލް ލޭސްޑް ޑްރަގް ބޭނުން ކުރަމުންދާ ކަމަށް ބޮޑަށް ބެލެވިފައި ވަނީ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މެތަޑޯން ފަރުވާ ނަގަމުންދާ މީހުން ކަމަށެވެ.
އެންޑީއޭއާއި ގުޅިގެން ރާއްޖޭގެ މާކެޓުގައި އެ މަސްތުވާތަކެތި ހުރި މިންވަރު ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވާ އެތެރެހަށީގެ ޑޮކްޓަރެއް ކަމަށްވާ ޑރ. މުހައްމަދު އަލީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަށިގަނޑުގައި އިންފެކްޝަން އުފެދިގެން އެޑްމިޓްކުރާ ބައެއް މީހުން ވަނީ ފެންޓަނީލް ލޭސްޑް ޑްރަގް ކޮންމެވެސް އެހެން ބާވަތެއްގެ މަސްތުވާތަކެއްޗާ މިކްސް ކޮށްގެން ބޭނުންކުރާ ކަމަށް މައުލޫމާތު ދީފައި ކަމަށެވެ.
ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ބައިނަލްއަގުވާމީ މާކެޓުގައި ފުޅާ ދާއިރާއެއްގައި ފެންޓަނީލް ލޭސްޑް ޑްރަގްސް އުފައްދައި އެ ދައުރު ކުރަމުންދާ ކަމަށެވެ.
ފެންޓަނީލް ލޭސްޑް ޑްރަގްއަކީ ބާރުގަދަ ކެމިކަލް ތަކެއް އެއްކޮށްގެން އުފައްދާ އެއްޗެއް ކަމަށާއި، ފެންޓަނީލް ލޭސްޑް ޑުރަގް ބޭނުން ކުރުމުގެ ސަބަބުން ފުރާނައަށް ނުރައްކާވެސް ވެދާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ. އެ ބާވަތުގެ މަސްތުވާތަކެތީގެ ބާވަތް ދައުރުވަމުންދާ މިންވަރު އިތުރުވެފައި ވާތީ އަޅަންޖެހޭ ފިޔަވަޅުތަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއެމްއޭ) އާއި ކަމާގުޅުން ހުރި މުއައްސަސާތައް ގުޅިގެން ކުރަމުންދާ މިނިސްޓްރީން ބުންޏެވެ.
2 Responses
އަދިވެސް ބޯލާބޯލާ ކޮއްކޮމެންނޭ. ބޮއިގެން ފަޅު ގެތަކުން ނެރެން މިޖެހެނީ ގަބުރުތައް. ކީއްކުރާނީ. އަތުޖެހުނު އެއްޗެއް ބޮނީ
އަންނި ކީކޭތަ މި ވާހަކައަށް ބުނަނީ. އޭނަ ބުނީ ބާރުދެރަ އެއްޗެހި ބުޔަސް އޯކޭވާނޭ. ދެން ބާރުގަދަ އެއްޗެހިވެސް ޓެސްޓް ކުރަންވާނެތާ. ބާރުގަދަ ކަމުން މަރު. އަންނިގެ ކޮމެންޓެއް އަހަރެމެން ބޭނުމީ. އޭނަ ގާނާއަށް ކަނޑާލި ގޮތަށް ނާންނަނީތަ