އިރާންގެ ރައީސް، އިބްރާހިމް ރައިސީ ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރާއި އަދި ރައީސް ވެސް ނުފެންނަ ކަމަށް އެގައުމުގެ ނޫސް ތަކުން ރިޕޯޓް ކޮށްފިއެވެ.
އަޒަރުބައިޖާނު ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށް ފަހު އެނބުރި އީރާނަށް ވަޑައިގަންވަނިކޮށް ރައީސް ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރަށް ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން ވަނީ އެމަޖެންސީގައި ލޭންޑު ކޮށްފައެވެ.
ހެލިކޮޕްޓަރަށް ޓެކްނިކަލް މައްސަލަ ތަކެއް ދިމާވުމުގެ ސަބަބުން ލޭންޑް ކޮށްފައި ވަނީ އިރާނުގެ ރިމޯޓް އޭރިއާއެއް ނުވަތަ މީހުން އާބާދު ވެފައިނުވާ ދުރު ހިސާބަކަށެވެ. މޫސުން ގޯސްވުމުގެ ސަބަބުންނާއި މުވާސަލާތި ހިދުމަތް ނެތް ސަރަހަދެއްގަައި އެ ހާދިސާ ހިނގުމުގެ ސަބަބުން ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަން ކުރިއަށް ގެންދިޔުމުގައި ދަތިތަކެއް ވަނީ ދިމާވެފައެވެ.
މޫސުމީ ދަތިތަކާއެކުވެސް އިރާނުގެ އަސްކަރިއްޔާއިން ވަނީ ރައީސް ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ފަށައިފައެވެ. އިރާންގެ ނޫސް ތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިރާނިއަން ރިވޮލިއުޝަނަރީ ގާޑްސްގެ ސާބެރިއަން ސްޕެޝަލް ފޯސް އަދި 65 ވަނަ އެއާބޯން ސްޕެޝަލް ފޯސް ބްރިގޭޑް ސިފައިން ވަނީ ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދުގައި ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަން ފަށައިފައެވެ. މިއީ އިރާންގެ އަސްކަރިއްޔާގެ އެންމެ އެލީޓް ސިފައިން ކަމަށް އިރާންގެ ނޫސް ތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
މީގެއިތުރުން ޑްރޯން ބޭނުން ކޮށްގެންވެސް ރައީސް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް ހެލިކޮޕްޓަރު އެމަޖެންސީގައި ލޭންޑުކުރި ސަރަހައްދުގެ މޫސުން ގޯސްވުމުގެ ސަބަބުން ވިޒިބިލިޓީ ނުވަތަ ދުރުމިން ފެންނަނީ އެންމެ ފަސް މީޓަރަށެވެ. ހެލިކޮޕްޓަރު ލޭންޑު ކޮށްފައި ވަނީ ޖަންގަލީގެ ތެރެއަށް ކަމަށްވުމުން ވައިގެ ޒަރިއްޔާއިން ކުރަމުންދާ މަސައްކަތައް މާބޮޑު ކާމިޔާބީއެއް ލިބިފައިނުވެއެވެ.
ހެލިކޮޕްޓަރު ހޯދަން 40 އަށް ވުރެ ގިނަ ރެސްކިއު ޓީމުތައް ދަނީ ހަރަކާތްތެރި ވަމުންނެވެ.