ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސް ރޫމްތައް އޭސީ ކުރުމުގެ މަސައްކަތް މިމަސް ތެރޭގައި ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ޝަފީއު ފޭސްބުކުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްކޫލުތައް އޭސީ ކުރަން ނިންމާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ، ލަފާފުޅުގެ މަތިން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ދެ އަހަރު ތެރޭގައި ކޮމިއުނިޓީގެ އެހީތެރިކަމާއެކު ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާނަން. އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއެކު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މި މޭ މަހުގެ ފަހު ހަފްތާގައި އިފްތިތާހު ކުރާނަން" ޝަފީއު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ތެރޭގައި ޓީޗަރުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމެއްވެސް ފަށާނެ ކަމަށާއި، އެ ޕްރޮގްރާމްއާއެކު މުދައްރިސުންނަކީ ގަދަރުވެރި ބައެއް ކަމަށް ހެދުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. ސްކޫލް ތަކުގައި މުދައްރިސުން ހޭދަކުރާ ވަގުތު މަދުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިއަހަރު ފަށާ ދިރާސީ އަހަރުގައި ތައުލީމީ ނިޒާމަށް ހެޔޮ ބަދަލު ތަކެއް އަންނާނެ ގިނަ ޕްރޮޖެކްޓު ތަކެއް ފެށުމަށް ރޭވިފައިވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.
ސްކޫލުތަށް އޭސީ ކުރަން ހަމަޖެހިފައިވާ ވާހަކަ ޝަފީއު ވިދާޅުވެފައި މިވަނީ ސްކޫލް ތަކުގެ ކްލާސްރޫމްތައް ހޫނު ކަމުގެ ޝަކުވާ ބެލެނިވެރިން ކުރަމުންދާ ދަނޑިވަޅެއްގައެވެ. ރާއްޖޭގެ ހޫނުމިން މައްޗަށް ދާތީ އޭސީއާ ނުލައި ކިޔަވައިދިނުން ކުރިއަށް ގެންދިއުން ރަނގަޅު ނޫން ކަމަށްވެސް ބައެއް ބެލެނިވެރިން ދަނީ ބުނަމުންނެވެ.