ބައްސާމަކީ ކުށްވެރިއެއް ކަމަށް ދޭހަ ކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް: ކޯޓު

ބައްސާމަކީ ކުށްވެރިއެއް ކަމަށް ދޭހަ ކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް: ކޯޓު

ދައުލަތުން ޚިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާ، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުށްތައް ސާބިތު ނުވަނީސް އޭނާއަކީ ކުށްވެރިއެއް ކަމަށް ދޭހަ ކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ކުރިމިނަލް ކޯޓުން ބުނެފިއެވެ.

އެއީ ބައްސާމްގެ އެދުމުގެ މަތިން ނެރެދިން އަމުރެކެވެ. ބައްސާމް އެފަދަ އަމުރަކަށް އެދުނީ އޭނާގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން ޕާސްޕޯޓް ހިފައްޓައިފައިވާ މައްސަލައިގެ އަޑު އެހުމުގައެވެ. ކުރިމިނަލް ކޯޓުގެ އެ އަމުރުގައި ބުނީ ޖިނާއީ ކުށެއް ކުރިކަމުގެ ދައުވާ އެމީހެއްގެ މައްޗަށް އުފުލިފައިވާ ކޮންމެ ފަރާތަކީ ކޯޓުން އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ކުށެއް ނެތް މީހެއް ކަމުގައި ބެލުމުގެ ހައްގު ލިބިގެންވާ މީހެއް ކަމަށެވެ.

ބައްސާމްގެ މައްޗަށް އުފުލާފައިވާ ދައުވާ އާ ގުޅިގެން އެ ކޯޓުން ވަކިގޮތަކަށް ނިންމުމުގެ ކުރިން އެ ހައްގަށް އަސަރު ކުރާ ގޮތަށް އެންމެހައި ފަރުދުންގެ ހައްގުތަކާއި މިނަވަންކަން ނެގެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތްތަކުން ހިޔާލު ފާޅުކޮށް ނުހެދުމަށް އަމުރު ކުރާ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

"މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުންކަމުގައި ބެލިދާނެ އަމަލެއް ކަމުގައި އަންގަމެވެ،" އެ ކޯޓުން ނެރުނު އަމުރުގައި ބުނެފައިވެ އެވެ.

ބައްސާމުގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންނާއި ހިޔާނާތުގެ އިތުރު މައްސަލަތަކެއް ވެސް ފުލުހުން ދަނީ ބަލަމުންނެވެ. އެ މައްސަލަތަކުގެ ތަހުގީގަށް ފުލުހުން ވަނީ މީގެ ކުރިން އެފްއޭއެމް ބަލައިފާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *