އޭސީސީން ވަނީ މިދިޔަ އަހަރު ދައުލަތަށް ގެއްލުނު 50,370,512.75 ރުފިޔާ މިލިއަން ރުފިޔާ ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައި ކަމަށާއި، ނަމަވެސް އެ ފަރާތްތަކުން އެންމެ ރުފިޔާއެއް ވެސް ހޯދާފައިނުވާ ކަމަށް އޭސީސީން ބުނެފިއެވެ.
އޭސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްއެމްޕީއާރްސީއަށް 40,475,200.00 ރުފިޔާ ހޯދުމަށް އަންގާފައިވާނެ ކަމަށެވެ. އެމްޓީސީސީއަށް 8,481,000.00 ރުފިޔާ އަދި ފެނަކަ ކޯޕަރޭޝަނަށް 1,389,342.00 ރުފިޔާ ހޯދުމަށް އަންގާފައިވާނެ ކަމަށެވެ. މީގެއިތުރުންވެސް، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދައުލަތުގެ ބައެއް އިދާރާ ތަކަށް އަންގާފައިވާނެ ކަމަށް އޭސީސީން ބުންޏެވެ.
"ނަމަވެސް، 2023 ވަނަ އަހަރު ދައުލަތަށް ހޯދުމަށް އަންގާފައިވާ އެއްވެސް ފައިސާއެއް މިހާތަނަށް ދައުލަތަށް އަނބުރާ ލިބިފައި ނުވާކަން ފާހަގަ ކުރަމެވެ." އޭސީސީން ބުންޏެވެ.
ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާ، އަނބުރާ ހޯދުމަށްޓަކައި އިދާރާ ތަކުން މަސައްކަތް ކޮށްފައިވާ މިންވަރު ބަލައި މޮނިޓާ ކުރުމަށް 2022 ވަނަ އަހަރު އެކަމަށް ޚާއްސަ ނިޒާމެއް ކޮމިޝަނުގައި ގާއިމް ކޮށްފައިވާނެ ކަމަށް އޭސީސީން ބުންޏެވެ. އެ ނިޒާމުގެ ތެރެއިން އިދާރާ ތަކުން އަމަލު ކޮށްފައިވާ މިންވަރު ބެލި ބެލުމުގައި، ދައުލަތުގެ އިދާރާ ތަކުން މިކަމުގައި އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާތީ، ޤާނޫނީގޮތުން މިކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އޭސީސީން ބުންޏެވެ.
ކޮރަޕްޝަނުގެ މައްސަލަތަކާއި ގުޅިގެން ދައުލަތަށް ހޯދަންޖެހޭ ފައިސާ ހޯދުމުގެ މަސްއޫލިއްޔަތު އޮންނަނީ އޭސީސީއަށް ނޫންކަން ފާހަގަކޮށް، އޭސީސީން ބުނީ އެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަ ތަކުގައި، ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ހިމެނޭކަން ތަހުގީގަށް ފާހަގަ ކުރެވިއްޖެނަމަ، އެފައިސާއެއް ދައުލަތަށް ހޯދުމަށްޓަކައި، އެކަމުގެ ޒިންމާ އޮންނަ ފަރާތަކަށް އަންގާ ކަމަށެވެ.