މިފްކޯގެ ސީއީއޯ ޝަމާހު މަގާމުން ވަކިކޮށްފި

މިފްކޯގެ ސީއީއޯ ޝަމާހު މަގާމުން ވަކިކޮށްފި

ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު މަގާމުން ވަކިކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މިރޭ ބުނީ މިފްކޯގެ ސީއީއޯގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުކަމުން ޝަމާހު މިއަދު ވަކިކުރައްވައިފައިވާ ކަމަށެވެ.

ޝަމާހު މިވަގުތު ހުންނެވީ ތައިލެންޑުގައި ކުރިއަށްދާ 18 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެގްޒިބިޝަންގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމުގަައެވެ.

ޕީސީބީން ވަނީ މިމަހުގެ 18 ވަނަ ދުވަހު ޝަމާހުއާ ގުޅޭގޮތުން މައްސަލަތަކެއް ބަލަމުންދާތީ އޭނާ ސަސްޕެންޑުކޮށްފައެވެ. ސަޝްޕެންޝަން އުވާލައި އޭނާަާއާ އަލުން މަސްއޫލިއްޔަތުތައް ހަވާލުކުރީ އެޕްރީލް މަހުގެ 24 ވަނަ ދުވަހުގައެވެ.

ޝަމާހުއާ ގުޅޭގޮތުން 12 މައްސަލައެއް ބަލަމުންދާ ކަމަށް ޕީސީބީން ބުނެފައިވެއެވެ.

ޕީސީބީން ޝަމާހުއާ ގުޅޭގޮތުން ބަލަމުންދިޔަ މައްސަލަތައް:

މިފްކޯގެ ދާއިމީ މުވައްޒަފުންނަށް ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި ވަޒީފާގެ ބިރުދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި މުވައްޒަފުންނަށް ވަޒީފާއާބެހޭ ގާނޫނު ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ދަށްކުރުމާއި ސަބަބެއް ނެތި އެހެން ޑިޕާޓްމެންޓުތަކަށާއި ކުންފުނީގެ ސައިޓުތައް ހުންނަ ރަށްރަށަށް ބަދަލުކުރުން
މިފްކޯގެ މުވައްޒަފުން ނެގުމާ ގުޅޭގޮތުން ހަދާފައިވާ ޕޮލިސީތަކާއި މުސާރައިގެ އޮނިގަނޑާ ހިލާފަށް ސީއީއޯގެ އާއިލީ ގުޅުންހުރި ފަރާތްތަކަށާއި ރަށްޓެހިންނަށް ބަޖެޓު ނެތް އިރުވެސް ވަޒީފާދިނުން
ޕީސީބީގެ ހުއްދަ ހޯދުމަކާ ނުލައި މިފްކޯގައި މަގާމުތައް އުފައްދައި އެ މަގާމު ތަކަށް މީހުން ނެގުން
ހެޑު ހަންޓް ކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވާއިދާ ހިލާފަށް، އެއްވެސް ޝަރުތުތަކަށް ބެލުމެއް ނެތި، އިއުލާނު ނުކޮށް މުވައްޒަފުން ނެގުމާއި އިޖުރާތުތައް ފުރިހަމަ ނުކޮށް މުވައްޒަފުން ވެއްދުން
އުސޫލުތަކާ ހިލާފަށް އެކަށީގެންވާ ތައުލީމާއި ތަޖުރިބާއެއް ނެތް ފަރާތްތައް މިފްކޯގެ ޑިޕާޓްމަންޓުތަކުގެ ވެރިންނަށް ލުން
ސީއީއޯ ރަސްމީ ދަތުރުތަކުގައި ވަޑައިގަންނަވާ އިރު މިފްކޯގައި ހެދިފައިވާ ޑެލިގޭޝަން މެޓްރިކްސްއާ ހިލާފަށް ކަމާ ނުބެހޭ މުވައްޒަފުންނާއި މިފްކޯ ހިންގުން ހަވާލުކުރުން
މިފްކޯގެ އޮޓް ބިޑު ކޮމިޓީ ބަދަލުކޮށް، ބެސްޓްޕްރެކްޓިސްއާ ހިލާފަށް ގާތް މީހުން އެކޮމިޓީއަށް ލުން
މިފްކޯގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވާލާނެކަމުގެ ބިރުދެއްކުމާއި އިންޓާނަލް އޮޑިޓްގެ މަސައްކަތްތައް މިނިވަން ކަމާއެކު ކުރިއަށް ގެންދިއުމަށް ހުރަސްއެޅުން
ރަސްމީ ބޭނުމެއްގައި ނޫންގޮތަށް ސީއީއޯގެ އާއިލީ ބޭފުޅުން އޮފީހަށް ގެނައުން
މިފްކޯގެ މުވައްޒަފުން ނޫން ފަރާތްތަކަށް، މިފްކޯގެ ތަންތަނަށް ވަދެ ނުކުމެ އުޅުމުގެ ފުރުސަތު ހުޅުވާފައި ބޭއްވުމާއި ވަސީލަތްތަކަށް އެކްސެސް ވެވުން
މިފްކޯގެ މާލީ ހާލަތު ހުރިގޮތަށް ނުބަލައި ސީއީއޯ ރާއްޖޭން ބޭރު ދަތުރުތައް ކުރުމާއި ދަތުރުކުރާ އިރު، ބިޒްނަސް ކްލާސް ބޭނުންކުރުމާއި މަސައްކަތާ ނުގުޅޭ މުވައްޒަފުން ދަތުރުތަކުގައި ބައިވެރިކުރުން

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *